Roadha Mihaaru
އޭއައިއޭން އެމްއޭސީއެލްގެ ހިއްސާ ދޫކޮށްލަން އެދެނީ

އައްޑޫ އެއާޕޯޓު ކުންފުނީގައި އޮތް އެމްއޭސީއެލްގެ 10 ޕަސެންޓް ހިއްސާ އަވަހަށް ދޫކޮށްލަން އެދެނީ

20 ޖުލައި 2020

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގައި އޮތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ 10 ޕަސެންޓް ހިއްސާ ދޫކޮށްލުން އަވަސް ކުރަން ފިނޭންސް މިނިސްޓްރީގައި އެދެން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގައި އޮތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ 10 ޕަސެންޓް ހިއްސާ ދޫކޮށްލުން އަވަސް ކުރަން ފިނޭންސް މިނިސްޓްރީގައި އެދެން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ހާލަތު ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ.

ފޭދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ، އެމްއޭސީއެލްގެ ހިއްސާ އޭއައިއޭގައި އޮތް ނަމަވެސް، އައްޑޫ އެއާޕޯޓު ތަރައްގީ ކުރުމުގައި އެ ކުންފުނީގެ އެހީތެރިކަން އެއްވެސް ވަރަކަށް ނުލިބޭ ކަމަށެވެ.

އޭއައިއޭގައި އޮންނަނީ އެމްއޭސީއެލްގެ 10 ޕަސެންޓް ހިއްސާ އާއި ސަރުކާރުގެ 60 ޕަސެންޓާއި ކާސާ ހޯލްޑިންސްގެ 30 ޕަސެންޓު ހިއްސާ އެވެ.

"އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުފެނޭ އެއް އިންޓަނޭޝަނަލް އެއާޕޯޓުގެ ހިއްސާ އަނެއް އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތުން. އެމްއޭސީއެލްގެ ހިއްސާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތުމުން މަސްލަހަތު ފުށުއަރާނެ. އެހެންވީމާ އެމްއޭސީއެލްގެ ހިއްސާ އޭއައިއޭ އަށް ވީ އެންމެ އަވަހަކަށް ނެގުމަށް ފިނޭންސް މިނިސްޓްރީއަށް ދެންނެވުން މުހިއްމު،" ނިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެމްއޭސީއެލްގެ ހިއްސާ އައްޑޫ އެއާޕޯޓު ކުންފުނީގައި އޮތުމުން އެންމެ ފުރިހަމަ އަށް ކުރިއަރަން އުނދަގޫވާނެ އެވެ. ނިހާދުގެ މި ހުށަހެޅުމަށް ތުލުސްދޫ ދާއިރާގެ އަމިއްލަ މެންބަރު އިބްރާހިމް ނަސީމް ތާއީދު ކުރެއްވި އެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަނީ.---ފޮޓޯ: މަޖިލިސް

މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަނީ.---ފޮޓޯ: މަޖިލިސް

އޭއައިއޭއާ ގުޅޭ ރިޕޯޓަށް ގިނަ އިސްލާހުތަކެއް މިއަދުގެ ބައްދަލުވުމުގައި ހުށަހެޅި އެވެ. ނިހާދުގެ އިތުރުން ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން މުހައްމަދު ދީދީ އާއި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ރިޕޯޓަށް އިސްލާހު ހުށަހެޅުއްވި އެވެ.

އޭގެ ތެރޭގައި ހިމެނޭ އެއް އިސްލާހަކީ އޭއައިއޭގެ ހިދުމަތްތަކުން ލިބޭ ފައިދާއިން، ކުންފުނި މިހާރު ތަހައްމަލު ކުރަމުންދާ މާލީ ދަތިކަމުން އަރައިގަނެ، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތްތައް ފުޅާކޮށް، އިތުރު އެއާލައިންތަކުގެ ދަތުރުތަކަށް އިތުރު ފުރުސަތު ދިނުމަށް މިހާރު އެ ކުންފުނިން އެކުލަވައިލާފައިވާ ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެދުމެވެ.

އޭއައިއޭ ތަރައްގީ ކުރުމަށް އެކުލަވާލާފައިވާ ޑިވެލޮޕްމެންޓް ޕްލޭނުގައި 2020-2025 އަށް 15 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އެ ފައިސާ ހޯދުމަށް ބައިނަލްއަގުވާމީ އިދާރާތަކުން ފައިނޭންސް ހޯދުމަށް ނުވަތަ ކޮންޓްރެކްޓް ފައިސޭންސް އުސޫލުން މާލީ އެހީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރަން ވެސް އިސްލާހު ހުށަހަޅާފައިވެ އެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަނީ.---ފޮޓޯ: މަޖިލިސް

މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަނީ.---ފޮޓޯ: މަޖިލިސް

މީގެ އިތުރުން، ފައިނޭންސް ކުރާނެ ގޮތާއި ޕްރޮޖެކްޓްތައް ފެށުމުގައި ހަމަޖެހިފައިވާ ތާރީހާއި ޕްރޮޖެކްޓްތައް ތަންފީޒު ކުރާނެ ގޮތް އެނގޭނެ ގޮތުގެ ތަފްސީލު ޕްލޭނެއް އެކުލަވައިލައި ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި އެސްއޯއީ ކޮމިޓީއާ ހިއްސާ ކުރަން އޭއައިއޭ އަށް އަންގަން ކޮމިޓީން ފާސްކުރި އެވެ. ސ. ގަމުގައި ހިންގާ ގެސްޓް ހައުސް، ދޫގަސް ތަރައްގީކުރުން އޭއައިއޭގެ ދަށަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތް އަވަސް ކުރަން އަންގަން ވެސް ނިންމި އެވެ.

މީގެ ދެ އަހަރު ކުރިން، 2018 ގައި ވެސް ދޫގަސް ތަރައްގީ ކުރުމަށް އެމްޕީއެލްއާ ހަވާލު ކުރި އެވެ. އޭރު ވިސްނީ ދޫގަހުގައި 120 ކޮޓަރި ތަރައްގީ ކުރުމަށެވެ.

އެސްއޯއީ ކޮމިޓީން ވަނީ އޭއައިއޭ އަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރުމަށް ވެސް އެދިފަ އެވެ. އައްޑު އަށް މުދާ އެތެރެކުރާ އަދި ބޭރުކުރާ މީހުންނަކީ ކޮބައިތޯ ބަލައި އެ މީހުނަށް ދިމާވާ ދަތިތައް ދެނެގަނެ، އެކަންކަން ހައްލު ކުރެވޭނެ އިންތިޒާމުތައް ހަމަޖެެއްސުމަށް އޭއައިއޭން މަސައްކަތް ކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.