Roadha Mihaaru
ޓޮމް ހޭންކްސް އަށް ގްރީސްގެ ރަށްވެހިކަން

ޓޮމް ހޭންކްސްގެ އާއިލާ އަށް ގްރީސްގެ ރަށްވެހިންނަށް

28 ޖުލައި 2020

މިދިޔަ އަހަރު ގްރީސްގެ ސަރުކާރުން ރަށްވެހިކަމުގެ ފުރުސަތު ހުށަހެޅި، އެމެރިކާ އަށް އުފަން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ހޭންކްސްގެ އާއިލާ އަށް ގްރީސްގެ ރަށްވެހިކަން ރަސްމީކޮށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ގްރީސްގެ ސަރުކާރުން ރަށްވެހިކަމުގެ ފުރުސަތު ހުށަހެޅި، އެމެރިކާ އަށް އުފަން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ހޭންކްސްގެ އާއިލާ އަށް ގްރީސްގެ ރަށްވެހިކަން ރަސްމީކޮށް ލިބިއްޖެ އެވެ.

އެ ގައުމުގެ ބޮޑުވަޒީރު ކައިރިއާކޯސް މިތުސޮތާކިސް ވަނީ ހޭންކްސް އާއި ރީޓާ ވިލްސަން ގްރީސްގެ ޕާސްޕޯޓާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ވެސް ހިއްސާކުރައްވައިފަ އެވެ. އެ ފޮޓޯއާ އެކު އޭނާ ވިދާޅުވީ އެ މީހުންނަކީ މިހާރު ގްރީސްގެ ފަހުރުވެރި ރަށްވެހިން ކަމަށެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެ، އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ހޭންކްސް އާއި އަންހެނުންނާއި ހަތަރު ދަރިންނަށް މިދިޔަ އަހަރު ގްރީސް އޮނަރަރީ ގްރީސް ސިޓިޒެންގެ ދަރަޖަ ދީފައި ވަނީ އެ ގައުމުގެ މަސްލަހަތަށް ހޭންކްސް ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ގްރީސްގެ ސިޓިޒެންޝިޕް ކޯޑް ބުނާ ގޮތުން އެ ގައުމުގެ މަސްލަހަތަށް މަސައްކަތްކޮށްދޭ ބިދޭސިންނަށް ރަށްވެހިކަން ދިނުމުގެ ފުރުސަތު ސަރުކާރަށް ލިބެ އެވެ.

ހޭންކްސް، 64، ވަނީ 2018 ގައި ގްރީސްގެ މެޓީގައި ހިނގި އަލިފާން ރޯވުމުގެ ހާދިސާތަކާ ގުޅިގެން ވެސް މަސައްކަތްތަކެއް ކޮށްދީ، އެ މައްސަލަ ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަމަށް ގެންނަން ވަރަށް ހާއްސަ ރޯލެއް އަދާކޮށްފަ އެވެ. މީގެ އިތުރުން އޭނާގެ ފިލްމުތަކެއް ގްރީސްގައި ޝޫޓްކޮށްފައިވުމާއި އެ ގައުމަށް އާންމުކޮށް ޒިޔާރަތްކުރާތީ އެއީ ގްރީސްގެ ޓޫރިޒަމް ވެސް ޕްރޮމޯޓްވެ، އިގުތިސާދީ ގޮތުން ވެސް ފައިދާތަކެއް ކުރާ ކަމެއްގެ ގޮތުގައި ގްރީންސްގެ ސަރުކާރުން ފާހަގަކޮށްފައިވެ އެވެ.

ގްރީސްގެ ރަށްވެހިކަން ރަސްމީކޮށް ލިބުނު އިރު، ހޭންކްސްގެ ގެތަކަށް ވެސް އެ ގައުމުގައި ހުރެ އެވެ. ހުނަރުވެރި އެކްޓަރު ބުނިގޮތުގައި ގްރީސް އަކީ ދިރިއުޅެން ވަރަށް ހިތްފަސޭހަ ގައުމެކެވެ. އަދި ރަށްވެހިކަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ބުންޏެވެ.

"އަހަރެން މިހާތަނަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ދަތުރުކޮށްފިން. އެކަމަކު ގްރީސް ވަރުގެ ތަނެއް ނުދެކެން. މިއީ އެހާމެ ޗާލު އަދި ދިރިއުޅެން ވަރަށް ހިތްގައިމު ތަނެއް،" ހޭންކްސް ބުންޏެވެ. "ގްރީސް އަށް އައުމުން އަބަދު ވެސް އަހަރެންގެ ނަފުސަށް ހަމަޖެހުން ލިބި، އުފާވެރިކަން ގެނުވައިދޭ."