Roadha Mihaaru
ރުގްޔާގެ ނަމުގައި އަނިޔާކުރި މީހުން ބަންދަށް

ރުގްޔާގެ ނަމުގައި އަނިޔާކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

27 ނޮވެމްބަރ 2020

ރުގްޔާގެ ނަމުގައި ހަތަރުމައިން ބަންދުކޮށް އަނިޔާކޮށް، ހަތް އަހަރުގެ އަންހެންކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ތަހުގީގަށް ބަންދުގައި ބައިތިއްބަން ކޯޓުން މިއަދު އަމުރު ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރުގްޔާގެ ނަމުގައި ހަތަރުމައިން ބަންދުކޮށް އަނިޔާކޮށް، ހަތް އަހަރުގެ އަންހެންކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ތަހުގީގަށް ބަންދުގައި ބައިތިއްބަން ކޯޓުން މިއަދު އަމުރު ދީފި އެވެ.

ފުލުހުން ބުނީ އެ ދެމީހުންގެ ތެރެއިން 24 އަހަރުގެ ފިރިހެން މީހާ 15 ދުވަހަށް ބަންދުކުރުމަށާއި 39 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރު ދީފައިވާ ކަމަށެވެ. މީގެ ތެރެއިން 39 އަހަރުގެ މީހާ އަކީ އަނިޔާ ލިބުނު އަންހެން މީހާގެ ފިރިމީހާ އެވެ. ހައްޔަރުކޮށްފައިވާ 24 އަހަރުގެ މީހާ އަކީ ރުގްޔާކުރުމުގެ ނަމުގައި އުޅުނު މީހާ އެވެ.

މި ދެ މީހުންގެ ބަންދު އިތުރުކޮށްފައި މި ވަނީ އެކަކު އިއްޔެ ރޭގެ ވަގުތެއްގައި ހައްޔަރުކޮށް އަދި ދެން ހުރި މީހާ އިއްޔެ ހެނދުނު ހައްޔަރުކުރުމަށް ފަހުގަ އެވެ. ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައި 24 ގަޑިއިރަށް ވުރެ ގިނައިރު ބެހެއްޓޭނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް އެކަމުގެ ހުއްދަ ލިބިގެންނެވެ.

ކުޑަކުއްޖާއަށް ޖިންސީގޯނާކުރުމުގެ ތުހުމަތު އާއިލާ އިން ކުރަނީ ރުގްޔާގެ ނަމުގައި އަނިޔާވެރި އަމަލުތަކެއް ހިންގި މީހާ އަށެވެ. އަންހެން މީހާގެ ފިރިމީހާ ވެސް ރުގްޔާކުރާ މީހާގެ އަމަލުތަކަށް ހިތްވަރުދީ އަނިޔާގައި ބައިވެރިވި ކަމަށް ތުހުމަތުކުރެ އެވެ.

އަންހެން މީހާ އާއި އޭނާގެ އާއިލާ އިން "މިހާރު" އަށް ކިޔައިދިން ގޮތުގައި ރުގްޔާ ކުރުމުގެ ނަމުގައި ފިރިމީހާގެ ގޭގައި އަންހެންމީހާ އާއި ތިން ދަރިން ބަންދުކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އާއްމުކޮށް އޭނާ އަށް ކުރިމަތިވާ މައިގްރެއިން ވޭނަކީ ޖިންނީގެ އުނދަގުލެއް ކަމަށް ބުނެ މީހަކު ގެނެސް އެކި ކަންކަން ކުރަން ފެށީ އެވެ. އެ މީހާ ގެއަށް ގެނެސް ތިން މަސްވަންދެން ގޭގައި އުޅުނެވެ. އަދި އޭނާ ވިސްނައިދިން ގޮތުގައި އަންހެން މީހާ އާއި އޭނާގެ ހަތް އަހަރުގެ ދަރިފުޅުގެ ގައިގެ ތެރެއަށް ވަނީ ޖިންނި ވަދެފަ އެވެ. އެ ދެ މައިންނަކީ ޖިންނީން ކަމަށް، ދެން ތިބި ދެ ކުދިންނަށް ކިޔައިދީ، އެ ކުދިންނަށް ވެސް ނަފްސާނީ އަނިޔާ ދިން ކަމަށް އާއިލާ އިން ބުންޏެވެ.

އަންހެން މީހާ ބުނީ އޭނާގެ ގައިގެ އެކި ތަންތަނުގައި ތަޅައި ހެދީ، ޖިންނިއަށް އަދަބު ދިނުމުގެ ނަމުގައި ކަަމަށެވެ. އެ އަދަބުގެ ތެރެއިން، އަޅެއްގެ ގޮތުގައި ގެންގުޅުމާއި ބަނޑުފުރައި ކާން ނުދިނުމާއި ހަމަ ނިދި ނިދިޔަ ނުދިނުން ފަދަ ކަންކަން ކުރިމަތިކުރުވި ކަމަށް އަންހެން މީހާ ވަނީ ބުނެފަ އެވެ.

އޭނާގެ ފައިގައި، އަނިޔާކުރި ކަމަށް ބުނާ ނިޝާންތައް ހުރިއިރު، އޭނާގެ ހަތް އަހަރުގެ އަންހެން ދަރިފުޅަށް ވަރަށް ބޮޑަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ޑޮކްޓަރުގެ ރިޕޯޓްތަކުގައިވެ އެވެ. އެ ކުއްޖާ ސްކޫލަކަށް ވެސް ނުފޮނުވަ އެވެ.

ރުގްޔާ ކުރާއިރު، އެ ގޭތެރެއިން ރޯ އަޑު އިވޭނެ ކަމަށް އަވަށްޓެރިންނާއި އެ ގެއަށް ވަދެ އުޅޭ މީހުންނަށް ވިސްނައިދީފައި އޮތުމާ އެކު ތިން މަސްވިއިރު، އެ ހަތަރު މައިންނަށް އެހީތެރިކަމެއް ނުލިބުނެވެ. ފުލުހަކު އެ ގެއަށް ދިޔަ ދުވަހެއްގައި އަނިޔާގެ ވާހަކަ ބުނުމުން ގައި ތެރޭގައި ޖިންނި އުޅެނީ ކަމަށް ބުނެ އަޅާނުލައި ދިޔަ މައްސަލައިގައި އާއިލާގެ ކަންބޮޑުވުން އެބައޮތެވެ. ކުދިންނަށް އަނިޔާކުރާ ވާހަކަ އަންހެން މީހާގެ އާއިލާގެ މީހެއްގެ ގާތު ބުނެގެން އެ ގެއަށް ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރަކު ގޮސް ސުވާލުކުރުމުން ވެސް އޭނާގެ ފިރިމީހާ އެކަން ހުއްޓުވައި އޭނާ ފޮނުވާލީ ކަމަށް ވެސް އަންހެންމީހާ ބުނެ އެވެ.

ހަތަރު މައިން ބަންދުކޮށްގެން ގެންގުޅުނު ރަށުގެ ޕޮލިސް ސްޓޭޝަނުގެ ފުލުހަކު އެ މައްސަލައިގައި ފަރުވާކުޑަކޮށްފައިވާތީ އެތަނުގެ ބަދަލުގައި އަތޮޅު ޕޮލިސް ސްޓޭޝަނުން މައްސަލަ ބަލައިދޭން އާއިލާ އިން އޮތީ ހުށަހަޅައިފަ އެވެ. ތަހުގީގު މިހާރު ކުރިއަށް ގެންދަނީ އެ ތަނުން ކަމަށް އާއިލާ އިން ބުންޏެވެ.