Roadha Mihaaru
ތައިރޮއިޑް މައްސަލަ ގޯސްވިޔަނުދޭން ބައެއް ލަފާ

ތައިރޮއިޑް މައްސަލަ ގޯސްވިޔަނުދޭން ބައެއް ލަފާ

30 މެއި 2023

ތައިރޮއިޑް ބަލި ހުރިކަން އެނގުމާ އެކު، ބަލި ކޮންޓްރޯލްކުރުމަށް ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ބަދަލުގެންނަން ޖެހެ އެވެ. މި ލިޔުމުގައި ގެނެސްދޭނީ ތައިރޮއިޑް މައްސަލަތައް ގޯސްވިޔަނުދީ ކޮންޓްރޯލް ކުރުމަށް ބޭނުންކުރާނެ ސިއްހަތައް ފައިދާހުރި އާދަތަކާއި ޑައެޓް ޓިޕްތަކެކެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ތައިރޮއިޑް ބަލި ހުރިކަން އެނގުމާ އެކު، ބަލި ކޮންޓްރޯލްކުރުމަށް ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ބަދަލުގެންނަން ޖެހެ އެވެ. މި ލިޔުމުގައި ގެނެސްދޭނީ ތައިރޮއިޑް މައްސަލަތައް ގޯސްވިޔަނުދީ ކޮންޓްރޯލް ކުރުމަށް ބޭނުންކުރާނެ ސިއްހަތައް ފައިދާހުރި އާދަތަކާއި ޑައެޓް ޓިޕްތަކެކެވެ.

ތައިރޮއިޑް ގްލޭންޑަށް ދިމާވާ މައްސަލަތަކާ ގުޅިގެން ތައިރޮއިޑް ހޯމޯން އުފެއްދުމަށް ނޭދެވޭ އަސަރުކޮށް ވަރުބަލިވުމާއި، ބަރުދަން އިތުރުވުމާއި، ޑިޕްރެޝަންގެ މައްސަލަ އާއި ހަންގަނޑު އަދި މަސްގަނޑަށް ގެއްލުން ވުން ފަދަ ކަންކަމާ ކުރިމަތިލާންޖެހެ އެވެ. އަދި ސިއްހަތަށް ފައިދާހުރި އާދަތައް ނުގެންގުޅޭ ނަމަ، ބަލި އިތުރަށް ބޮޑުވެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ އެވެ.

ތައިރޮއިޑް ގްލޭންޑް

ތައިރޮއިޑް ގްލޭންޑް

"ހައިޕޯތައިރޮޑިޒްމް" ނުވަތަ ތައިރޮއިޑް ހޯމޯން އުފައްދާލެއް މަދުވާ ކޭސްތައް ގިނަވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ސިއްހީ މާހިރުން ބުނާގޮތުގައި، އޭގެ އެންމެ ބޮޑު ސަބަބަކީ ޑައިޓް ޕްލޭނުގައި އަޔަޑިން ނެގޭވަރު މަދުވުމެވެ. އާންމު ދިރިއުޅުމުގައި އަޔަޑިން ލިބޭ ހަމައެކަނި ބާވަތަކީ އަޔަޑައިޒް ލޮނެވެ.

"ހިންދުސްތާން ޓައިމްސް ލައިފްސްޓައިލް" އަށް ދިން އިންޓަވިއުއެއްގައި އިންޑިއާގެ ނިއު ދިއްލީގެ އިންދްރަޕްރަސްތާ އެޕޯލޯ ހޮސްޕިޓަލުގެ ސީނިއާ އެންޑޮކްރިނޮލޮޖީ ކޮންސަލްޓެންޓް ޑރ. ރިޗާ ޗަތުރްވެދީ ލަފާދެއްވާފައިވާ ގޮތުން ތައިރޮއިޑް މައްސަލަ ގޯސްވިޔަ ނުދީ ރައްކާތެރިވުމަށް އާންމު ދިރިއުޅުމުގައި މި އާދަތައް ގެންގުޅުން މުހިންމެވެ.

ބެލެންސްޑް ޑައިޓް

މޭވާ އާއި ތަރުކާރި އާއި ހޯލް ގްރެއިން އާއި ޕްރޮޓީން އަދި ސިއްހަތަށް ފައިދާހުރި ފެޓްސްގެ ބާވަތްތައް ގިނަގިނައިން ބޭނުންކުރުމާ އެކު، އަޔަޑިން ލިބޭ ކަނޑު މަހުގެ އެކި ބާވަތްތައް ކެއުން ރަނގަޅެވެ. އެއީ ތައިރޮއިޑް ހޯމޯން އުފެއްދުމުގައި އަޔަޑިންގެ ރޯލު ބޮޑުކަމުންނެވެ.

ހަށިގަނޑަށް ބޭނުންވާވާރަށް އަޔަޑިން ނެގުން

އަޔަޑިން ބޭނުންކުރާއިރު އެއީ އެމީހަކަށް އެންމެ އެކަށީގެންވާ ވަރު ކަން ކަށަވަރު ކުރާށެވެ. މާގިނައިން އަޔަޑިން ނެގުމުން ވެސް ތައިރޮއިޑް މައްސަލަތައް ދިމާވާނެތީ އެވެ. ހަށިގަނޑަށް އަޔަޑިން ބޭނުންވާ މިންވަރު ހޯދުމަށް ސިއްހީ މާހިރެއްގެ ލަފާ ހޯދާށެވެ.

ގަވައިދުން ކަސްރަތުކުރުން

ދެމީހަކު ޖޮގިންގައި؛ ގަވައިދުން ކަސްރަތުކުރާ ނަމަ ތައިރޮޑް ބަލި ގޯސްވުމުން ރައްކާތެރިކޮށްދޭ

ދެމީހަކު ޖޮގިންގައި؛ ގަވައިދުން ކަސްރަތުކުރާ ނަމަ ތައިރޮޑް ބަލި ގޯސްވުމުން ރައްކާތެރިކޮށްދޭ

ގަވައިދުން ކަސްރަތުކުރުމުން ހަށިގަނޑުގެ މުޅި ސިއްހަތާއި މެޓަބޮލިޒަމް ރަނގަޅުކޮށްދެ އެވެ. އަދި ކަސްރަތުގެ ސަބަބުން ސިއްހަތަށް ފައިދާހުރި މިންވަރަކަށް ބަރުދަން ބަހައްޓައިދީ ތައިރޮއިޑް މަސައްކަތް ރަނގަޅުކޮށްދެ އެވެ.

ސްޓްރެސް މެނޭޖުކުރުން

އަބަދު މާބޮޑަށް ކަންކަމާ ވިސްނައި ސްޓްރެސްވުމުން ވެސް ތައިރޮއިޑް މައްސަލަތަކާ ދިމާވެ އެވެ. އެހެންވެ، ސްޓްރެސް މެނޭޖްކުރުމަށް މެޑިޓޭޓް ކުރުމާއި ފުންކޮށް ނޭވާލާ ކަސްރަތުތަކާއި ޔޯގާ ނުވަތަ ސްޓްރެސް މަދުކުރާނެ ކޮންމެވެސް ކަމެއް ކުރުން މުހިންމެވެ.

ސްޓްރެސް މޭނޭޖުނުކުރެވޭ ނަމަ ސިއްހަތަށް ގެއްލުންވޭ

ސްޓްރެސް މޭނޭޖުނުކުރެވޭ ނަމަ ސިއްހަތަށް ގެއްލުންވޭ

ރަނގަޅަށް ނިދުން

ކޮންމެ ރެޔަކުވެސް 7-9 ގަޑިއިރަށް ނިދުމަށް އާދަކުރާށެވެ. ރަނގަޅަށް ނިދި ނުލިބޭ ނަމަ ހޯމޯންގެ މައްސަލަ ދިމާވެ، ތައިރޮއިޑްގެ އެކި މައްސަލަތައް ދިމާވެދާނެ އެވެ.

ގަވައިދުން ޑޮކްޓަރަށް ދެއްކުން

ގަވައިދުން ޑޮކްޓަރަށް ދައްކައި ޗެކަޕްތައް ހެދުމަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް މުހިންމު ކަމެއް

ގަވައިދުން ޑޮކްޓަރަށް ދައްކައި ޗެކަޕްތައް ހެދުމަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް މުހިންމު ކަމެއް

ގަވައިދުން ޑޮކްޓަރަށް ދައްކައި، ތައިރޮއިޑް ޓެސްޓުތައް ހެދުން ރަނގަޅެވެ. އެއީ ތައިރޮއިޑް މައްސަލައެއް އަވަހަށް ފެނިއްޖެ ނަމަ، އިތުރަށް ގޯސްވިޔަ ނުދީ ކޮންޓްރޯލް ކުރަން ފަސޭހަވާނެތީ އެވެ.

ވިހަ މާއްދާތަކާ ދުރުވުން

ދިރިއުޅޭ މާހައުލުގައި އާންމުކޮށް ބޭނުންކުރާ ވިހަ މާއްދާތައް އެކުލެވޭ ޕެސްޓިސައިޑާއި ކެމިކަލް އަދި ބައެއްކަހަލަ ދަގަނޑު ފަދަ ތަކެއްޗާ ގާތްވުން މަދުކުރާށެވެ. އެފަދަ ތަކެތިން ތައިރޮއިޑުގެ މަސައްކަތަށް އަސަރުކުރާނެ އެވެ. އޭގެ ބަދަލުގައި ގުދުރަތީ މާއްދާތައް ބޭނުންކޮށްގެން ސާފުކުރާށެވެ.

ބަންދުކޮށްފައި ހުންނަ ކާނާ މަދުކުރުން

ޕެކެޓުގައި ބަންދުކޮށްފައި ހުރި ލުއިކާނާ؛ ބަންދުކޮށްފައި ހުންނަ ކާނާ މަދުކުރުން މުހިންމު

ޕެކެޓުގައި ބަންދުކޮށްފައި ހުރި ލުއިކާނާ؛ ބަންދުކޮށްފައި ހުންނަ ކާނާ މަދުކުރުން މުހިންމު

ބަންދުކޮށްފައި ހުންނަ ކާތަކެއްޗާއި، ހަކުރާއި ސިއްހަތަށް ގެއްލުންވާ ފެޓްސްގެ ބާވަތްތައް ބޭނުންކުރުން މަދުކުރާށެވެ. ސަބަބަކީ އެފަދަ ތަކެތީގެ ސަބަބުން ތައިރޮއިޑް ދުޅަވެ، ނޭދެވޭ އަސަރުތައް ކުރާތީ އެވެ.

ދުންފަތާ ދުރުވުން

ގިނަގިނައިން ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ ތައިރޮއިޑް މައްސަލަތަކާ ކުރިމަތިލާންޖެހެ އެވެ. ތައިރޮއިޑްގެ ސިއްހަތު ރަނގަޅު ކުރުމަށްޓަކައި ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުވާށެވެ.

އެކަށީގެންވާ ވަރަށް ފެންބުއިން

ހަށިގަނޑު ފުރިހަމަ ސިއްހަތެއްގައި ބެހެއްޓުމާއި ތައިރޮއިޑްގެ މަސައްކަތް ރަނގަޅު ކުރުމަށް ކޮންމެ ދުވަހަކު ވެސް ހަށިގަނޑަށް ބޭނުންވާ މިންވަރަކަށް ފެންބޯން އާދަކުރާށެވެ.

އޭގެ އިތުރުން، ދިއްލީގައި ހުންނަ މެކްސް ސުޕަ ސްޕެޝިއަލިޓީ ހޮސްޕިޓަލުގެ ކްލިނިކަލް ނިއުޓްރިޝަން އަދި ޑައިޓިކްސް ޑިޕާޓްމެންޓުގެ ރީޖަނަލް ހެޑް ރިތިކާ ސަމައްދަރް ލަފާދޭގޮތުން، ބީއެމްއައި ރަނގަޅު މިންވަރެއްގައި ބެހެއްޓުން، ތައިރޮއިޑް މައްސަލަތައް ހައްލުކުރުމުގައި މުހިންމު ރޯލެއް އަދާކުރެ އެވެ. އަދި ތައިރޮޑް ހޯމޯން ބަދަލުކުރަން ބޭނުންކުރާ ބޭސް، ހެނދުނު ހުސްބަނޑާ ހުރެ ކެއުމަށްފަހު، ކޮފީ ނުބިއުމަށް ވެސް އޭނާ ލަފާދެ އެވެ.