Roadha Mihaaru
އަނެއްކާވެސް ޔުނިސެފްގެ ބޮޑު އެހީއެއް

އަނެއްކާވެސް ޔުނިސެފްގެ ބޮޑު އެހީއެއް

22 ޖުލައި 2020

ރާއްޖެ އިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވެ ދިނުމުގެ ގޮތުންނާއި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ޔުނިސެފް އިން ރާއްޖެ އަށް ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖެ އިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވެ ދިނުމުގެ ގޮތުންނާއި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ޔުނިސެފް އިން ރާއްޖެ އަށް ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.

މިއަދު ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ޕާސަނަލް ޕްރޮޓެކްޓްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އާއި ސެނިޓައިޒާ އާއި ސައިބޯނި ހިމެނެ އެވެ. އެ ތަކެތީގެ އަގު 6.5 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ތަކެއްޗާ ރާއްޖޭގެ ފަރާތުން ހަވާލުވީ މިނިސްޓަރު އަބްދުﷲ އަމީނެވެ. ޔުނިސެފްގެ ފަރާތުން ތަކެތި ހަދިޔާ ކުރެއްވީ ރާއްޖެ އަށް ކަނޑައަޅާފައިވާ މަންދޫބު ޑރ. މުނީރު އަލް ސަފީލްދީން އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި  ޔުނިސެފްއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. މުނީރު: ޔުނިސެފްއިން ރާއްޖެއަށް ވަނީ 6.5 މިލިއަން ރުފިޔާގެ ތަކެތި މިއަދު ހަދިޔާ ކޮށްފައި-- ފޮޓޯ: ހެލްތް މިނިސްޓްރީ

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ މިއަދު ލިބުނު ޕީޕީއީތަކާ އެކު އަތޮޅުތެރޭގައި ކޮވިޑާ ދެކޮޅަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވިގެން ދާނެ ކަމަށެވެ.

"ކޮވިޑް-19 އާ ގުޅިގެން އާއްމުން ހޭލުންތެރި ކުރުވުމަށް ކުރެވުނު މަސައްކަތްތަކަށް ޔުނިސެފްގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމަށް ޝުކުރު ދަންނަވަން،" އަމީން ވިދާޅުވި އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ އަށް ޔުނިސެފްގެ ފަރާތު ތަފާތު އެކިގޮތް ގޮތުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން ރާއްޖެ އަށް ބޭނުންވާ ވެކްސިން ފޯރުކޮށްދިނުމާއި އާއްމު ސިއްހަތާ ގުޅޭ އެކި ދާއިރާތަކުން އެ ޖަމިއްޔާމއިން އަންނަނީ މެދުނުކެނޑި އެހީތެރިކަން ފޯރުކޯށްދެމުންނެވެ.