Roadha Mihaaru
އައިޖީއެމްއެޗުން 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް

އައިޖީއެމްއެޗުން 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި

05 ޖުލައި 2020

އައިޖީއެމްއެޗުން 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މިރޭ ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

އައިޖީއެމްއެޗުން 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މިރޭ ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ، އެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދިން ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، ކޮންޓެކްޓް ޓްރޭސިން ހަދައި ޓެސްޓު ކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.

އޭގެ ތެރެއިން މިހާތަނަށް ހޮސްޕިޓަލްގެ ތެރެއިން 11 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ފަސް ޕޭޝަންޓުން، ނިޔާވި އިންޑޮނޭޝިއާ ޕޭޝަންޓު ލައިގެން. އޭގެ އިތުރަށް ހަތަރު ސްޓާފުންނާއި ޕޮޒިޓިވްވި ޕޭޝަންޓުންގެ ދެ ރިލޭޓިވުން،" ތަފްސީލް ދެއްވަމުން ޑރ. އަލީ ނަޒީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 އަށް އައިޖީއެމްއެޗުން ޕޮޒިޓިވްވި ބައެއް މީހުންނަކީ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، ވޯޑަށް ބަދަލު ކޮށްފައިވާ ބައެއް ކަމަށެވެ.

"އެހެންވެ ޝިފްޓު ކޮށްފައި ތިބި ވޯޑުތަކުގެ ޓެސްޓިންތައް އަދިވެސް އެބަ ކުރިއަށްދޭ،" ޑރ. އަލީ ނަޒީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ މައި ހޮސްޕިޓަލުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހަކު އިއްޔެ ވެސް ފާހަގަވެފައިވާ ކަމަށެވެ. އެ ދެ މީހުން، ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ހާއްސަ ކޮށްފައިވާ ޑީއެޗް-11 ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މިއަދު ހެނދުނު ނަތީޖާ ލިބުނު އަނެއް ދެ ބަލި މީހުން ހުޅުމާލޭގެ މެޑިކަލް ފެސިލިޓީ އަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. އަލީ ނަޒީމް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަރަށް ފުޅާކޮށް ކުރިއަށް ގެންދާ ކަމަށެވެ. އައިޖީއެމްއެޗުގެ ކޭސްތަކާ ގުޅިގެން މިހާތަނަށް 27 މީހަކު ހޯމް ކަރަންޓީން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އަލީ ނަޒީމް ވިދާޅުވި ގޮތުގައި، އައިސީޔޫގައި މިހާރު ވެސް އިތުރު ހަ މީހަކަށް އަންނަނީ އެހެން ބަލިތަކަށް ފަރުވާ ދެމުންނެވެ. އެ އެންމެން ވެސް ކޮވިޑް-19 އަށް ޓެސްޓުކޮށް، ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށާއި މިހާރު އަމަލު ކުރަމުން އަންނަނީ އެޗްޕީއޭ އިން އަންގާފައިވާ އުސޫލާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، އައިސީޔޫ ޑިސްއިންފެކްޓް ކޮށްފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.

އައިޖީއެމްއެޗުން ކޮވިޑް-19 ފުރަތަމަ ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު މަރުވި އިންޑިނޭޝިއާ މީހެއްގެ ގައިންނެވެ. އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާދެމުންދިޔަ މި މީހާ ކޮވިޑަށް ޓެސްޓުކުރީ އެ ބަލީގައި ދެވަނަ ސާޖަރީއަކަށް ތައްޔާރުކޮށްފަ އެވެ. އެކަމަކު، އޭނާގެ ޓެސްޓުގެ ނަތީޖާ ނުލިބެނީސް އޭނާ ވަނީ މަރުވެފަ އެވެ.

އައިޖީއެމްއެޗުގެ ތެރެއިން ކޮވިޑް-19 ފެނުމާ ގުޅިގެން އެ ހޮސްޕިޓަލްގެ އޯޕީޑީގެ ގަޑިތަކަށް އަނެއްކާ ވެސް ބަދަލުތައް ގެނެސް، ދުރާލައި ރޭވިގެން ކުރިއަށް ގެންދާ ރޫޓިން އޮޕަރޭޝަންތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ. އޯޕީޑީގެ ޚިދުމަތް މިހާރު ދޭނީ ހެނދުނު 9 ން މެންދުރު 1 އަށް ކަމަށް ވާއިރު، އައިޖީއެމްއެޗުން އަނެއްކާ ވެސް އިސްކަންދެނީ އޮންލައިން ކޮންސަލްޓޭޝަނަށެވެ.