Roadha Mihaaru
ބަނޑުހައިވެފައި ހުރެގެން ނިދަންވާނެތަ؟

ބަނޑުހައިވެފައި ހުރެގެން ނިދަންވާނެތަ؟

28 ފެބުރުއަރީ 2017

ރޭގަނޑު ކެއުމާއި ނިދަން އޮށޯތުމާ ދެމެދު މަދުވެގެން ދެ ގަޑިއިރު އޮންނަން ޖެހެ އެވެ. ނަމަވެސް ކައިގެން މާ ގިނައިރު ވަންދެން ނުނިދާ ހުންނަން ވެއްޖެ ނަމަ ބައެއް މީހުން އަނެއްކާވެސް ބަނޑުހައިވެ ކޮންމެވެސް އެއްޗެއް ކާލަން ބޭނުންވެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ރޭގަނޑު ކެއުމާއި ނިދަން އޮށޯތުމާ ދެމެދު މަދުވެގެން ދެ ގަޑިއިރު އޮންނަން ޖެހެ އެވެ. ނަމަވެސް ކައިގެން މާ ގިނައިރު ވަންދެން ނުނިދާ ހުންނަން ވެއްޖެ ނަމަ ބައެއް މީހުން އަނެއްކާވެސް ބަނޑުހައިވެ ކޮންމެވެސް އެއްޗެއް ކާލަން ބޭނުންވެ އެވެ.

ބަނޑުހައިވުމުން އޮށޯވެ ނިދާނީތޯ ނުވަތަ ކާހިތްވާ އެއްޗެއް ކާލައިގެން ނިދާނީތޯ މިއީ ވަރަށް ގިނަ މީހުން ކުރާ ސުވާލެކެވެ. ޖަވާބަކަށް އާއެކޭ ނުވަތަ ނޫނެކޭ ވެސް ބުނެވިދާނެ އެވެ.

ނިއުޓްރިޝަނިސްޓުންނާއި ޑައެޓީޝަނުން ބުނާ ގޮތުގައި ބަނޑުހައިވުން ކޮންޓްރޯލްކުރަން ދަސްކުރަން ޖެހޭނެ އެވެ. މިކަން ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ ބަނޑުހައިވުމުން، ހައިވެފައި ހުރީ ކިހާ ވަރަކަށްތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލުމެވެ. އެގޮތަށް ވިސްނާއިރު އެހާ ބޮޑަށް ބަނޑުހައިވެފައި ނުވާ ނަމަ ރަނގަޅީ ފެންތައްޓެއް ބޯލައި ހޯލް ގްރެއިން ކުކީއެއް ކަހަލަ އެއްޗެއް ކާލުމެވެ. އެގޮތުން 250 ކެލޮރީޒް އަށް ވުރެ މަތި ނުވާ މިންވަރަކަށް ކެވިދާނެ އެވެ.

ނަމަވެސް މާ ބޮޑަށް ބަނޑުހައިވެފައި ހުރި ނަމަ ނިދުމުގެ ކުރިން ކޮންމެވެސް އެއްޗެއް ކާލަން ޖެހޭނެ އެވެ. މިސާލަކަށް ސްކިމްޑް މިލްކް ތައްޓެއް ބޯލެވިދާނެ އެވެ. ހޫނު ކިރުތައްޓެއް ބޯލުމުން ނިދަން ފަސޭހަވެފައި ބަނޑުހައިކަން ވެސް ފިލާނެ އެވެ. ކޮންމެހެން ވެސް ކާން ބޭނުންވާ ނަމަ ފައިބަ ސީރިއަލްގެ ކުޑަ މިންވަރެއް ކާލެވިދާނެ އެވެ.

ޕްރޮޓީން ގިނައިން ހުންނަ، ފެޓްގެ ބައި ގިނަ ކާނާ ނިދާ ގަޑީގައި ބޭނުންކުރުން ރަނގަޅެއް ނޫނެވެ. ސަބަބަކީ އެފަދަ އެއްޗެތި ހަޖަމުވާން ގިނަ ވަގުތު ނަގާތީ އެއިން ނިދުމަށް ނޭދެވޭ އަސަރުކޮށް، ބަރުދަން ލުއިކުރަން ކުރާ މަސައްކަތަށް ބުރޫ އަރާނެތީ އެވެ.

ޑައެޓްކުރުމަށް އަޒުމް ކަނޑައަޅައިގެން މަސައްކަތްކުރާ މީހަކަށް ވިޔަސް މާބޮޑަށް ބަނޑުހައިވެފައި ހުރެގެން ނިދުން ރަނގަޅެއް ނޫނެވެ. ބަނޑުހައިވެފައި އޮވެ ނިދައިފި ނަމަ ހަށިގަނޑުގެ މެޓަބޮލިޒަމް އަށް މައްސަލަތައް ކުރިމަތިވެ ޖެހިގެން އަންނަ ދުވަހު އެއްކޮށް ބަނޑުހައިވެފައި ހުންނަ ކަހަލަ އިހްސާސްތަކެއް ކުރެވޭނެ އެވެ. ބަނޑުހައިކަމުން ނުނިދިގެން އުޅެން ޖެހުމަކީ ވެސް ވަރަށް ގާތުގައި އޮންނާނެ ކަމެކެވެ.

ޑައެޓީޝަނުން ލަފާ ދެއްވަނީ ކޮންމެ ރެއަކުވެސް ނިދުމުގެ ދެތިން ގަޑިއިރުގެ ކުރިން ލުއި ގޮތަކަށް ކެއުމަށެވެ. އޭރުން ބަރުދަން ލުއިކުރުމަށާއި ނިދަން ވެސް ފަސޭހަ ވާނެ އެވެ. ރޭގަނޑު ހޭލާ ގިނަ ވަގުތު އުޅެ، ހިތަށް އެރިހާ އެއްޗެހި ކައިގެން ބޭނުންހާ އިރަކު ނިދާ ނަމަ ފަލަވުން ކޮންޓްރޯލްކުރަން އުނދަގޫވާނެ އެވެ. އަދި އެކަށީގެންވާ ފުރިހަމަ ނިންޖެއް ވެސް ނުލިބޭނެ އެވެ.