Roadha Mihaaru
ޗައިނާގެ އިތުރު ކޮންސިއުލޭޓްތައް ބަންދު ކުރަން ޖެހިދާނެ

ޗައިނާގެ އިތުރު ކޮންސިއުލޭޓްތައް ބަންދު ކުރަން ޖެހިދާނެ: ޓްރަމްޕް

23 ޖުލައި 2020

ވޮޝިންޓަން (ޖުލައި 23) - އެމެރިކާގައި ހުންނަ ޗައިނާގެ އިތުރު ކޮންސިއުލޭޓްތައް ބަންދު ކުރަން އަމުރު ނެރެން ޖެހިދާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖުލައި 23) - އެމެރިކާގައި ހުންނަ ޗައިނާގެ އިތުރު ކޮންސިއުލޭޓްތައް ބަންދު ކުރަން އަމުރު ނެރެން ޖެހިދާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޗައިނާ އާއި އެމެރިކާއާ ދެމެދު ގުޅުން ގޯސްވެފައި ވަނިކޮށް އެމެރިކާ އިން އިއްޔެ ވަނީ ހިއުސްޓަންގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓް 72 ގަޑިއިރުތެރޭ ބަންދު ކުރަން އަންގައިފަ އެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޗައިނާގެ ކޮންސިއުލޭޓް ބަންދު ކުރަން ސްޓޭޓް ޑިޕާޓްމަންޓުން އެންގުމާ އެކު އެ ތަނުގައި އެއްޗެހިތަކެއްގައި ރޯކޮށްލި ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އެ މީހުން ލިޔުންތަކެއް އަންދާލީހެން،" ޓްރަމްޕް ވިދާޅުވި އެވެ.

ހިއުސްޓަން ކޮންސިއުލޭޓް ބަންދު ކުރުން ޗައިނާ އިން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެއީ ދެ ގައުމުގެ ގުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓުން ބުނެފައި ވަނީ އެމެރިކާ އިން އެޅި ފިޔަވަޅަށް ރައްދު ދިނުމުގެ ގޮތުން ޗެންދޫގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

ޗައިނާގެ ރަސްމީ މީޑިއާތަކުން ބުނެފައި ވަނީ ހިއުސްޓަންގައި ހުންނަ ކޮންސިއުލޭޓް ބަންދު ކުރަން ނިންމީ ޓްރަމްޕުގެ ސިޔާސަތުތައް ފެއިލްވުމުން އެކަމުގެ ރުޅި ޗައިނާ އަށް ބޭލުމުގެ ގޮތުން ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވަންގް ވެންބިން ވިދާޅުވީ އެމެރިކާ އިން ދަތުރު ކުރަނީ ގޯސް މަގަކުން ކަމަށާއި އެމެރިކާ އިން އަޅާ ފިޔަވަޅުތަކަށް ވުރެ ވަރުގަދަ ރައްދެއް ޗައިނާ އިން ދޭނެ ކަމަށެވެ.

ޗައިނާގައި އެމެރިކާގެ ފަސް ކޮންސިއުލޭޓް ހުރެ އެވެ. އެއީ ޝަންހައި، ގުއާންޒޫ، ޗެންދޫ، ވޫހާން އަދި ޝެންޔަންގަ އެވެ.

އެމެރިކާގައި ޗައިނާގެ ވެސް ފަސް ކޮންސިއުލޭޓް ހުރެ އެވެ. ހިއުސްޓަންގެ ކޮންސިއުލޭޓް ހުޅުވާފައި ވަނީ 1979 ވަނަ އަހަރު އެވެ. އެއީ އެމެރިކާ އާއި ޗައިނާ އިން ސިޔާސީ ގުޅުން ގާއިމްކުރި އަހަރެވެ.