Roadha Mihaaru
ކޭސްތައް އިތުރުވެ ފްލޮރިޑާ އާއި ޓެކްސަސް "ބަންދު"

ކޭސްތައް އިތުރުވާތީ އެމެރިކާގެ ބައެއް ސްޓޭޓްތައް އަލުން "ބަންދަށް"

28 ޖޫން 2020

ޓެކްސަސް (ޖޫން 28) - އެމެރިކާގައި ކޮރޯނާވައިރަހުގެ އާ ކޭސްތައް އިތުރުވެ، ޕޮޒިޓިވްވި މީހުންގެ އަދަދު 2.5 މިލިއަން އެރުމާ އެކު، ލުއި ނުދޭން ބައެއް ސްޓޭޓްތަކުން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޓެކްސަސް (ޖޫން 28) - އެމެރިކާގައި ކޮރޯނާވައިރަހުގެ އާ ކޭސްތައް އިތުރުވެ، ޕޮޒިޓިވްވި މީހުންގެ އަދަދު 2.5 މިލިއަން އެރުމާ އެކު، ލުއި ނުދޭން ބައެއް ސްޓޭޓްތަކުން ނިންމައިފި އެވެ.

ފްލޮރިޑާ އާއި ޓެކްސަސްގައި ރެކޯޑް އަދަދަކަށް ކޭސްތައް ފެންނަން ފެށުމާ އެކު އެ ދެ ސްޓޭޓުން މިހާރު ވަނީ ވިޔަފާރިތަކަށް ލުއި ނުދޭން ނިންމައިފަ އެވެ. ފްލޮރިޑާ އިން ހުކުރު ދުވަހު 9،000 ކޭސް ރިޕޯޓްކުރި އިރު ހޮނިހިރު ދުވަހު ވަނީ 9،585 ކޭސް ރިޕޯޓްކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ސްޓޭޓުގެ އޮފިޝަލުން ވަނީ ވިޔަފާރިތަކަށް ކުރިން ދިން ލުއިތައް އަލުން ހަރުކަށި ކޮށްފަ އެވެ. ޓެކްސަސް އިން ވެސް ހުކުރު ދުވަހު ވަނީ ފިޔަވަޅުތައް އަލުން ހަރުކަށި ކޮށްފަ އެވެ.

ފްލޮރިޑާ އިން 132،000 މީހުން ޕޮޒިޓިވްވިއިރު އެ ސްޓޭޓުން ވަނީ 3،300 މީހުން މަރުވެފަ އެވެ. ޓެކްސަސް އިން 148,845 މީހުން ޕޮޒިޓިވްވެ 2,406 މީހުން ވަނީ މަރުވެފަ އެވެ.

ކޮރޯނާވައިރަހާ ގުޅޭ ގޮތުން އެމެރިކާ ސަރުކާރަށް ލަފާ ދެއްވާ ޑރ. އެންތަނީ ފައުޗީ މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ އެމެރިކާގައި ވަނީ ސީރިއަސް މައްސަލަތަކެއްގެ ތެރޭގައި ކަމަށެވެ. ފައުޗީ ވިދާޅުވީ ބައެއް ސްޓޭޓްތަކުން ކޭސްތައް އިތުރުވެފައި ވަނީ މާ އަވަހަށް ހުޅުވާލުމާއި ގައިޑްލައިންތަކަށް މީހުން އަމަލު ނުކުރުމުގެ ސަބަބުން ކަމަށެވެ.

ކޮވިޑް-19 ގައި އެމެރިކާ އިން ވަނީ 128,152 މީހުން މަރުވެފަ އެވެ. އެހެން އެއްވެސް ގައުމަކުން އެ އަދަދާ ގާތްކުރާ މިންވަރަކަށް ވެސް މީހުން މަރުވެފައެއް ނުވެ އެވެ.

އެމެރިކާގެ ސިއްހީ ތަޖްރިބާކާރުން ލަފާކުރާ ގޮތުގައި އެ ގައުމުގައި ބަލިޖެހިފައި ތިބި މީހުންގެ ހަގީގީ އަދަދު 10 ގުނަ އިތުރުވެ 20 މިލިއަނަށް އަރާނެ އެވެ.