Roadha Mihaaru
ގިނަ ބަޔަކު ޕޮޒިޓިވްވުމާ އެކު މިނިސްޓަރުގެ އިންޒާރު!

ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވުމާ އެކު ހެލްތު މިނިސްޓަރުގެ އިންޒާރެއް

28 ޖުލައި 2020

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް ދިން ބޮޑު ލުޔާ އެކު، ހާލަތު އިތުރަށް ގޯސްވެ، "ނުރައްކަލުގެ ރަނގަބީލު" ގެ އަޑުގަދަވަމުންދާ ކަމުގެ އިންޒާރު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ދެއްވައިފި އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް ދިން ބޮޑު ލުޔާ އެކު، ހާލަތު އިތުރަށް ގޯސްވެ، "ނުރައްކަލުގެ ރަނގަބީލު" ގެ އަޑުގަދަވަމުންދާ ކަމުގެ އިންޒާރު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ދެއްވައިފި އެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވިއިރު، މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ދިން ބޮޑު ލުއިގެ ނަތީޖާ އަކީ އާދަޔާ ޚިލާފަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ، އެ ބައްޔަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދު މައްޗަށް ދިއުމެވެ.

އާއްމު ހާލަތަކަށް އެދޭ ނަމަ މާސްކް އެޅުމާއި އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރުމާއި ބައްދަލުވުންތައް މަދުކުކޮށް، ކޮންމެހެން ނުކުންނަން ޖެހޭ ހާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އަމީން މިރޭ އިލްތިމާސް ކުރެއްވި އެވެ.

މިނިސްޓަރު އަމީންގެ ޓުވީޓް

ހެލްތު މިނިސްޓަރުގެ ނުރައްކަލުގެ ރަނގަބީލުގެ އިންޒާރު ދިން އިރު މިއަދު ރާއްޖެ އިން ވަނީ ފަހަކަށް އައިސް ރެކޯޑް އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވެފަ އެވެ. އެޗްޕީއޭ އިން ބުނީ އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އާ ހަމައަށް 137 މީހަކަށް އަލަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 92 އެވެ. ދެން އުޅެނީ ބަންގްލަދޭޝްގެ 31 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ސްރީ ލަންކާގެ ހަތަރެއް އަދި ފިލިޕިންސްގެ އެކެކެވެ.

ރާއްޖެ އިން ކޮވިޑް-19 މިދިޔަ މާޗް 7 ގައި ފެނުނު ފަހުން އަދި އޭޕްރީލް 15 ގައި މާލެ އަށް އެ ބަލި ފެތުރުނު ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އެޕްރީލް 30 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ 178 މީހުން ޕޮޒިޓިވްވެފަ އެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ 3,506 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ 15 މީހުން ވަނީ މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 2,547 މީހުންނެވެ. އަދި ފަރުވާ ދޭ މީހުންގެ އަދަދު ވަނީ 929 އަށް އިތުރުވެފަ އެވެ.