Roadha Mihaaru
ފަލަ ބަލީގައި ފިރިހެނުންނަށް ނުރައްކާ ބޮޑު

ފަލަ ބަލީގައި ފިރިހެނުންނަށް ނުރައްކާ ބޮޑު

17 ޖުލައި 2016

އެކަށީގެންވާ ވަރަށް ވުރެ ހަށިގަނޑުގެ ބަރުދަން އިތުރުވެ ފަލަވުމުން ކުރިމަތިވާ ސިއްހީ ނުރައްކަލުގެ ނިސްބަތް އަންހެނުންނަށް ވުރެ ފިރިހެނުންނަށް ތިން ގުނަ އިތުރު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އެކަށީގެންވާ ވަރަށް ވުރެ ހަށިގަނޑުގެ ބަރުދަން އިތުރުވެ ފަލަވުމުން ކުރިމަތިވާ ސިއްހީ ނުރައްކަލުގެ ނިސްބަތް އަންހެނުންނަށް ވުރެ ފިރިހެނުންނަށް ތިން ގުނަ އިތުރު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން ހަތަރު މިލިއަނަށް ވުރެ ގިނަ ފިރިހެނުންނާއި އަންހެނުން ބައިވެރިކުރި ދިރާސާގެ ނަތީޖާ އިން ދައްކަނީ އެކަށީގެންވާ ބަރުދަނެއްގައި ތިބޭ މީހުންގެ ތެރެއިން އެއް ބަރުދަނެއްގައި ހުންނަ އަންހެނަކާއި ފިރިހެނަކާ އަޅާބަލާއިރު، އުމުރުން 70 އަހަރު ވުމުގެ ކުރިން މަރުވުމުގެ ފުރުސަތު ފުރުސަތު އަންހެނަކަށް 11 ޕަސެންޓަށް އޮންނަ ކަމަށެވެ. އެކަމަކު ފިރިހެނަކު ނަމަ މި ނިސްބަތަކީ 19 ޕަސެންޓެވެ.

އެކަމަކު އެކަށީގެންވާ ވަރަށް ވުރެ ބަރު ނުވަތަ ފަލަ މީހުންގެ މެދުގައި މިގޮތަށް އަޅާކިޔާއިރު 70 އަހަރު ވުމުގެ ކުރިން މަރުވުމުގެ ފުރުސަތު ފިރިހެނުންނަށް 30 ޕަސެންޓަށް އިތުރުވެ އެވެ. އަންހެނުންނަށް މި ނިސްބަތް އޮންނަނީ 15 ޕަސެންޓަށެވެ.

"އެމެރިކާ އަށް ބަލާއިރު، ދުންފަތުގެ އިސްތިއުމާލުކުރުން ފިޔަވައި ދެން އެންމެ ގިނަ މީހުން މަރުވަނީ އެކަށީގެންވާ ވަރަށް ވުރެ ފަލަވުމުގެ ސަބަބުން،" މި ދިރާސާކުރެއްވި، އިންގްލެންޑުގެ ޔުނިވަސިޓީ އޮފް އޮކްސްފޯޑްގެ މެޑިކަލް ސްޓެޓިސްޓިކްސް އެންޑް އެޕިޑެމިއޮލޮޖީގެ ޕްރޮފެސަރު ރިޗަޑް ޕީޓޯ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ހަށިގަނޑުގެ ބަރުދަނުން 10 ޕަސެންޓް ލުއިކޮށްލައިފި ނަމަ، 70 އަހަރު ވުމުގެ ކުރިން މަރުވުމުގެ ފުރުސަތު އަންހެނަކަށް 10 ޕަސެންޓް އަދި ފިރިހެނަކަށް 20 ޕަސެންޓް މަދުވާ ކަމަށެވެ.

ދިރާސާގައި ބުނެފައި ވަނީ ފަލަވުމުން އަންހެނުންނަށް ވުރެ އަވަހަށް ފިރިހެނުން މަރުވުމަށް ސިއްހީ ގޮތުން މެދުވެރިވަނީ ކީއްވެގެން ކަމެއް އަދި ނޭނގޭ ކަމަށެވެ. މި ދިރާސާގައި މި ސަބަބު ހޯދުމަށް މަސައްކަތްކޮށްފައި ނުވާ ކަމަށާއި އެކަމަކު ކުރީގެ ދިރާސާތަކަށް ބަލާއިރު، ފަލަވުމުން ފިރިހެނުންނަށް ނުރައްކާ ބޮޑުވަނީ ހަކުރު ބައްޔާއި ފެޓް އިތުރުވުމުގެ ފުރުސަތު ފިރިހެނުންގެ ހަށިގަނޑުގައި ބޮޑުވުމުން ކަމަށް ޕްރޮފެސަރު ވިދާޅުވެފައިވެ އެވެ.

މި ދިރާސާގައި މިހާރު ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ލާންސިޓް ޖާނަލްގައި ޝާއިއުކޮށްފަ އެވެ.