25 ޖޫން 2020
ޓެކްސް ނެގުމާ ބެހޭ ގޮތުން މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ އެކު. ދައުލަތަށް ދައްކަން ޖެހޭ ވަރަށް ގިނަ ފީތައް ދެއްކޭ މަގު ބަންދުވެއްޖެ އެވެ.
ޓެކްސް ނެގުމާ ބެހޭ ގޮތުން މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ އެކު. ދައުލަތަށް ދައްކަން ޖެހޭ ވަރަށް ގިނަ ފީތައް ދެއްކޭ މަގު ބަންދުވެއްޖެ އެވެ.
މީރާއާ ދެކޮޅަށް އަމިއްލަ ފަރާތަކުން ހުށަހަަޅާފައިވާ މައްސަލައެއްގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވާ ގޮތުން ގާނޫނުތަކުގައި ބަޔާން ކުރާ ޓެކްސްތައް ފިޔަވައި އެއްވެސް ފީއެއް ނެގުމަކީ މީރާގެ މަސްއޫލިއްޔަތެއް ނޫނެވެ. އެއީ މީރާ އަށް އެހެން ފީއެއް ނުނެގޭނެ ކަމަށް ބުނެފައިވާ ބުނުމެއް ކަމަށް މީރާ ވެސް ގަބޫލު ކުރެ އެވެ. ހުކުމުގައި ސާފުކޮށް ބުނެފައިވާ ގޮތުން މީރާ އަށް ޓެކުހާއި ޓެކުހާ ގުޅުން ހުރި ފައިސާ (ޖޫރިމަނާތައް ހިމެނޭގޮތަށް) ނޫން ފައިސާ ބަލައިގަތުމާއި އެ ފައިސާ ހޯދަން ދައުވާ ކުރެވޭނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު ބަދަލުކޮށްގެންނެވެ.
އެ ހުކުމާ އެއްގޮތަށް، މީރާ އިން ޓެކްސް ފިޔަވައި އެހެން ފީތައް އެއްވެސް ގޮތަކަށް ބަލައިގަތުން ވަނީ މެދުކަނޑާލައިފަ އެވެ.
މީރާގެ ޗެއާމަން އަހުމަދު ސަރުވަޝް މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަކީ މީރާ އަށް ވެސް ލިބުނު ވަރަށް ބޮޑު "ސަޕްރައިޒެ"ކެވެ.
"ހާއްސަކޮށް ފީތައް ނުނެގޭނެ ކަމަށް ހުކުމް ކުރުމަކީ އަޅުގަނޑުމެން ފަހަރެއްގައި ވެސް އެއްވެސް އިރެއްގައި އުންމީދުކޮށްގެން ތިބި ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ މަގާމުގައި ވެސް ހުންނެވި ސަރުވަޝް ވިދާޅުވި ގޮތުގައި، 2010 ގައި މީރާ އުފެދުމުގެ ކުރިން ވެސް އަމަލު ކުރަމުން އައި ގޮތަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމުގެ ވަކި ބޮޑީއެއް އޮވެގެން އެކަން ކުރުމެވެ. އަދި އިންލެންޑް ރެވެނިއު އިން ކުރަމުން އައި ހުރިހާ ކަމެއް މީރާ އަށް ބަދަލުވީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީރާ އިން ހަގީގަތުގައި މިހާރު ވެސް ކުރަމުން އަންނަ ކަމަކީ ކުރިން ޑިޕާޓްމެންޓް އޮފް އިންލެންޑް ރެވެނިއު އިން ކުރަމުން އަންނަ ކަންކަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މީރާގެ މައިގަނޑު ކަމަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ އެއްކޮށް އެ ހޯދަން މަސައްކަތް ކުރުމެވެ. އަދި ވިދާޅުވި ގޮތުގައި އެކަމަށް މީރާ އިން އޮތީ ޒަމާނާ އެއްގޮތަށް ވަރަށް ބޮޑަށް ތައްޔާރުވެ، އިންފްރާސްޓްރަކްޗާ ވެސް ގާއިމްކޮށްފަ އެވެ. އެކަމަކު އޭނާ ވެސް ވިދާޅުވީ، ސުޕްރީމް ކޯޓަކީ ރާއްޖޭގެ އެންމެ މަތީ ކޯޓަށް ވާތީ، އެ ކޯޓުގެ ހުކުމަށް އިހުތިރާމް ކުރައްވާ ކަމަށެވެ.
ސަރުވަޝް: އޭނާ ވިދާޅުވަނީ ފީތައް ބަލައިގަންނަން މީރާ އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށް -- ފައިލް ފޮޓޯ: މިހާރު
"ހަގީގަތުގައި އަޅުގަނޑުމެން ވެސް ގަބޫލުކުރަން އެހެން އިދާރާއެއްގެ ކަމެއްގެ ތެރެއަށް އަޅުގަނޑުމެންނަށް ނުވަދެވޭނެ ކަން. މިސާލަކަށް ޓޫރިޒަމް ރެންޓް ކަހަލަ އެއްޗެއް ނުލިބިގެން ހޯދަން ދައުވާ ކުރުމަކީ އެއީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް ނޫން ކަަމަށް އަޅުގަނޑު ގަބޫލުކުރަން. އެކަމަކު އެ ރެންޓް ހޯދައިމިދެނީ ހަގީގަތުގައި ހަމަ ޓޫރިޒަމް މިނިސްޓްރީ އަށް،" އޭނާ ވިދާޅުވި އެވެ.
"އެ ފައިސާ އަކީ އަޅުގަނޑުމެން ހަމައެކަނި ބަލައިގަންނަ އެއްޗެއް. އެ ފައިސާ ވެސް ވަންނާނީ ހަމަ ޕަބްލިކް ބޭންކް އެކައުންޓަށް. އެހެން ހުރިހާ ފީއެއް، މިސާލަކަށް ޓްރެފިކް ވަޔަލޭޝަން ފައިސާ ވެސް ދެން ހުރި ފައިސާއެއް ވެސް އެކަން ދާނީ އެގޮތަށް. މީރާ އަކީ ކަލެކްޓިން ޕޮއިންޓް."
ސަރުވަޝް ވިދާޅުވި ގޮތުގައި އެ ފީތައް ބަލައިނުގަނެވޭ ގޮތް ހެދުމަކީ "ލިބުނު ވަރަށް ބޮޑު ހައިރާން" ކަމެކެވެ. އަދި ހުކުމާ އެކު، މިކަމަށް ދެން އޮތް ހައްލަކީ ކޮބައިތޯ މީރާއިން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި އެއް ކަމަކީ އެކަން މިވީ ހުރިހާ ދުވަހެއްގައި ކުރަމުން އައީ މީރާ އިން ކަމަށްވާތީ، އެ ފައިސާ ނެގޭނެ އިންތިޒާމުތައް ހަމައެކަނި ހުރީ މީރާގައި ކަމަށް ވުމާއި ކަމާ ގުޅޭ އޮފީސްތަކުން އެކަން ކުރަން ވެއްޖެ ނަމަ އެކަމަށް ހިނގާނެ ވަގުތާއި ހަރަދެވެ.
"އެހެންވެ އަޅުގަނޑުމެން މި ދަނީ އޭޖީއާ އެކު ވާހަކަ ދައްކަމުން. މީރާގެ އިދާރީ ގާނޫނަށް އިސްލާހު ގެނެސްގެން އެކަން ވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
މީރާގެ ކައުންޓަރުތައް މިހާރު ހުރީ ބަންދުކޮށްފަ އެވެ. އެހެންވެ، ޓެކްސް އާއި ފީތައް ބަލައިގަންނަނީ ހަމައެކަނި އޮންލައިންކޮށެވެ. އެކަމަކު މީރާގެ ކޮމިޝަނަރު ފަތުހުﷲ ޖަމީލް ވިދާޅުވި ގޮތުގައި ހުކުމަށް ފަހު ވަރަށް ގިނަ ފީތައް އޮންލައިންކޮށް ވެސް މިހާރު ބަލައިގަތުން ވަނީ ހުއްޓާލައިފަ އެވެ.
"އެކަމާ ބެހޭ އެޑްމިނިސްޓްރޭޓިވް ކަންކަން އަޅުގަނޑުމެން މި ދަނީ ހަމަޖައްސަމުން،" އޭނާ ވިދާޅުވި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު މިހާރު ނޫޙާ ކުރިން ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ: މިހާރު
ބައެއް ހިދުމަތްތަކަކީ ފީތައް ދައްކައިގެން ނޫނީ ލިބެން ނެތް ހިދުމަތްތަކަކަށް ވާތީ އާއި ބައެއް ފީތައް ނުދައްކައިފި ނަމަ ޖޫރިމަނާ ވަމުންދާ މައްސަލަ މީރާގެ ސަމާލު ކަމަށް އޮތީ އައިސްފަ އެވެ. އެހެން ނަމަވެސް، ފަތުހުﷲ ވިދާޅުވީ ދެއްކޭނެ ގޮތެއް ނެތި، ޖޫރިމަނާ ހިނގުމަކީ މީރާ އިން ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ.
"އެ ފައިސާ ދެއްކޭނެ ގޮތެއް ނެތި ޖޫރިމަނާ ވެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އަދި އޭނާ ވިދާޅުވި ގޮތުގައި މި މައްސަލައިގައި މީރާ އިން ދެން ކަންތައްތައް ކުރާނެ ގޮތްތައް އަންނަ އާދިއްތަ ދުވަހު އިއުލާން ކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޖޫރިމަނާއާ ބެހޭގޮތުން ޔާމީން ހެއްދެވީ އިތުރުފުޅެއް
ސުޕްރީމް ކޯޓުގައި މީރާއިން އަމަލުކުރިގޮތުން ހައިރާންކަން
އިސްތިއުނާފުން ތަންފީޒު ފަސްކުރުން ލާޒިމެއް ނޫން
މީރާ އަށް ދައުވާކުރެވޭނީ ޓެކްސްގެ ފައިސާ ހޯދަން: ސުޕްރީމް ކޯޓު
އެންމެ ގިނައިން ގްރީން ޓެކްސް ލިބުނީ ކ. އަތޮޅުން
ވިލާ އިން 2.9 ބިލިއަން ރުފިޔާ ދައްކާކަށް ނުޖެހޭނެ
އާޒިމާގެ ރައްދު: އަބުރުވެރިކަމާއެކު ފައިސާ ދައްކަވާ
ހުއްދަނެތް ޓެކްސް އެޖެންޓުންނާ މެދު ސަމާލުވޭ!
ދައްކަން ޖެހޭ ފައިސާއެއް ނޯންނާނެ: ވިލާގެ ވަކީލުން
މީރާގެ ޑެޕިއުޓީ ކޮމިޝަނާގެ މަގާމަށް އަމީޒާ