Roadha Mihaaru
ކައިވެނީގެ އުންމީދު ބޮޑު: ޖޭލޯ

ކައިވެނީގެ އުންމީދު ބޮޑު: ޖޭލޯ

21 ނޮވެމްބަރ 2021

ކުރިން ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި އެކްޓަރު ބެން އެފްލެކާ މިހާރު އަނެއްކާވެސް ގުޅިފައިވާތީ ކައިވެނީގެ އުންމީދު ބޮޑު ކަމަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބަތަލާ ޖެނިފާ ލޮޕޭޒް (ޖޭލޯ) ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި އެކްޓަރު ބެން އެފްލެކާ މިހާރު އަނެއްކާވެސް ގުޅިފައިވާތީ ކައިވެނީގެ އުންމީދު ބޮޑު ކަމަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބަތަލާ ޖެނިފާ ލޮޕޭޒް (ޖޭލޯ) ބުނެފި އެވެ.

އޭނާގެ އާ ފިލްމު "މެރީ މީ" ގެ ޕްރޮމޯޝަނަލްގެ ތެރެއިންގެ "ޓުޑޭ ޝޯ" ގައި ކައިވެންޏާ ބެހޭ ގޮތުން ސުވާލުކުރުމުން ސީދާ އެފްލެކްގެ ނަން ނުގެނެސް ޖޭލޯ ބުނީ އޭނާ އަކީ އަބަދުވެސް ވަރަށް ރޮމޭންޓިކް މީހެއް ކަމަށާއި އެހެންވެ ކައިވެނީގެ ގުޅުމަކީ އަބަދުވެސް ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"އަހަންނަކީ ކުރިން ވެސް ކައިވެނިތަކެއްކޮށްފައިވާ މީހަކަށްވާތީ ކޮންމެ ގުޅުމެއްގެ އެންމެ އުފާވެރި ހިސާބަކީ ކައިވެނި ކަމަށް އަބަދުވެސް ގަބޫލުކުރަން. އެއީ ސަތޭކަ ޕަސަންޓް ގަބޫލުކުރާ ކަމެއް. އެހެންވެ [އަދިވެސް] ކައިވެންޏަކަށް ވަރަށް ބޮޑަށް އުންމީދުކުރެވޭ." ކުރިން ތިން ކައިވެންޏެއްކުރި ޖޭލޯ ބުންޏެވެ.

އޭނާ އަހަރުތަކެއް ފަހުން އެފްލެކާ އަލުން ގުޅުނީ 2019 ގައި އެމެރިކާގެ ކުރީގެ ބޭޒްބޯލް ތަރި އެލެކްސް ރޮޑްރިގޭޒްއާ އެންގޭޖްވެ، ކައިވެންޏަށް ވެސް ތައްޔާރުވަމުން ދަނިކޮށް މި އަހަރުގެ މާޗް މަހުގެ ތެރޭގައި އެންގޭޖްމަންްޓް ރޫޅައިލުމަށް ފަހު އެވެ.

ޖޭލޯ ބުނި ގޮތުގައި ކުރީގެ ކައިވެނިތައް ރޫޅި، މިހާރު ހަތަރު ވަނަ ކައިވެންޏެއްގެ ވާހަކަ ދައްކަން ޖެހުނަސް އެއީ އޭނާ އެއްގޮތަކަށް ވެސް ލަދުވެތިވާ ކަމެއް ނޫނެވެ. ޖޭލޯ އެންމެ ފުރަތަމަ ކައިވެނިކުރީ 1997 ގައި އޮޖާނީ ނޯއާއާ އެވެ. އެ ކައިވެނި ޖެހިގެން އައި އަހަރު ރޫޅުމުން ދެން 2001 ގައި ކްރިސް ޖަޑްއާ ކުރި ކައިވެނި ރޫޅުނީ 2003 ގަ އެވެ. ޖޭލޯގެ ތިން ވަނަ ކައިވެންޏަކީ އޭނާގެ ދެ ކުދިންގެ ބައްޕަ މާކް އެންތަނީ އެވެ. ދެހާސް ހަތަރެއްގައި ކުރި ކައިވެނި ރޫޅުނީ 2014 ގަ އެވެ.

ޖޭލޯ، 52، ގެ މިހާރުގެ ލޯބިވެރިޔާ އެފްލެކް، 49، އަކީ ވެސް ދަރިން ލިބިފައި ވަނިކޮށް ކައިވެނި ރޫޅިފައިވާ އެކްޓަރެކެވެ. ތިން ދަރިން ލިބިފައި ވަނިކޮށް ބަތަލާ ޖެނިފާ ގާނާ އާއި އެފްލެކްގެ ކައިވެނި ރޫޅައިލީ 2018 ގަ އެވެ.

އެފްލެކާއި ޖޭލޯ ކުރިން ދެ އަހަރު ވަންދެން ރައްޓެހިވެގެން އުޅެފައި ރުޅިވީ 2004 ގަ އެވެ. އަދި އެފްލެކާއި ގާނާ ކައިވެނިކުރީ 2005 ވަނަ އަހަރު އެވެ.