Roadha Mihaaru
ޖިންސީގޯނާ އިތުރުވާ މައްސަލަ ހައްލުކުރަން ޖެހޭ: ރައީސް

ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެއްޖެ، ހައްލެއް ހޯދަން ޖެހޭ: ރައީސް

11 ޖުލައި 2020

ރާއްޖޭގައި ގެވެށި އަނިޔާ އާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި އެއީ ހައްލު ހޯދަން ޖެހޭ މައްސަލައެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ގެވެށި އަނިޔާ އާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި އެއީ ހައްލު ހޯދަން ޖެހޭ މައްސަލައެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ އާބާދީ ދުވަހާ ގުޅުވައި ނެރުއްވި ޚިތާބުގައި ރައީސް ވިދާޅުވީ ކޮވިޑް-19އާ ހެދި ރާއްޖޭގެ އާއްމު ސިއްހަތުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަަމަށާއި އެހެންވެ މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށެވެ. ކޮވިޑް ފެތުރުން ކޮންޓްރޯލްކުރަން އެޅި ލޮކްޑައުން ފިޔަވަޅުގެ ސަބަބުން ވެސް އެންމެ ބޮޑު އަސަރެއް ކުރި ބަޔަކީ އަންހެނުންނާއި އަންހެން ކުދިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"... ގެވެށި އަނިޔާގެ މައްސަލަތަކާއި ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތައް ވެސް އިތުރުވެއްޖެ އެވެ. މިއީ ހާއްސަ އިސްކަމެއް ދީގެން ހައްލުކުރަން ޖެހިފައިވާ ކަންކަމެވެ،" ހިތާބުގައި ރައީސް ވިދާޅުވި އެވެ.

ނަމަވެސް އެ މައްސަލަތައް ހައްލުކުރަން އަޅުއްވާނެ ވަކި ހާއްސަ ފިޔަވަޅުތަކެއްގެ ވާހަކަ ނުވަތަ މުއައްސަސާތަކުން މިހާރު އިސްކަންދީގެން ކުރަމުން އަންނަ ކަންކަމެއް ވިދާޅެއް ނުވެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއަކީ މި ސަަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ދުޅަހެޔޮ އާބާދީއެއް ބިނާކުރުމުގައި ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ގައުމެކެވެ. އެގޮތުން ވިހެއުމުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން މަރުވާ މިންގަރު ރާއްޖޭގައި ދަށްކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

"...ނަމަވެސް މި ކާމިޔާބު އެ ގޮތުގައި ދެމެހެއްޓޭނީ، ކޯވިޑް-19 ފަދަ ބޮޑެތި ބަލިތަކާއެކު ވެސް ދުޅަހެޔޮ އާބާދީއެއް ބިނާކޮށް އުފަންވެނި ސިއްހަތަށާއި އެހެނިހެން އިޖުތިމާއީ ކަންކަމަށް އިސްކަންދީގެންނެވެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ޖިންސީ ގޯނާ އިތުރުވާ މައްސަލައަށް ހައްލެއް ހޯދަން ޖެހޭ ކަމަށް ރަައީސް ވިދާޅުވި އިރު، ސަރުކާރުގެ ތެރެއިން ވެސް އެފަދަ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެ މިނިސްޓްރީގެ މުވައްޒަަފުންތަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. އޭނާ މަގާމުން ދުރުކުރީ ވެސް އެ ތުހުމަތުތަކާ ގުޅިގެންނެވެ.