Roadha Mihaaru
ކުޑަމުރައިދޫ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް

ސުޕްރީމް ކޯޓުން ވެސް ނިންމީ ކުޑަމުރައިދޫ ދޫކުރި އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް

08 ނޮވެމްބަރ 2021

ހދ. ކުޑަމުރައިދޫގައި ރިސޯޓެއް ތަރައްގީކުރުމުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ހދ. ކުޑަމުރައިދޫގައި ރިސޯޓެއް ތަރައްގީކުރުމުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމައިފި އެވެ.

ކުޑަމުރައިދޫގައި ރިސޯޓެއް ހެދުމަށް 2006 ވަނަ އަހަރު ސަރުކާރުން ޖޭއެޗް ރިސޯޓްސްއަށް ދޫކޮށް، އެކަމުގެ އެއްބަސްވު ހަތަރު ފަހަރެއްގެ މަތިން އާ ކުރި އެވެ. އަދި 2013 ވަނަ އަހަރު އެއްބަސްވުމަށް ގެނައި ހަތަރު ވަނަ ބަދަލުގެ ދަށުން ޖޭއެޗްގެ މާލީ ގާބިލުކަން ދައްކައިދޭ ފައިނޭޝަލް ޑޮކިއުމަންޓްތައް. އެއްބަސްވި މުއްދަތުގައި ހުށަނާޅާ ކަމަށް ބުނެ ފެބްރުއަރީ 2015 ގައި ސަރުކާރުން އެ އެއްބަސްވުން ބާތިލްކުރި އެވެ. އެއްބަސްވުން ބާތިލްކުރީ ޖޭއެޗްއަށް ހަތް ދުވަހުގެ ނޯޓިސްއެއް ދީފަ އެވެ.

އެ މައްސަލަ ޖޭއެޗްއިން ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން 2016 ގައި ހުކުމް ކުރީ ޖޭއެޗް ރިޒޯޓްސްއާ އެއްކޮޅަށެވެ. އެ ހުކުމުގައި ވަނީ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށާއި އެއްބަސްވުން ދެމިއޮންނާނެ ކަމަށެވެ. އަދި ބަދަލު ހޯދުމަށް ޖޭއެޗްއަށް ދައުވާ ކުރެވިދާނެ ކަމަށް ވެސް ކަނޑައެޅި އެވެ. ހައި ކޯޓުން މި ހުކުމަށް ތާއީދު ކުރި އެވެ.

ހައި ކޯޓުގެ ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ހުކުމް ކުރީ މިއަދު އެވެ. މި މައްސަލައިގައި އުފެދުނު ސުވާލަކީ ފައިނޭންޝަލް ޑޮކިއުމެންޓޭޝަން ހުށަނޭޅުމަކީ އެއްބަސްވުމުގެ ދަށުން އިތުރު ނޯޓިހެއް ދިނުމަކާ ނުލައި އެއްބަސްވުން ބާތިލު ކުރެވޭނެ ކަމެއްތޯ ނުވަތަ ނޫންތޯ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަ ކުރީ އެއްބަސްވުމުގައިވާ ގޮތުން މިފަދަ ނޮން ފައިނޭންޝަލް ނުވަތަ މާލީ ނޫން ކަންކަމުގައި އެއްބަސްވުން ބާތިލު ކުރެވޭނީ އެކަމެއް ރަނގަޅު ކުރަން ދެ މަރުހަލާއެއްގައި ނޯޓިސް ދީފައި އަދި ޖޫރިމަނާ ވެސް ކޮށްފައި ކަމަށް ބުނާ މާއްދާއެއް އޮންނަ ކަމެވެ.

ފުރަތަމަ ޖޫރިމަނާ ކުރަން ޖެހޭ އަދަދަކީ 25،000 އެމެރިކާ ޑޮލަރެވެ. އަދި 30 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ. އެއަށް ފަހު ވެސް ރަނގަޅު ނުކޮށްފި ނަމަ 100،000 ޑޮލަރުން ޖޫރިމަނާކޮށް އިތުރު 15 ދުވަސް ދެވިދާނެ ކަމަށް އެއްބަސްވުމުގައިވެ އެވެ.

ނޮން ފައިނޭންޝަލް ކަމަކާ ހެދި އެއްބަސްވުން ބާތިލު ކުރެވޭނީ މިކަންކަން ފުރިހަމަ ކުރުން ފުރުސަތު ދިނުމުން ވެސް ރަނގަޅު ނުކޮށްފި ނަމަ ކަމަށް އެއްބަސްވުމުގައި އޮންނަކަން ސުޕްރީމް ކޯޓުން ފާހަގަ ކުރި އެވެ. އެހެންވެ، ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމި އެވެ.

މި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.