Roadha Mihaaru
ކޮރޯނާ ކިޔާ ކުއްޖަކަށް ކޮރޯނާ ޓައިޕްރައިޓަރެއް

ކޮރޯނާ ކިޔާ ކުއްޖަކަށް ކޮރޯނާ ބްރޭންޑްގެ ޓައިޕްރައިޓަރެއް

25 އެޕްރީލް 2020

މިދިޔަ މަހު ފިލްމެއްގެ ޝޫޓިން އަށް ގޮސް އުޅެނިކޮށް ހޮލީވުޑްގެ އެކްޓަރު ޓޮމް ހޭންކްސް އާއި އޭނާގެ އަންހެނުން ރީޓާ ވިލްސަން ކޮވިޑް-19 އަށް ޕޮޒިޓިވްގެން ފަރުވާދިން އިރު، އެ ގައުމުން ވަރަށް ހާއްސަ އެކުވެރިއެއް ލިބިފައިވެ އެވެ. އެއީ އުމުރުން 8 އަހަރުގެ ކޮރޯނާ ޑި ރީޒް އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު ފިލްމެއްގެ ޝޫޓިން އަށް ގޮސް އުޅެނިކޮށް ހޮލީވުޑްގެ އެކްޓަރު ޓޮމް ހޭންކްސް އާއި އޭނާގެ އަންހެނުން ރީޓާ ވިލްސަން ކޮވިޑް-19 އަށް ޕޮޒިޓިވްގެން ފަރުވާދިން އިރު، އެ ގައުމުން ވަރަށް ހާއްސަ އެކުވެރިއެއް ލިބިފައިވެ އެވެ. އެއީ އުމުރުން 8 އަހަރުގެ ކޮރޯނާ ޑި ރީޒް އެވެ.

އެ ކުއްޖާ އަކީ މަޝްހޫރު އެނިމޭޓެޑް ފިލްމު ސީރީޒް "ޓޯއި ސްޓޯރީ" ގައި ހޭންކްސް އަޑު އަޅައިދޭ ކެރެކްޓާ ވުޑީގެ ވަރަށް ބޮޑު ފޭނެކެވެ. އޭނާގެ އެހާ ބޮޑު ފޭނަކަށް އަމިއްލަ ގައުމުގައި ކޮރޯނާވައިރަސް ޖެހިގެން ފަރުވާދޭ ޚަބަރު ލިބުމާ އެކު، ހޭންކްސް އައިސޮލޭޓްކޮށް ފަރުވާ ދެމުން ދިޔަ ތަނަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވި އެވެ.

އޭގައި ބުނެފައި ވަނީ އޭނާ އެންމެ ލޯބިވާ އެކްޓަރާއި އަންހެނުންނަށް ފަރުވާދޭ ވާހަކަ އަޑު އަހާފައިވާ ކަމަށެވެ. އަދި ހާލު ކިހިނެއްތޯ އަހާފައިވެ އެވެ. އަދި ސިޓީގައި ކޮރޯނާ ވަނީ އޭނާގެ ނަމުގެ ސަބަބުން ސްކޫލްގައި ބުލީގެ ޝިކާރަކަށްވެފައިވާ ވާހަކަ އާއި އެކަމާ ވަރަށް ރުޅިގަދަވެ، ދެރަވާ ކަމަށް ވެސް ބުނެފަ އެވެ.

ކޮންމެއަކަސް ކުޑަކުއްޖެއްގެ ފަރާތުން ލިބުނު ސިޓީ އާއި އޭނާ ހިއްސާކުރި ވާހަކަތަކުން ހޭންކްސް އަށް ވަރަށް ބޮޑު އުފަލެއް ލިބުނެވެ. އަދި އެ ކުއްޖާ ބެހެއްޓި ގާތްކަން ހަނދާން ނައްތާނުލާކަން ސާބިތުކޮށް ދިނުމުގެ ގޮތުން ހޭންކްސް މިދިޔަ ހަފުތާގައި ވަނީ ކޮރޯނާ އަށް ސިޓީއާ އެކު ހާއްސަ ހަދިޔާއެއް ވެސް އެމެރިކާގައި ހުރެގެން ފޮނުވައިފަ އެވެ. އެއީ އޭނާ އައިސޮލޭޝަނުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ބޭނުންކުރި ކޮރޯނާ ބްރޭންޑްގެ ޓައިޕްރައިޓަރެވެ.

ހޭންކްސްގެ ކޮރޯނާ ޓައިޕްރައިޓަރު.

ޓައިޕްރައިޓަރުން ލިޔުނު ސިޓީގައި ހޭންކްސް ލިޔެފައި ވަނީ އެކުވެރި ކޮރޯނާގެ ސަބަބުން އަންހެނުންނާއި އޭނާ އަށް ވަރަށް ބޮޑު އުފަލެއް ލިބުނު ކަމަށެވެ. އަދި އެކުވެރިންނަކީ ދަތި ދަނޑިވަޅުގައި ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ބައެއް ކަމަށާއި އަބަދު ވެސް ކޮރޯނާ އަކީ ވަރަށް ގާތް އެކުވެރިުއެއްގެ ގޮތުގައި ދެކޭނެ ކަމަށް ބުންޏެވެ. އަދި ތިއީ ކޮރޯނާގެ ނަމުގައި ދަންނަ ހަމައެކަނި ކުއްޖާ ކަމަށް ބުންޏެވެ.

އަދި ސިޓިއާ އެކު ހަދިޔާއަކަށް ފޮނުވި ކޮރޯނާ ޓައިޕްޓަރަކީ ކޮރޯނާއާ ވަރަށް ގުޅޭނެ ހަދިޔާއަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް ހޭންކްސް ބުންޏެވެ.

"މީތި އަބަދު ވެސް ކޮރޯނާ އަށް ވަރަށް މުހިއްމު ހަދިޔާއަކަށްވާނެ ކަމަށް ދެކެން. އަދި ޓައިޕްރައިޓަރުގެ އެހީގައި އަބަދު ވެސް އަހަންނާ ގުޅުން ދަމަހައްޓާތި." ހޭންކްސްގެ ސިޓީގައި ބުންޏެވެ. "ތިއީ މިހާރު އަހަރެންގެ ގާތް އެކުވެރިއެއް."