Roadha Mihaaru
ނިދަން ފަސޭހަވެ ބަރުދަން ލުއިކޮށްދޭ ބުއިންތަކެއް

ނިދަން ފަސޭހަވެ ބަރުދަން ލުއިކޮށްދޭ ބުއިންތަކެއް

09 މާޗް 2017

ނިދި ނުލިބުމަކީ ވެސް ބަރުދަން އިތުރުވާން މެދުވެރިވާ ކަމެކެވެ. އެއީ ހޯމޯން ލެވެލްއަށް މައްސަލަތައް ކުރިމަތިވުމާއި ޖެހިގެން އަންނަ ދުވަހު މާ ގިނަގިނައިން ކެވުމާއި ލޭގައި ހަކުރު ގިނަވުމާއި އިންސިއުލިންގެ މައްސަލަތައް ކުރިމަތިވާތީ އެވެ. ތަޖުރިބާކާރުން ވިދާޅުވަނީ ރޭގަނޑު ރަނގަޅަށް ނިދުމަށް އެހީތެރިވެދޭ ބުއިންތައް ހުންނަ ކަމަށެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ނިދި ނުލިބުމަކީ ވެސް ބަރުދަން އިތުރުވާން މެދުވެރިވާ ކަމެކެވެ. އެއީ ހޯމޯން ލެވެލްއަށް މައްސަލަތައް ކުރިމަތިވުމާއި ޖެހިގެން އަންނަ ދުވަހު މާ ގިނަގިނައިން ކެވުމާއި ލޭގައި ހަކުރު ގިނަވުމާއި އިންސިއުލިންގެ މައްސަލަތައް ކުރިމަތިވާތީ އެވެ. ތަޖުރިބާކާރުން ވިދާޅުވަނީ ރޭގަނޑު ރަނގަޅަށް ނިދުމަށް އެހީތެރިވެދޭ ބުއިންތައް ހުންނަ ކަމަށެވެ.

ނިދާ ވަގުތު ކައިރިވެފައި ހުއްޓާ ކެފެއިން އާއި ހަކުރުގެ ބުއިންތައް ބޮއެފި ނަމަ ބައެއް މީހުންނަށް ނިދަން ވަރަށް އުނދަގޫވެ އެވެ. ނަމަވެސް މަސްތައް ވަރުގަދަވެ، ލޭގައި ހަކުރު ހުންނަ މިންވަރު ވެސް ހަމައަކަށް އެޅި އަދި ސަރުބީ ވެސް ވިރޭ ކަހަލަ ބުއިންތައް ވެސް ހުރެ އެވެ. އެފަދަ ބުއިމެއް ނިދުމުގެ ކުރިން ބޯލައިފި ނަމަ ފަސޭހައިން އަރާމުކޮށް ނިދާލެވި އަދި ނިދީގައި އޮންނަ ގަޑީގައި ސަރުބީ ވެސް ވިރޭނެ އެވެ.

ކިރު

ހޫނުކޮށް ނުވަތަ ހޫނު ނުކޮށް ވެސް، ނިދުމުގެ ކުރިން ކިރުތައްޓެއް ބޯލައިފި ނަމަ ވަރަށް އަރާމުގައި ނިދާލެވޭނެ އެވެ. އެއީ ކިރުގައި ޓްރެޕްޓޮފޭން އާއި ކެލްސިއަމް ހުންނާތީ އެވެ. ރޭގަނޑު ރަނގަޅަށް ނިދާލެވިއްޖެ ނަމަ ދުވާލު އަބަދު ކާހިތްވާތީ އުޅޭކަށް ނުޖެހޭނެ އެވެ. ޚާއްސަކޮށް، ޖިމަށް ގޮސް ކަސްރަތުކޮށް އުޅޭ މީހުންނަށް ރޭގަނޑު ކިރުތައްޓެއް ބުއިމުގެ ފައިދާ ބޮޑެވެ. ސަބަބަކީ މަސްތައް ވަރުގަދަވެ ސަރުބީ ވިރުން ހަލުވި ވުމުގެ ސަބަބުން ބަރުދަން ފަސޭހައިން ލުއި ކުރެވޭނެތީ އެވެ.

މޭބިސްކަދުރު ޖޫސް

އާއްމުކޮށް މޭވާ ޖޫސް ބުއިމަކީ ބަރުދަން ލުއިކުރަން އުޅޭ މީހަކު ކުރުން ރަނގަޅު ކަމެއް ނޫނެވެ. ނަމަވެސް އިތުރު އެއްވެސް އެއްޗަކާ އެއް ނުކޮށް، ނިދަން އޮށޯތުމުގެ ކުރިން ކުޑަ ތައްޓެއްގެ ގްރޭޕް ޖޫސް ބުއިމުން ނިދަން ފަސޭހަވެ އެވެ. އަދި ސަރުބީ ވިރުވުމަށް ވަރަށް ބޮޑު އެހީއަކަށްވެ އެވެ. ސެލް ރިޕޯޓްސްގައި ސައިންސްވެރިން ބުނެފައި ވަނީ ކާބޮހައިޑްރޭޓްސް ހުންނަ އާދައިގެ ޖޫސް ބޭނުންކުރުމުގެ ސަބަބުން ރޭގަނޑު ހަށިގަނޑުގައި އިންސިއުލިން އުފައްދާ ބޭރުކުރާ މިންވަރު އިތުރުވުމަކީ ހަށިގަނޑުގެ ސާކޭޑިއަން ރިދަމް ރެގިއުލޭޓްވާ ކަމެކެވެ. އިންޓަނޭޝަނަލް ޖާނަލް އޮފް އޮބޭސިޓީގައި 2015 ގައި ޝާއިއުކުރި ދިރާސާއެއްގައި ބުނި ގޮތުގައި މޭބިސްކަދުރުގައި ހުންނަ ރެސްވެރަޓްރޯލް ކިޔާ އެންޓިއޮކްސިޑެންޓެއް ކެލޮރީ-ރައްކާކުރާ ވައިޓް ފެޓް، ކެލޮރީ-އަންދާ ބްރައުންޑް ފެޓަށް ބަދަލުކުރެ އެވެ.

ކެމޮމައިލް ސައި

ނިދަން އޮށޯތުމުގެ ކުރިން ކެމޮމައިލް ސައި ތައްޓެއް ބޯލުމުން ހަށިގަނޑުގައި ގްލައިސީން ލެވެލް ހުންނަ ވަރު މަތިވެ އެވެ. ގްލައިސީން އަކީ ނިއުރޯޓްރާންސްމީޓާ އަކަށް ވާތީ ނާރުތަކަށް އަރާމު ލިއްބައިދެ އެވެ. އަދި ކުޑަކޮށް ނިދިއަންނަ ކަހަލަ އަސަރުތަކެއް ވެސް ކުރެ އެވެ. ކެމޮމައިލްގެ އަނެއް ފައިދާއަކީ ހަށިގަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލެވެ. ކެމޮމައިލް ސައިތައްޓެއް ބޯލުމުން ހަށިގަނޑު ފިނިވެ އަރާމު ނިންޖަކަށް މަގުފަހިވެ އެވެ. އަދި ކެމޮމައިލް އަކީ ގުލްކޯޒް ކޮންޓްރޯލް ކުރުމަށާއި ބަރުދަން ލުއިކުރުމަށް ވެސް ރަނގަޅު އެއްޗެކެވެ.

ނިދަން އޮށޯތުމުގެ ކުރިން ބޯ ކޮންމެ ސަޔަކީ ވެސް ކެފެއިން ނެތް ސަޔެއްކަން ޔަގީން ކުރަން ޖެހެ އެވެ. އަދި ޑިޓޮކްސް ޓީގެ ގޮތުގައި ބޮއި އުޅޭ ސައިތައް ނިދާ ގަޑީގައި އެއްގޮތަކަށް ވެސް ނުބޯށެވެ.

ކެފިރް

ފާމެންޑް ކޮށްފައިވާ ކިރުން އުފައްދާފައިވާ މި ޕްރޮބައޮޓިކުން މުއްސަނދިވެފައިވާ ބުއިމަކީ ގޮހޮރުގެ މައިކްރޮބައޯމްގައި މަސައްކަތްކުރާ އެއްޗެކެވެ. މީގެ ސަބަބުން، ގޮހޮރުގައި ހުންނަ ރަނގަޅު ބެކްޓީރިއާ ލެވެލް އިތުރުވެ، ހަޖަމުކުރަން ފަސޭހަވެ އެވެ. އަދި ވިޓަމިންސް އާއި މިނަރަލްސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހަށިގަނޑުގެ ބައިތަކަށް ދަތުރުކުރުމަށް އެހީތެރިވެދެ އެވެ. ބްރިޓިޝް ޖާނަލް އޮފް ސްޕޯޓްސް މެޑިސިންގައި ޝާއިއުކޮށްފައިވާ ދިރާސާއެއް ބުނާ ގޮތުން ޔޯގަޓްހެން ހުންނަ މި ބުއިމަކީ އަރާމުކޮށް ނިދާލަން ފަސޭހަވާ އެއްޗެކެވެ. އަދި ކަސްރަތުކުރާއިރު ޕާފޯމަންސް ރަނގަޅުކޮށްދެ އެވެ.

ސޯޔާ ޕްރޮޓީން ޝޭކް

ސޯޔާ ކިރު ނުވަތަ ޕްރޮޓީން ޕައުޑާ ގޮތަށް ހުންނަ ބުއިންތަކަކީ ވެސް އެމިނޯ އެސިޑާއި ޓްރެޕްޓޮފޭން ގިނަ އެއްޗެކެވެ. މި އެއްޗެހި އެހާ މުހިއްމު ވަނީ ކީއްވެ ހެއްޔެވެ؟ ބާމިންހަމް ޔުނިވަސިޓީގެ ދިރާސާއެއްގައިވާ ގޮތުން ނިދި އަންނަން މެދުވެރިވާ މެލަޓޯނިން އުފައްދަން މި ތަކެތިން އެހީތެރިވެދެ އެވެ. އަދި ނިދަން ފަސޭހަވުމުގެ އިތުރުން ޓްރެޕްޓޮފޭން އަކީ ކޯޓިސޯލް ލެވެލް ދަށްކޮށްދިނުމަށާއި ބަނޑުހައި ހުންނަ ސަރުބީ ވިރުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ޕްރޮޓީން ޝޭކްގެ ފައިދާ އެންމެ ރަނގަޅު ކުރުމަށް ގްރީކް ޔޯގަޓް މި ބުއިމަށް އިތުރު ކުރާށެވެ.