Roadha Mihaaru
ހިކުނު ވަރަށް ވުރެ އަވަހަށް ފަލަވަނީ ކީއްވެ؟

ހިކުނު ވަރަށް ވުރެ އަވަހަށް ފަލަވަނީ ކީއްވެ؟

23 އޮކްޓޯބަރ 2016

ބުރަ މަސައްކަތުން ހަށިގަނޑުން ހިކޭ މިންވަރަށް ވުރެ ބޮޑަށް އިސާހިތަކު މީހާ ފަލަވަނީ ކީއްވެތޯ އެއީ ޑައެޓްކުރާ މީހުންނާއި ފަލަ ބަލި ރިސާޗްކުރާ މީހުންގެ ވެސް އެންމެ ބޮޑު އެއް ސުވާލެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ބުރަ މަސައްކަތުން ހަށިގަނޑުން ހިކޭ މިންވަރަށް ވުރެ ބޮޑަށް އިސާހިތަކު މީހާ ފަލަވަނީ ކީއްވެތޯ އެއީ ޑައެޓްކުރާ މީހުންނާއި ފަލަ ބަލި ރިސާޗްކުރާ މީހުންގެ ވެސް އެންމެ ބޮޑު އެއް ސުވާލެވެ.

ދިރާސާތަކުގެ އަލީގައި ސައިންސްވެރިން ބުނަނީ ހިކުމަށް ފަހު މާގިނައިން ކެވެނީ ކަމަށެވެ. ހިކެން މަސައްކަތްކުރާ މީހުންގެ ބަރުދަން ލުއިވެގެން ދިޔަ ނަމަވެސް އެހެން މީހުންނަށް ޚިޔާލަށް ވެސް ނުގެނެވޭނެ މިންވަރަކަށް މިފަދަ މީހުންނަށް ބަނޑުހައިކަން އިހްސާސް ވާނެ އެވެ. ހަށިގަނޑުން މަދުވާ ކޮންމެ ދެ ޕައުންޑަކަށް 100 ކެލޮރީޒް ކެއުމަށް ހަށިގަނޑަށް ބޭނުންވާނެ އެވެ. މިއީ މިގޮތަށް ކާން ބޭނުންވާ އަދަދު ދެނެގަނެވުނު ފުރަތަމަ ފަހަރެވެ.

މިގޮތަށް ކާހިތްވާލެއް ބޮޑުކަމުން، ކިތަންމެ ކުޑަކޮށް ހަށިގަނޑުގެ ބަރުދަން ލުއި ވިޔަސް އެއަށް ވުރެ އަވަހަށް އެ ބައި އަލުން ބަރުވާން މެދުވެރިވަނީ އެވެ.

ސަރުބީ ވިރުވާ ނިޒާމުގެ މަސައްކަތް ލަސްލަހުން ކުރަމުން ދިޔަ ކަމުގައި ވިޔަސް ގައިގެ ބަރުދަން ލުއިވާވަރުގެ ތިން ގުނަ އެމީހަކަށް ބަނޑުހައިކަން އިހްސާސްވެ އެވެ. މި ދިރާސާ ރިވިއުކުރި ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ހަމަ ޔަގީނުން ވެސް ބަރުދަން ލުއިވަމުންދާ ބަލިމީހުންނަށް ފަރުވާ ދޭ ގޮތް ޑޮކްޓަރުން ބަދަލުކުރަން ޖެހޭނެ ސަބަބެކެވެ.

މިއީ ފާހަގަކޮށްލެވޭވަރުގެ ރަނގަޅު ހޯދުމެއް ކަމަށާއި ބަރުދަން ލުއިވާ މީހުން އަލުން ފަލަވިޔަ ނުދިނުމަށް މުޅިން އާ ގައިޑްލައިންތަކެއް ކަނޑައެޅުމަށް ބޭނުންވާ މުހިއްމު މައުލޫމާތުތަކެއް މި ދިރާސާއިން ލިބިފައިވާ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެ އެވެ. މިގޮތަށް ދިމާވާ ވަރަށް ގިނަ މީހުން ޑޮކްޓަރުންގެ އިރުޝާދު ހޯދާ ކަމަށާއި މިފަދަ މީހުން އާދަޔާޚިލާފަށް ބަނޑުހައިވާކަން މި ދިރާސާ އިން ހާމަވެފައި ވުމަކީ މިފަދަ މީހުންނަށް އެހީތެރިވުމަށް ލިބުނު ވަރަށް މުހިއްމު މައުލޫމާތެއް ކަމަށް ވެސް ބައެއް ޑޮކްޓަރުން ބުނެފައިވެ އެވެ.

ބައެއް އަންދާޒާތަކުން ދައްކާ ގޮތުން ބަރުދަނުން 10 ވަރަކަށް ޕަސެންޓް ލުއިވާ މީހުން ވެސް މާ ގިނަ ދުވަސްތަކެއް ނުވެ އަނެއްކާވެސް އިހު ހުރި ސައިޒަށް މަޑުމަޑުން ބަރުދަން އާދެ އެވެ. ނުވަތަ އެއަށް ވުރެ ވެސް ފަލަވާގޮތް ވެ އެވެ. ފަލަބަލީގެ ދިރާސާތައް ކުރާ ސައިންސްވެރިން މިފަދަ މީހުން ކިތަންމެ މަސައްކަތެއް ކުރިޔަސް ނުހިކޭ ސަބަބު ހޯދުމަށް މަސައްކަތްކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ.