Roadha Mihaaru
"ނޯޓީ 40" ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދެނީ

ބަދަލުތަކަކާ އެކު "ނޯޓީ 40" ސިލްސިލާއެއްގެ ގޮތުގައި ގެނެސްދެނީ

08 އޮކްޓޯބަރ 2017

މި އަހަރު މިހާތަނަށް އެޅުވި ދިވެހި ފިލްމްތަކުގެ ތެރެއިން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ކޮމެޑީ ފިލްމް "ނޯޓީ 40" ޓީވީ ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު މިހާތަނަށް އެޅުވި ދިވެހި ފިލްމްތަކުގެ ތެރެއިން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ކޮމެޑީ ފިލްމް "ނޯޓީ 40" ޓީވީ ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދޭން ނިންމައިފި އެވެ.

އެންވިޝަން އެންޓަޓައިންމަންޓާއި ޔޫއްޕެ ޕްރޮޑަކްޝަންސް އަދި ޝައި ޕްރޮޑަކްޝަންސް ގުޅިގެން އޮގަސްޓް ދޭއްގައި ގެނެސް ދިން މި ފިލްމް 13 އެޕިސޯޑްގެ ޑްރާމާ ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދެނީ ރާއްޖެ ޕްލަސް ޗެނެލުންނެވެ. ރާއްޖެ ޓީވީގެ ދަށުން ހިންގާ އެ ޗެނަލުން "ނޯޓީ 40" ސިލްސިލާ ގެނެސް ދޭން މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.

މި ފިލްމު ދައްކަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

"ނޯޓީ 40" ލިޔެ، ޑައިރެކްޓްކޮށް އަދި ފިލްމްގެ މުހިއްމު ރޯލެއް ވެސް ކުޅުނު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނީ 13 އެޕިސޯޑްގެ ސިލްސިލާއެއްގެ ގޮތުގައި ފިލްމް އަންނަ އިރު، ބެލުންތެރިންނަށް ކަމުދާނެ ކަމަށެވެ.

"ބޮޑު ސްކްރީނުން ފިލްމް ބަލާލި އިރު ނުފެންނަ ވަރަށް ގިނަ ސީންތައް ސިލްސިލާ އިން ފެނިގެން ދާނެ،" ކޮމެޑީގެ އިތުރަށް ފިލްމަކުން ފެންނާނެ ހުރިހާ ރަހައެއް ހެޔޮވަރުކޮށްގެން ގެނެސް ދިން ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

ޔޫއްޕެ ބުނީ "ނޯޓީ 40" ޝޫޓް ކުރީ ވެސް، ފަހުން ދިގުދެންމިދާނެ ގޮތަށް ވިސްނައިގެން ކަމަށެވެ.

"އެޑިޓިން ޓޭބަލްގައިި އަހަރެމެން ހުންނާނެ ސީންތައް ވަރަށް ބޮޑަށް ކުރުކޮށްފައި ވެސް. އަދި ފިލްމް ޝޫޓް ކުރި އިރު ފިލްމަށް އިތުރުކޮށްލެވިދާނެ ވަރަށް ގިނަ މަންޒަރުތައް ހުންނާނެ ނަގާފައި. އެހެންވީމާ ސިލްސިލާއެއްގެ ގޮތުގައި މީތި އަންނާނީ އެ ހުރިހާ މަންޒަރުތަކަކާ އެކު،" އޭނާ ބުންޏެވެ. "މި ބަދަލާ އެކު ބެލުންތެރިންނަށް ނޯޓީ 40 އަދި މާ ބޮޑަށް ވެސް ކަމުދާނެ ކަމަށް ގަބޫލު ކުރެވޭ."

މިހާރު އެހެން ފިލްމެއްގެ މަސައްކަތް ވެސް ކުރަމުން އަންނަ މަޝްހޫރު އެކްޓަރު ބުނީ "ނޯޓީ 40" ސިލްސިލާއަކަށް ފައްތަން ނިންމި އެއް ސަބަބަކީ މިހާރު ދިވެހި ޑްރާމާތައް ވެސް ބެލުންތެރިންނަށް ފެންނަލެއް ވެސް މަދުވުން ކަމަށެވެ.

"އެހެންވެ ބެލުންތެރިންގެ ސިޓިންރޫމްތަކާ ހަމައަށް މީތި ގެނެސް ދޭން ބޭނުންވީ. އަނެއްކާ ރާއްޖެ ޕްލަސް އިން މިހާރު ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރޭ ޑްރާމާތަކާ އެއްޗެހި ގެނެސް ދޭން. އެގޮތުން އަޅުގަނޑުމެން އެ މީހުންނާ ގުޅިގެން މިކަން ކުރަން ބޭނުންވީ،" ޔޫއްޕެ ބުންޏެވެ. "މި ފަހަރު ރާއްޖެ ޕްލަސްއާ އެކު އެއްބަސްވުމަކަށް އައީ ކުރިއަށް އޮތް ތަނުގައި އިތުރު ޑްރާމާތަކެއް ވެސް ހަދާ ގޮތަށް."

"ނޯޓީ 40" އަކީ ފިލްމީ ދާއިރާގެ ތަޖުރިބާކާރު އެކްޓަރުންނާ އެކު، މިހާރުގެ އެންމެ ވިދާ ތަރިންނާއި އާ އެކްޓަރުންތަކެއް ވެސް ފިލްމީ ދާއިރާ އަށް ތައާރަފުކޮށް ދިން ފިލްމެކެވެ.

"ނޯޓީ 40" ގެ ޓްރެއިލާއެއް.

ފިލްމުގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، މުހައްމަދު މަނިކު، އަހުމަދު ސައީދު، ނިއުމާ މުހައްމަދު، އިބްރާހީމް ޖިހާދު (ޖިމީ)، މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ) އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ފަދަ މަޝްހޫރު ތަރިން ފާހަގަކޮށްލެވެ އެވެ.

އިސްމާއީލް ޝަފީގާއި ބަތަލާ ނިއުމާ ޕްރޮޑިއުސް ކުރި "ނޯޓީ 40" ގެ ޖުމްލަ 17 ޝޯ އޮލިމްޕަހުގައި ދައްކާފައިވާ އިރު، ޝްވެކްގެ ދެ ސިނަމާގައި ޖުމްލަ 24 ޝޯ ދައްކާފައިވެ އެވެ. އަދި ވަރަށް ގިނަ ރަށްރަށުގައި ފިލްމް މިހާތަނަށް ދައްކައިފާ އިރު، އެ ފުރުސަތު އަދިވެސް އެބަ އޮތެވެ.