30 ޖުލައި 2020
"ހުވާކޮށްފާ ބުނަން" ގެ ނަމުގައި ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކުރާ ސިލްސިލާއެއްގެ މަސައްކަތް ފަށައިފި އެވެ.
"ހުވާކޮށްފާ ބުނަން" ގެ ނަމުގައި ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކުރާ ސިލްސިލާއެއްގެ މަސައްކަތް ފަށައިފި އެވެ.
ހުޅުމާލޭގައި މިހާރު ޝޫޓްކުރަމުން އަންނަ މި ސިލްސިލާގެ ބަތަލުންނަކީ އަލީ އާޒިމް (ދޮން އައްޔަ) އާއި އަހުމަދު އީސަ (އާނަންދު) ގެ އިތުރުން އަބްދުﷲ ޝާފިއު (ފުބޫ) އަދި އަހުމަދު ސައީދެވެ. "ހުވާކޮށްފާ ބުނަން" ގެ ބަތަލާއިންނަކީ ޔޫއްޕެ މިދިޔަ އަހަރު ގެނެސްދިން ފިލްމު "ދެވަންސޫރަ" އިން ތައާރަފުކުރި މަރިޔަމް ޝިފާގެ އިތުރުން ބައިސްކޯފުން ގެނެސްދިން "ތިން ބިބީ" ގެ ކާސްޓްގައި ހިމެނުނު އަދި އައިސް ޓީވީން މިހާރު ދައްކާ ސިލްސިލާ "ފުރަބަންދުގައި" ވެސް ހިމެނޭ ވާޝިޔާ މުހައްމަދު (ޝިޔާ) އާއި ނަތާޝާ އެވެ. މި ތަރިންގެ އިތުރުން ވެސް ސީރީޒްގެ ރޯލްތަކުން އެކިއެކި ފަންނާނުން ފެނިގެންދާނެ އެވެ.
ޔޫއްޕެ އަމިއްލަ ފިލްމު ކުންފުނިން މުޅިން އަލަށް ހަދާ "ހުވާކޮށްފާ ބުނަން" އަކީ ތިން ސީޒަނަކަށް ގެނެސްދޭނެ އެއްޗެކެވެ. އެގޮތުން ކޮންމެ ސީޒަނެއްގައި ހިމެނޭނީ 26 އެޕިސޯޑެވެ. ސީީރީޒްގެ ފުރަތަމަ ސީޒަން އަންނަ ސެޕްޓެމްބަރު މަހުގެ 15 ހިސާބުގައި އާންމުންނަށް ފެންނަވަރު ވާނެ ކަމުގެ އުންމީދު ވެސް ބޮޑު ކަމަށް ޔޫއްޕެ ބުންޏެވެ.
ޝިފާ.
"އެކަމަކު މީތި ފެންނާނީ ކޮން ޕްލެޓްފޯމަކުން ކަމެއް އަދި ބުނާކަށް ނޭނގޭ. ދެ ފަރާތަކާ އެކު އެބަ ވާހަކަ ދެކެވޭ،" ދެވަންސޫރަ އިން މިދިޔަ އަހަރު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް ހޯދި ޔޫއްޕެ ބުންޏެވެ.
އޭނާ ބުނީ "ހުވާކޮށްފާ ބުނަން" އަކީ މުޖުތަމައު ތެރޭގައި ހުރި ގިނަ މައްސަލަތަކެއް ދައްކުވައިދޭނެ އެއްޗެއް ކަމަށެވެ.
"ބެލުންތެރިންނަށް ކަމުދާ ކަހަލަ އަދި މުހިއްމު މެސެޖްތަކެއް ވެސް ލިބޭނެ ކަހަލަ އެއްޗަކަށް މީތިވާނެ،" ޔޫއްޕެ ބުންޏެވެ. "އަހަރެމެން މީގެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައި އޮތީ ކޮންމެ އެޕިސޯޑެއް ވެސް ޝޫޓްކޮށް ނިންމާލުމަށް ފަހު، އެ އެޕިސޯޑްގެ ހުރިހާ މަސައްކަތެއް ނިންމާލައި އަނެއް އެޕިސޯޑް ފަށަން. ފުދޭ ވަރަކަށް ރަނގަޅަށް މަސައްކަތް ކުރިއަށް އެބަދޭ. ޓައިމްވެގެން ވަރަށް ހަމަޖެހިލައިގެން މަސައްކަތް ކުރިއަށް ދަނީ."
ޝިޔާ.
އޭނާ ބުނީ މި ވަގުތު ސީރީޒެއް ހަދަން ނިންމި އެއް ސަބަބަކީ ކޮވިޑް-19 އާ ހެދި ފިލްމެއްގެ މަސައްކަތްކުރުމަކީ މި ވަގުތަށް މާ ފަސޭހަކަމަކަށް ނުވެފައި، މަސައްކަތެއްގެ ތެރޭގައި އުޅެލުމުގެ ބޭނުމުގަ އެވެ.
"އަސްލު ހުސްކޮށް ހުންނަން ބޭނުންނުވާތީ މިކަހަލަ ޕްރޮޖެކްޓަކަށް ދާން ނިންމީ. އަހަންނަކީ ތެދަށް ބުނަންޏާ ސީރީޒެއް ހަދާ ހިތްވާ މީހެއް ވެސް ނޫން. ހާއްސަކޮށް ކުރުކުރު އެއްޗެހި އެއްގޮތަކަށް ވެސް ހަދާ ހިތެއް ނުވޭ،" ޔޫއްޕެ ބުންޏެވެ. "ހުވާކޮށްފާ ބުނަން އަކީ ދިގު އެއްޗެއްވީމަ ހަދަން ނިންމީ. އަދި މީގެ ސަބަބުން އިތުރު ބަޔަކަށް ވެސް މަސައްކަތެއް ލިބި، މަސައްކަތެއްގެ ތެރޭގައި އުޅެލުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް."
މިހާރު ވެސް ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށްފައި އޮތް ދެ ފިލްމެއް ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އެބައޮތެވެ. އެއީ ރޮމޭންޓިކް ކޮމެޑީ "ކޮސް ގިނަ މިސްޓޭކް" އާއި ބިރުވެރި ފިލްމު "ކަޅަކި" އެވެ. މީގެ އިތުރުން "ހެހެސް" ކިޔާ ފިލްމެއް ވެސް ޔޫއްޕެ ވަނީ ކުޅެފަ އެވެ. އެއީ އަހުމަދު ނިމާލުގެ ޑައިރެކްޝަނެކެވެ.
ނަތާޝާ.
"އެ ތިން ފިލްމު ވެސް މިހާރު އޮތީ ޕޯސްޓް ޕްރޮޑަކްޝަނުގައި. އެކަމަކު މި އަހަރު އެއިން ވެސް އެއްވެސް ފިލްމެއް ނާޅުވާނެ. އެކަހަލަ މާހައުލެއް ވެސް ނެތް." މި ފަހުން ގިނަ ފިލްމުތަކެއް ހަދަމުން އަންނަ ޔޫއްޕެ ބުންޏެވެ. "އަހަރެން ކުރިން ނިންމައިގެން ހުރީ މި އަހަރު ތެރޭގައި އިތުރު ދެ ފިލްމެއްގެ މަސައްކަތް ވެސް ފަށަން. އެކަމަކު މި ހާލަތުގެ ތެރޭގައި ބޭނުމެއް ނޫން ފިލްމަކަށް ދާކަށް."
"ހުވާކޮށްފާ ބުނަން" ގެ ނަމުގައި ޔޫއްޕެ ސީރީޒެއްގެ މަސައްކަތް ފަށާފައި ވަނީ ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) އަށް ހާއްސަ ކޮށްގެން ސިރީޒެއް ހަދަން އެއްބަސްވުމެއްގައި ޖެނުއަރީ މަހު ސޮއި ވެސް ކޮށްފައި ވަނިކޮށެވެ. ނަމަވެސް އެއްބަސްވުން މިހާރު އުވާލާފައިވާ ކަމަށް ޔޫއްޕެ ބުންޏެވެ.
ޔޫއްޕެގެ "ހުވާކޮށްފާ ބުނަން" ގެ ޓީޒާ ދައްކާލައިފި
ގޮޅާ އައްޔަގެ ސިލްސިލާ އަކީ "ބީވުން"
"ހުވާކޮށްފާ ބުނަން" ފަށާނީ 27 ގައި
"ހުވާކޮށްފާ ބުނަން" އަންނާނީ ބައިސްކޯފަށް
ސިލްސިލާ "ރޭޝަމް" ބައިސްކޯފަށް
"ހުވާކޮށްފާ ބުނަން" ގެ ޓްރެއިލާ ދައްކާލައިފި
"ތިއޭ މި ހިތުގެ ވިންދަކީ" ބައިސްކޯފުން
"ފުރަބަންދު" އަންނަމަހު 3 ގައި؛ ޓީޒާ ދައްކާލައިފި
"ނޯޓީ 40" ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދެނީ
އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް އަލުން ބާއްވަނީ