Roadha Mihaaru
ރޮބަޓް ޕެޓިންސަން އެންގޭޖްވީ؟

ރޮބަޓް ޕެޓިންސަން އެންގޭޖްވީ؟

25 ޖުލައި 2020

ޓްވައިލައިޓް ސާގާ ކުޅެގެން މަޝްހޫރުވި ހޮލީވުޑްގެ ޒުވާން އެކްޓަރު ރޮބަޓް ޕެޓިންސަނާއި ލޯބިވެރިޔާ ސޫކީ ވޯޓަހައުސް އެންގޭޖްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓްވައިލައިޓް ސާގާ ކުޅެގެން މަޝްހޫރުވި ހޮލީވުޑްގެ ޒުވާން އެކްޓަރު ރޮބަޓް ޕެޓިންސަނާއި ލޯބިވެރިޔާ ސޫކީ ވޯޓަހައުސް އެންގޭޖްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ދެ މީހުން ރައްޓެހިވެގެން އުޅޭތާ މިހާރު ދެ އަހަރެއްހާ ދުވަސްވެފައިވާ އިރު، އެންގޭޖްވި ވާހަކަ މީޑިއާތަކަށް ތިލަވީ އެކީގައި ފެނުން އެހާ އާންމު ނޫން ދެ ލޯބިވެރިން މިދިޔަ އަންގާރަ ދުވަހު ލަންޑަން ނޮޓިން ހިލް އޭރިއާގެ މަގެއްގައި އެކީގައި އުޅެނިކޮށް ފެނުނު އިރު، ސޫކީގެ ވާތުގައި އެންގޭޖްމަންޓް އަނގޮޓި ކަމަށް ބެލެވޭ އަނގޮޓިއެއް އޮއްވައި ފެނިގެންނެވެ.

މި ވާހަކަ މީޑިއާތަކުން ފެތުރި ނަމަވެސް އެ ދެ މީހުން އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ޕެޓިންސަން، 34، އާއި ސޫކީ، 28، އެންގޭޖްވި ވާހަކަތަކެއް ދެކެވުނެވެ.

ދާދި ފަހުން ޖީކިއު ދިން އިންޓަވިއުއެއްގައި ޕެޓިންސަން ބުނެފައިވާ ގޮތުގައި އޭނާ އާއި ސޫކީ މިހާރު ދިރިއުޅެނީ ލަންޑަންގެ އެޕާޓްމަންޓެއްގައި އެކީގަ އެވެ.

އިނގިރޭސިވިލާތަށް އުފަން ޕެޓިންސަންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކްރިސްޓޯފާ ނޯލަންގެ "ޓެނެޓް" އާއި އެންޓޯނިއޯ ކެމްޕޮސްގެ "ދަ ޑެވިލް އޯލް ދަ ޓައިމް" ގެ އިތުރުން މެޓް ރީވްސްގެ "ދަ ބެޓްމޭން" ހިމެނެ އެވެ.

ލަންޑަނަށް އުފަން ސޫކީ އަކީ މޮޑެލްއެއްގެ އިތިރުން ބަތަލާއެއް ވެސް މެ އެވެ. އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ދަ ގާލް ހޫ އިންވެންޓެޑް ކިސިން އާއި "އަ ރެއިނީ ޑޭ އިން ނިއު ޔޯކް" އަދި މި އަހަރު ރިލީޒްކުރި "މިސްބޭހެވިއާ" ހިމެނެ އެވެ. ސޫކީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ބްރޯކެން ހާޓްސް ގެލެރީ" އާއި "ސެއޮންސް" ހިމެނެ އެވެ.