Roadha Mihaaru
ސިލްސިލާ "ރޭޝަމް" ބައިސްކޯފަށް

ސިލްސިލާ "ރޭޝަމް" ބައިސްކޯފުން ދައްކަން ފަށައިފި

19 ޑިސެމްބަރ 2020

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ކުރީގެ ސިލްސިލާ "ރޭޝަމް" ބައިސްކޯފުން ސްޓްރީމްކުރަން ރޭ ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ކުރީގެ ސިލްސިލާ "ރޭޝަމް" ބައިސްކޯފުން ސްޓްރީމްކުރަން ރޭ ފަށައިފި އެވެ.

ކުރީގެ ޑައިރެކްޓަރު އަބްދުލް ފައްތާހު ޑައިރެކްޓްކުރި 22 އެޕިސޯޑްގެ އެ ސިލްސިލާ 1999 ގައި ގެނެސްދިނީ ޓީވީއެމުންނެވެ. ބިރުވެރި ވާހަކަތައް ލިޔެގެން އާންމުންގެ މަގުބޫލުކަން ހޯދި މޫސާ ސާއިދުގެ ވާހަކައަކަށް ހެދި "ރޭޝަމް" ގެ ޓައިޓްލް ރޯލް ކުޅުނީ ދިވެހި ފިލްމީ ދާއިރާގައި ކުރިން އެންމެ ގަދައަށް ފިޔަޖެހި ބަތަލާއިންގެ ތެރޭގައި ހިމެނުނު މަރިޔަމް ނިޝާ އެވެ.

އޭނާއާ އެކު "ރޭޝަމް"ގެ ކާސްޓްގައި އަހުމަދު، އަޝްރަފް، ފައުޒިއްޔާ ހަސަން، އައްސަދު ޝަރީފު، މަރިޔަމް ނާޒިމާ ފަދަ ތަރިން ހިމެނެ އެވެ. އަދި މި ސިލްސިލާގެ ރޯލެއް ކުރީގެ މަޝްހޫރު ބަތަލާ މަރިޔަމް ރަޝީދާ (މަރަދޫ ރަޝީދާ) ވެސް ކުޅުނެވެ.

"ލޭކަރުނަ" އާއި "ހާލި" އަދި "އިތުބާރު" ފަދަ ފިލްމުތައް ކުޅުނު ބަތަލާ ވަރަށް ޒަމާންތަކެއް ފަހުން އަލުން ފެންނާނެ ފިލްމަކީ އައި ފިލްމްސް އަންނަ އަހަރު ނެރޭ "ނީނާ" އެވެ.

"ރޭޝަމް"ގެ ވަރަށް ބޮޑު ބައެއް މީގެ ވާހަކަ ލިޔުންތެރިޔާ އާއި ރަޝީދާގެ އުފަން އައްޑޫގައި ވެސް ނަގާފައި އެވެ.

މިއީ ފައްތާހުގެ ފިލްމީ ކެރިއަރުގެ އެންމެ ކުރީކޮޅު ގެނެސްދިން އެއް އުފެއްދުމެވެ. "ރޭޝަމް"ގެ އިތުރުން ވެސް އޭނާ ވަނީ ވަރަށް ކާމިޔާބު ސިލްސިލާތަކެއް ހަދައިފަ އެވެ. އޭގެ ތެރޭގައި "ދޯޕައްޓާ" އާއި "އައިޝާ" އާއި "ތިއޭ މި ހިތުގެ ވިންދަކީ" އަދި "ހިނިތުންވެލާށޭ ކަލާ" ހިމެނެ އެވެ.

މިދިޔަ އަހަރު ބައިސްކޯފުން ވަނީ "ތިއޭ މި ހިތުގެ ވިންދަކީ" ސްޓްރީމްކޮށްފަ އެވެ. އެއީ ޝީލާ ނަބީޖާއި އޭނާގެ ފިރިމީހާ މުހައްމަދު މަނިކުގެ އިތުރުން ޒީނަތު އައްބާސް މުހިއްމު ރޯލްތައް ކުޅުނު ސިލްސިލާއެކެވެ.

ފައްތާހު ވަނީ 2017 ގެ ފީޗާ ފިލްމު "ހައްދު" އަށް ފަހު ފިލްމީ ދާއިރާ ދޫކޮށްލައި، ދިރިއުޅުން އޭނާގެ އުފަން ރަށް ހއ. ކެލަޔަށް ބަދަލުކޮށްފަ އެވެ.