Roadha Mihaaru
އިތުރުގަޑީގެ ފައިސާދޭ އުސޫލު ބަދަލުކުރަން ގޮވާލައިފި

ސިއްހީ މަސައްކަތްތެރިންގެ އިތުރު ގަޑީގެ ފައިސާގެ އުސޫލާ މެދު ކަންބޮޑުވުންތަކެއް

20 މެއި 2020

ސިއްހީ މަސައްކަތްތެރިންނަށް އިތުރު ގަޑީގެ ފައިސާ ދޭ ގޮތަށް ބަދަލު ގެންނަން، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން މިއަދު ގޮވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިއްހީ މަސައްކަތްތެރިންނަށް އިތުރު ގަޑީގެ ފައިސާ ދޭ ގޮތަށް ބަދަލު ގެންނަން، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން މިއަދު ގޮވާލައިފި އެވެ.

އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ މި ހާލަތުގައި މަސައްކަތްކުރަން ޖެހުނުއިރު 19 ގިންތިއެއްގެ ސިއްހީ މަސައްކަތްތެރިން ތިބީ ވަޒީފާގެ ރައްކާތެރިކަމާއި އޮނިގަނޑެއް ނެތި އަސާސީ މުސާރަ އަށް އެންމެ 5،610ރ. ލިބޭ އުސޫލަކުން ކަމަށެވެ. އެކަން އެހެން އޮއްވައި، މިިދިޔަ އާދިއްތަ ދުވަހު ފިނޭންސް މިނިސްޓްރީން ނެރުނު މުސާރައިގެ އާ އުސޫލާ އެކު، ސިއްހީ ހިދުމަތްތެރިންނަށް ގެއަށް ގެންދަން ލިބޭ ވަރު މަދުވެގެންދާނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

އިމަޖެންސީ މި ހާލަތުގައި ވެސް މަސައްކަތްތެރިންނަށް ލިބެންވާ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އެ މީހުންގެ އާއިލާތަކަށް ސީދާގޮތުންނާއި ނުސީދާގޮތުން ނޭދެވޭ އަސަރުކުރަމުންދާ ކަން ބަޔާނުގައި ފާހަގަކުރި އެވެ.

އެހެންވެ އިތުރުގަޑީގައި ކުރާ މަސައްކަތަށް ލިބެންޖެހޭ ފައިސާ ހިސާބުކުރާ ގޮތް ބަދަލުކުރަަން ފިނޭންސް މިނިސްޓްރީ އަދި ކަމާބެހޭ އިދާރާތަކަށް އެ ޖަމިއްޔާ އިން ގޮވާލާފައިވެ އެވެ.

"ފާއިތުވި އަހަރުތަކުގައި އަދި އާއްމު ހާލަތުގައި ވެސް ސިވިލް ސާވިސްގެ ސިއްހީ މަސައްކަތްތެރިންނަށް ކަނޑައެޅޭ މަސައްކަތު ގަޑީގެ އިތުރަށް ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާ ދެވެމުން އައި ކަމާއި ސިއްހީ މަސައްކަތްތެރިންގެ އާމްދަނީ ބިނާވަނީ އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތަކުގެ މައްޗަށް ކަމަށްވީ ހިނދު، މިފަދަ ސިއްހީ ކާރިސާއެއްގައި ފުރާނަ އަތްމައްޗަށް ލައިގެން، އާއިލާއާ ދުރުގައި ރެ އާއި ދުވާލު މަސައްކަތްކުރަމުން އަންނަ ސިއްހީ ހިދުމަތްތެރިންނަށް ލިބޭ ޖުމްލަ އާމްދަނީން ބައެއް އުނިވެގެން ދާގޮތަށް ސަރުކާރުގެ ފަރާތުން އެކުލަވައިލެވުނު އުސޫލު، މި ޔުނިއަނުން ބަލައިނުގަންނަ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ އާ އުސޫލުގައިވާ ގޮތުން ސަރުކާރުގެ މުވައްޒަފުން ހަފްތާއަކު 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކޮށްފި ނަމަ އިތުރުގަޑީގެ ފައިސާ ދޭނެ އެވެ.

ރޯދަ މަހު، އެހާ ގިނަ ވަގުތު ބުރަކޮށް މަސައްކަތްކުރަމުން އަންނަނިކޮށް، އޯޓީ ދިނުމުގެ އުސޫލަށް ގެނައި ބަދަލާމެދު ސިއްހީ ހިދުމަތްތެރިން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އެކަމުގެ ނުރުހުން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައި ވެ އެވެ.

ރޯދަ މަހު، ސިވިލް ސާވެންޓުންނާ އެއްގޮތަށް ސިއްހީ ހިދުމަތްތެރިން ވެސް ރަސްމީ މަސައްކަތު ގަޑިއަކީ ހަތަރު ގަޑިއިރެވެ. އެކަމަކު ހަ ހަޑިއިރު މަސައްކަތް ކުރަންޖެހެ އެވެ. އެ ވަގުތު ކަނޑައަޅާފައިވަނީ އޯޓީގެ ގޮތުގަ އެވެ. ނަމަވެސް ފިނޭންސުން އެންމެ ފަހުން ހަމަޖެއްސި އެ އުސޫލުގެ ދަށުން އެ ދެ ގަޑިއިރުގެ އޯޓީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ނުލިބޭނެ އެވެ. ރޯދަ ނޫން މަސް މަހުގައި، މަސައްކަތު ގަޑިއަކީ ހަފުތާގެ ހަ ދުވަހު، ދުވާލަކު ހަ ގަޑިއިރެވެ. އެކަމަކު އިތުރު ދެ ގަޑިއިރާއެކު އަށް ގަޑިއިރު މަސައްކަތްކުރަންޖެހެ އެވެ. ނަމަވެސް އެ ޔޫނިއަނުން ބުނިގޮތުގައި، ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާގެ ބައެއް ފަރާތްތަކުން 12 ގަޑިއިރު ވެސް މަސައްކަތްކުރަމުން ދެ އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ. އެލަވަންސްގެ ފުރަތަމަ ކެޓަގަރީ އަކީ ހައި ރިސްކް ކެޓަގަރީ އެވެ. އެފަރާތްތަކަށް އެލަވަންސެއްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 500ރ. އެވެ.

ދެވަނަ ކެޓަގަރީ އަކީ މީޑިއަމް ރިސްކް އޮންނަ ފަރާތްތަކެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތްކުރަން ނުޖެހުނަސް، އެގޮތަށް މަސައްކަތް ކުރާ ފަރާތްތަކާ އެކުގައި މަސަައްކަތް ކުރަން ޖެހޭ ފަރާތްތަކެވެ. މީޑިއަމް ރިސްކް އޮންނަ ފަރާތްތަކަށް އެލަވަންސެއްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 250ރ. އެވެ.

ތިން ވަނަ ކެޓަގަރީގެ މީހުންނަކީ ކުރީގެ ދެ ކެޓަގަރީއަށް ނުފެތޭ މީހުންގެ ތެރެއިން ނެޝަނަލްް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިރު މަސަައްކަތް ކުރާ މީހުންނެވެ. އެ ފަރާތްކަށް ދޭނީ މަަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 200ރ. އެވެ.