Roadha Mihaaru
ރައީސް ފުލުހުންނަށް: ކުޑަކުދިންގެ މައްސަލައަށް ސަމާލުވޭ

ރައީސް ފުލުހުންނަށް: އަންހެނުންނާއި ކުޑަކުދިންގެ މައްސަލަތަކަށް ސަމާލުވާތި

05 ޖުލައި 2020

އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަށް އިތުރަށް ސަމާލުކަން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފުލުހުންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަށް އިތުރަށް ސަމާލުކަން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފުލުހުންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.

އިސްކަންދަރު ކޮށީގައި ފުލުހުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް ޝަރީއަތްތައް ހަލުއިކޮށް އަވަހަށް އިންސާފުު ގާއިމްކުރެވެންޖެހޭ ކަމަށެވެ.

އެ މައްސަލަަތަކް އިތުރަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންނެވި އިރު، ކުޑަކުދިން ރޭޕްކޮށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް މައްސަލަތަކެއް ވަނީ މިދިޔަ ހަފުތާގައި ފެންމަތިވެފަ އެވެ. އޭގެ ތެރެއިން އެއް މައްސަލައިގައި، ނުކުޅެދުންތެރިކަން ހުރި 14 އަހަރުގެ ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލައެއް ވެސް ހިމެނެ އެވެ.

"މި ސަރުކާރުން މަސައްކަތްކުރަމުން މި އަންނަނީ އިޖުތިމާއީ މިފަދަ މައްސަލަަތައް ހައްލުކުރަން. ފުލުހުންނަކީ ގާނޫނު ތަންފީޒުކުރުމުގައި އެންމެ މުހިއްމު ރޯލް އަދާކުރާ އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާއަށް ވުމުން މި މައްސަލަތައް ހައްލުކުރުމުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑު އަދި މުހިއްމު. އެކަން ކާމިޔާބުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަމަށް ގަބޫލުކުރަން. އަދި ފުލހުންނަށާއި ތަންފީޒީ އިދާރާތަކަށް ބޭނުންވާ ވަސީލަތްތަކާއި ތައުލީމާއި ތަމްރީން ވެސް އިތުރަށް ހޯދައިދޭން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 އާ އެކު ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއެކު އަތްމަތި ދަތިވެ ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެއާއެކު އިޖުތިމާއީ ގިނަ މައްސަލަތަކެއް ވެސް ފެންމަތިވަމުންދާ ކަމަށާއި އެފަދަ ގިނަ މައްސަލަތަކަކީ އެތައް ޒަމާނެއް ވަންދެން މާ ބޮޑު ސަމާލުކަމެއް ނުދީ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ތިލަވަމުންދާ މައްސަލަތައް ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަކަމުގައި ވިއަސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ގެވެށި އަނިޔާ އާއިި މަސްތުވާތަކެތީގެ މައްސަލަތައް ކަމުގައި ވިއަސް މިއީ ހައްލުނުކުރެވި މުޖުތަމައުގައި ހުރި ،މައްސަލަތައް،" ރައީސް ވިދާޅުވި އެވެ.