Roadha Mihaaru
ހޭންކްސް އަށް ގްރީސްގެ ރަށްވެހިކަން ހުށަހަޅައިފި

ޓޮމް ހޭންކްސްގެ އާއިލާ އަށް ގްރީސްގެ ރަށްވެހިކަން ހުށަހަޅައިފި

31 ޑިސެމްބަރ 2019

އެމެރިކާ އަށް އުފަން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ހޭންކްސް އަށް ގްރީސްގެ ސަރުކާރުން ރަށްވެހި ކަމުގެ ފުރުސަތު ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާ އަށް އުފަން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ހޭންކްސް އަށް ގްރީސްގެ ސަރުކާރުން ރަށްވެހި ކަމުގެ ފުރުސަތު ހުށަހަޅައިފި އެވެ.

ސީއެންއެން އިން ބުނީ، އެ ގައުމުގެ ރައީސް ޕްރޮކޯޕިސް ޕަވްލޮ ޕޯލަސްގެ ގަރާރަކުން ހޭންކްސް އާއި އަންހެނުން ރީޓާ ވިލްސަން އާއި އެ މީހުންގެ ހަތަރު ދަރިންނަށް ރަށްވެހިކަން ދޭން ނިންމިކަން އިއުލާން ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ގްރީސްގެ އިންޓީރިއާ މިނިސްޓަރު ޓެކިސް ތިއޮޑޯރިކާކޯޒް ވިދާޅުވީ، ހޭންކްސް އަކީ އަބަދު ވެސް ގްރީސް އަށް ހާއްސަ ޝައުގު ވެރިކަމަކާއި ލޯތްބެއް ދޭ ފަންނާނެއް ކަމަށެވެ. އަދި ދާދި ފަހުން ގްރީސްގެ މަޓީގައި ހިނގި އަލިފާން ރޯވުމުގެ ހާދިސާތަކާ ގުޅިގެން ވެސް އެކަމާ ދެކޮޅަށް ހޭންކްސް މަސައްކަތްތަކެއް ކޮށްދީ، އެ މައްސަލަ ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލު ކަމަށް ގެންނަން ވަރަށް ހާއްސަ ރޯލެއް އަދާކޮށް ދިން ކަމަށް ވިދާޅުވި އެވެ.

"ގްރީސް ޕްރޮމޯޓްކޮށް ދިނުމުގައި ހޭންކްސްގެ ހިއްސާ ވަރަށް ބޮޑު. އެއީ އަހަރެމެން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް،" ގްރީސްގައި ހޭންކްސްގެ ގެތަކެއް ވެސް ހުރިކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވި އެވެ.

"އަދި އޭނާ އަކީ މި ގައުމަށް ވަރަށް ގިނައިން ޒިޔާރަތް ކުރާ މީހެއް. އޭގެ ސަބަބުން ގްރީސް ޕްރޮމޯޓްވޭ."

އޭނާ ވިދާޅުވި ގޮތުގައި ގްރީސްގެ ރަށްވެހިކަން ބަލައިގަތުމާ ދޭތެރޭ ގޮތެއް ނިންމުމަށް، އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ހޭންސްކް އާއި އާއިލާ އަށް ވަނީ އަހަރު ދުވަހުގެ މުހުލަތެއް ދީފަ އެވެ.

ހޭންކްސް އާއި އަންހެނުން ވަނީ ގްރީސް އަށް ބިނާކޮށްގެން ހެދި ކާމިޔާބު ފިލްމުތަކެއް ވެސް އުފައްދައިފަ އެވެ. އޭގެ ތެރޭގައި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި "މައި ބިގް ފެޓް ގްރީކް ވެޑިން" އާއި "މަމާ މިއާ" ގެ ދެ ފިލްމު ހިމެނެ އެވެ.

ގްރީސްގެ ސިޓިޒެންޝިޕް ކޯޑް ބުނާ ގޮތުން އެ ގައުމުގެ މަސްލަހަތަށް މަސައްކަތް ކޮށްދޭ ބިދޭސިންނަށް ރަށްވެހިކަން ދިނުމުގެ ފުރުސަތު ސަރުކާރަށް ލިބެ އެވެ.