Roadha Mihaaru
ދެވަނަ ފިޔަވަހީގެ ސްކޫލު އަޅަން މިއަހަރު ފަށާނަން

ދެ ވަނަ ފިޔަވަހީގެ ސްކޫލުގެ މަސައްކަތް މި އަހަރު ފަށާނަން: އެޑިއުކޭޝަން

25 ޖޫން 2020

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅާ ފުރަތަމަ ސްކޫލުގެ މަސައްކަތް އެންމެ ލަސްވެގެން މި އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅާ ފުރަތަމަ ސްކޫލުގެ މަސައްކަތް އެންމެ ލަސްވެގެން މި އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ވިދާޅުވީ، ސްކޫލު އަޅަން މި އަހަރުގެ ބަޖެޓުން 54 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އެ އިމާރާތުގެ ކުރެހުން ފައިނަލްކޮށްފައިވާއިރު އެކަން ކޮށްދޭނެ ބަޔަކު ހޯދަން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ސްކޫލު ނިންމުމަށްފަހު 2022 ވަނަ އަހަރު ކިޔެވުން ފެށޭއިރަށް އެ ތަން ބޭނުންކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން، ހަ ސްކޫލެއް އެޅުމުގެ ހުއްދައަކަށް ވެސް ރައީސް އޮފީހުގައި ވަނީ އެދިފަ އެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި މިހާރު އަޅަމުން އަންނަ 25 ބުރީގެ 7،000 ފްލެޓުތައް ނިމޭނެ ސީދާ ތާރީހެއް އަދިވެސް ނޭނގެ އެވެ. ނަމަވެސް ހައުސިން ޑިވެލޮޕްމަންޓް އޮތޯރިޓީ (އެޗްޑީސީ) އިން ކުރިން ލަފާކޮށްފައިވާ ގޮތުގައި މީހުން ދިރިއުޅެވޭ ވަރަށް ފްލެޓުތައް ނިންމާލެވޭނީ މި އަހަރުގެ ފަހުކޮޅަށެވެ.

އެ ކޮންމެ ފްލޯއެއްގައި 20 ފްލެޓު ހުރެ އެވެ. ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުންނެވެ. އެހެންކަމުން ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ.

ފްލެޓުތަކަށް މީހުން ބަދަލުވާއިރު، އެ ސަރަހައްދުގައި ސްކޫލެއް ހުރުން މުހިއްމު ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ދެވަނަ ފިޔަވަހީގައި 14 ސްކޫލެއް އަޅާނެ ބިން އެޗްޑީސިން ވަނީ ކަނޑައަޅައިފަ އެވެ.