Roadha Mihaaru
މީރާ އަށް ދައުވާކުރެވޭނީ ޓެކްސްގެ ފައިސާ ހޯދަން: ސުޕްރީމް ކޯޓު

މީރާ އަށް ދައުވާކުރެވޭނީ ޓެކްސް އާއި ޓެކްސްއާ ގުޅުން ހުރި ފައިސާ ހޯދަން: ސުޕްރީމް ކޯޓު

22 ޖޫން 2020

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައުވާކުރެވޭނީ ޓެކްސްގެ ފައިސާ ހޯދަން ކަމަށާއި ލީޒް ރެންޓް ފަދަ އެހެނިހެން ފައިސާ ހޯދުމަށް ދައުވާކުރުމުގެ ބާރު ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައުވާކުރެވޭނީ ޓެކްސްގެ ފައިސާ ހޯދަން ކަމަށާއި ލީޒް ރެންޓް ފަދަ އެހެނިހެން ފައިސާ ހޯދުމަށް ދައުވާކުރުމުގެ ބާރު ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މީގެ އިތުރުން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި ބަޔާންކުރާ ފައިސާ ފިޔަވައި އެހެން ފައިސާއެއް މީރާ އަށް ބަލައިގަނެ އެ ހޯދަން ދައުވާކުރެވޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ނުވަތަ އެހެން ގާނޫނަކުން ބާރު ލިބިގެން ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.

މިގޮތަށް ހުކުމްކުރީ ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ހއ. ދިއްދޫ ޕިންކްރޯސް މޫސާ ނަސީރަށް ދޫކޮށްފައިވާ ނ. ބަނޑައިދިއްދޫގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާކުރުމުން ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކުރުމުން މޫސާ ނަސީރުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުންނެވެ.

ސިވިލް ކޯޓުން ހުކުމްކުރީ ބަނޑައިދިއްދޫގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 9،061،442.50ރ. ދެ މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދެއްކުމަށެވެ. އެ ހުކުމް މޫސާ ނަސީރުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން ނޮވެމްބަރު 24، 2013 ގައި ވަނީ ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ހުކުމް ކޮށްފަ އެވެ.

މީރާ އިން ދައުވާކޮށްފައި އޮތީ މޫސާ ނަސީރާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް މެރިން ރިސޯސަސްއާ ދެމެދު ވެފައި އޮތް އެއްބަސްވުމެއްގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ ހޯދުމަށެވެ. އެހެންވެ އިސްތިއުނާފުގައި މޫސާ ނަސީރު ބުނެފައިވަނީ މިއީ އޭނާ އާއި ފިޝަރީޒް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ މައްސަލަ ކަމަށް ވާއިރު މިކަމުގައި މީރާ އަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. މީރާ އަކީ މި އެއްބަސްވުމުގެ ބައިވެރިއެއް ނޫން ކަމަށް އިސްތިއުނާފުގައި ވަނީ ބުނެފަ އެވެ. އެހެންވެ ފައިސާ ދައްކަން މީރާ އިން މޫސާ ނަސީރަށް އަންގަނީ ގާނޫނީ ގޮތުން މީރާ އަށް ލިބިފައިވާ ބާރުގެ ބޭރުން ކަމަށް މޫސާ ނަސީރު ވަނީ ބުނެފަ އެވެ. އަދި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި މީރާ އަށް ދީފައިވަނީ ޓެކްސްއާ ގުޅުން ހުރި ކަންކަމުގައި ކޯޓުތަކުގައި ދައުވާކުރުމުގެ ބާރު ކަމަށާއި ލީޒް ރެންޓް ފަދަ ފައިސާ ހޯދަން ދައުވާކުރެވޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅީ ގޯސްކޮށް ކަމަށް މޫސާ ނަސީރު ސުޕްރީމް ކޯޓުގައި ވަނީ ބުނެފަ އެވެ.

މި ނުކުތާ އަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ނަމަވެސް އެއްބަސްވުމުގެ މައްސަލާގައި ފައިސާ ހޯދަން އެއްބަސްވުމުގައި ހިމެނޭ ފަރާތްތަކަށް ދައުވާކޮށް މި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އެބަ އޮތްކަން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ވެސް ދެ ކަމެއް މޫސާ ނަސީރު ފާހަގަކޮށްފައިވެ އެވެ. އެކަމަކު މިއީ ދަށު ކޯޓުގައި މޫސާ ނަސީރު ވާހަކަ ދައްކާފައިވާ ނުކުތާކަކަށް ނުވާތީ ހައި ކޯޓުން ހުކުމްކުރުމުގައި އެ ކަންކަމަށް ބައިލައިފައެއް ނުވެ އެވެ. އެހެންވެ ސުޕްރީމް ކޯޓުން ވެސް އެ ކަންކަމަށް ރިއާޔަތެއް ނުކުރެ އެވެ.

ދައުވާކުރުމުގެ ބާރު މީރާ އަށް އޮންނާނެ ކަމަށް އެ އިދާރާ އިން ގަބޫލުކުރަނީ ޓެކްސް ނެގުމުގެ އިދާރީ ގާނޫނުގައި ޓެކްސް އާއި ޖޫރިމަނާ އާއި ފީ އާއި ރޯޔަލްޓީ އާއި އެހެނިހެން ފައިސާ ހޯދުމަކީ މީރާގެ ޒިންމާއެއް ކަމަށް އޮންނާތީ އެވެ. އަދި މީރާ އަކީ ދައުލަތުގެ "ކަލެކްޓަރު" ކަމަށް ވެސް ބުނެފައިވެ އެވެ.

ޓެކްސްގެ ގޮތުގައި ނުހިމެނޭ އެހެނިހެން ފައިސާ މީރާ އަށް ނެގުމުގެ ބާރު އޮތްތޯ ބެލުމަށް ގާނޫނުގެ އެކި މާއްދާތަކާ ހަވާލާދީ ހުކުމުގައި ބުނެފައި ވަނީ މުޅިން ވެސް ހުރީ ޓެކްސްއާ ގުޅުން ހުރި ކަންކަން އިންތިޒާމްކުރުމާ ބެހޭ ކަންކަން ބަޔާންކޮށްފައި ކަމަށެވެ. އަދި ގާނޫނު އަސާސީގައި ވެސް ޓެކްސްގެ ތެރޭގައި ކުލި ނުހިމެނޭކަން ބަޔާންކޮށްފައިވާކަން ވެސް ހުކުގައި ވަނީ ފާހަގަކޮށްފަ އެވެ.

ގާނޫނުއަސާސީގެ 274 ވަނަ މާއްދާގައި އޮންނަނީ "ޓެކްސް ނުވަތަ ޓެހުހެއް ކަމަށް ބުނެފައި އެ ވަނީ ދެވޭ ހިދުމަތެއް ނުވަތަ ކޮށްދެވޭ ކަމަކާ ގުޅިގެން ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ނަގާ އަގެއް، ފީއެއް ނުވަތަ ކުއްޔެއް ފިޔަވައި ދައުލަތަށް އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ފަރުދެއްގެ އަތުން ނުވަތަ ޖަމާއަތެއްގެ އަތުން ނުވަތަ ގާނޫނީ އެހެން ވެސް ޝަހުސަކުން ސަރުކާރަށް ނެގޭ ކޮންމެ ފައިސާއެއް" ކަމަށެވެ.

ޓެކްސް ނެގުމުގެ އިދާރީ ގާނޫނުގައި "އެހެނިހެން" ފައިސާއޭ ބުނެފައި އޮންނަނީ ޓެކްސްގެ ގޮތުގައި މާނަކުރެވޭ އެކި ފައިސާކަން އެ ގާނޫނުގެ މާއްދާތަކުން އެނގެން އޮންނަކަން ވެސް ހުކުމުގައިވެ އެވެ.

ޓެކްސް އަށް ނުވާ ފައިސާ ބަލައިގަންނާނެ ގޮތުގެ އުސޫލެއް ޓެކްސްގެ އިދާރީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެއީ ގާނޫނީ ގޮތުން ދައްކަންކަންޖެހޭ ފައިސާގެ ވާހަކަ ކަން ހުކުމުގައިވެ އެވެ. ނަމަވެސް ބަނޑައިދިއްދޫގެ ކުލީގެ ފައިސާ އަކީ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ޓެކްސްގެ ފައިސާގެ ގޮތުގައި ހޯދަން މީރާ އަށް ދައުވާ ނުކުރެވޭނެ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. ގާނޫނީ ގޮތުން އުފެދިފައިވާ އިދާރާއަކަށް ގާނޫނީ ގޮތުން ދީފައިވާ ބާރެއް ނޫން އެހެން ބާރެއް ހޯދެން ނޯންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކޯޓުގައި އޭޖީން ބުނެފައިވަނީ ފިޝަރީޒަށް ދައްކަންޖެހޭ ފައިސާ މީރާ އަށް ދައްކަން އަންގައި ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހުކުމުގައި ބުނީ ފައިސާ ބަލައިގަތުން ހަވާލުކުރުމާއި އެ ފައިސާ ހޯދަން ދައުވާކުރުމަކީ ދެ ކަމެއް ކަމަށެވެ. އަދި މިފަދަ ފައިސާ ހޯދަން ދައުވާކުރުމުގެ ބާރު ހޯދަން ގާނޫނާއި ގަވައިދުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު ރިޔާސަތު ބެލެހެއްޓެވި އަދި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު ބައިވެރިވެ ވަޑައިގެން، ތާއީދުކުރެއްވި ހުކުމުގައި ބުނީ މީރާ އިން ޓެކްސްގެ އިދާރީ ގާނޫނުގައި އެ އިދާރާ އަށް ދީފައިވާ ވަރަށް ވުރެ ފުޅާ ދާއިރާއެއްގައި މާއްދާތައް މާނަކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

ހުކުމުގައި މީރާގެ ދާއިރާ ކަނޑައެޅުނު

ހުކުމުގައިވަނީ "ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި ޓެކުހާއި ޓެކުހާ ގުޅިގެން ދައްކަންޖެހޭ އެހެނިހެން ފައިސާ ފިޔަވައި، މިފަދަ ކުލި ބަލައިގަތުމަކީ އެ އޮތޯރިޓީއާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއް ނޫން" ކަމަށެވެ.

ދައުލަތުގެ މިނިސްޓްރީތަކާއި ނުވަތަ އެހެނިހެން އިދާރާތަކާއި މީރާއާ ދެމެދު ކުރެވޭ އެއްބަސްވުންތަކަކުން، ގާނޫނުގައި ބަޔާންކޮށްފައިނުވާ އިތުރު ޒިންމާތަކެއް މީރާ އިން އަދާކުރާ ނަމަ އެކަން ވާނީ، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ އިމުން ބޭރުން މީރާ އިން އަދާކުރާ ޒިންމާތަކެއް ކަމަށް ވެސް މި ހުކުމުގައިވެ އެވެ.

އެހެންވެ މީރާ އަށް ހޯދޭނީ ގާނޫނެއްގެ ދަށުން އެ އިދާރާ އަށް ދެއްކުން ލާޒިމްކޮށްފައިވާ ފައިސާއެއް އެކަނި ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

ދައުވާކުރުމުގެ ހައިސިއްޔަތު ނެތް ފަރާތަކުން ދައުވާކުރުމުގެ ނަތީޖާ އަކީ އެ ދައުވާ އަކީ ގާނޫނީ ގޮތުން ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައެޅިގެން ދިއުން ކަމަށާއި އެކަމަކު ބަނޑައިދިއްދޫގެ އެއްބަސްވުމުގެ މައްސަލާ ޝަރުއީ މަރުހަލާގެ ތެރެއިން ނިންމެން އެބަ އޮތް ކަމަށް ވަނީ ބުނެފަ އެވެ

ޓެކްސް އާއި ޓެކްސްއާ ގުޅުން ހުރި ޖޫރިމަނާ އާއި އެހެނިހެން ފައިސާ އާއި ދައުލަތަށް ލިބެންޖެހޭ ފައިސާތައް ބަލައިގަތުމާއި އެ ފައިސާ ހޯދަން ދައުވާކުރުމަކީ މީރާ އިން އަދާކުރަން ދައުލަތުން އެދޭ ޒިންމާއެއް ކަމަށްވާ ނަމަ އެކަން ކުރެވޭނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ކަމާބެހޭ މާއްދާތައް ބަދަލުކޮށްގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް، ހުކުމް އިއްވަވަމުން ފަނޑިޔާރު މަހާޒް ވިދާޅުވި އެވެ.

"ގާނޫނީ ގޮތުން އުފެދިފައިވާ ޝަހުސަކަށް ގާނޫނުން ލިބޭ ބާރުތައް ފިޔަވައި އިތުރު ބާރުތަކެއް ލިބިފައިވާ ކަމަށް ގަބޫލުކޮށް އެކަމުގެ މައްޗަށް ކަންކަން ތަރުތީބުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން،" ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ވިދާޅުވީ މިގޮތަށް ބާރު ލިބިގެނެގެން ކުރާ ކަންކަމަކީ ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ކަންކަން ނޫން ކަމަށެވެ.