Roadha Mihaaru
ބައެއް ވުޒާރާތަކާއި މުއައްސަސާތައް އަތޮޅުތަކަށް!

ބައެއް ވުޒާރާތަކާއި މުއައްސަސާތައް އަތޮޅުތަކަށް!

23 ޖޫން 2020

ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ލޮކްޑައުންގައި ގައުމު ހިންގީ އޮންލައިންކޮށެވެ. ރައީސުލް ޖުމްހޫރިއްޔާ ކޮވިޑް-19ގެ ޓާސްކްފޯސްގެ މަސައްކަތްތައް ބެލެހެއްޓެވީ އޮންލައިންކޮށް މަސައްކަތް ކުރައްވައިގެންނެވެ. ކެބިނެޓް ބައްދަލުވުންތައް ބާއްވަވައި، ގައުމީ ނިންމުންތައް ނިންމެވީ އޮންލައިންކޮށެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ލޮކްޑައުންގައި ގައުމު ހިންގީ އޮންލައިންކޮށެވެ. ރައީސުލް ޖުމްހޫރިއްޔާ ކޮވިޑް-19ގެ ޓާސްކްފޯސްގެ މަސައްކަތްތައް ބެލެހެއްޓެވީ އޮންލައިންކޮށް މަސައްކަތް ކުރައްވައިގެންނެވެ. ކެބިނެޓް ބައްދަލުވުންތައް ބާއްވަވައި، ގައުމީ ނިންމުންތައް ނިންމެވީ އޮންލައިންކޮށެވެ.

ރައްޔިތުންގެ މަޖިލިސްގެ ރައީސް، މަޖިލިސްގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަވައި، ހުށަހަޅާ މައްސަލަތަކާ ގެޅޭ ގޮތުން މެންބަރުން ބަހުސްކުރައްވައި، ވޯޓަށް އައްސަވައި، ބައެއް ގާނޫނުތައް ފާސްކުރެއްވީ އޮންލައިންކޮށެވެ. އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ އޮންލައިންކޮށް އަޑުއެހެންތައް ބާއްވަވައިފަ އެވެ. ނިއު ނޯމަލްއަށް ހުޅުވާލައިގެން މިއުޅޭ އިރުގައި ވެސް، ސަރުކާރުގެ އޮފީސްތައް އަދި މުޅިއަކުން ނުހުޅުވަ އެވެ. ނިންމަން ޖެހޭ ބޮޑެތި ބައެއް މަސައްކަތައް ނިންމަނީ ވެރިންނާއި މުވައްޒަފުން ގޭގައި ތިބެގެންނެވެ. އޮންލައިންކޮށެވެ. މިފަދައިން ކަންތައް ހިންގީ، އަދި ހިނގަނީ ރާއްޖޭގައި އެކަންޏެއް ނޫނެވެ. މުޅި ދުނިޔޭގަ އެވެ.

ދައުލަތުގެ މަސައްކަތްތައް ހިންގުމަށްޓަކައި އެއްގަޑިއަކަށް، އެއްތާކަށް އެންމެން ނުކުންނަން ނުޖެހޭކަން އަޅުގަނޑުމެން މިތިބީ ދަސްކޮށްގެންނެވެ. ރާވައިގެން ކުރި ކަމެއް ނޫނެވެ. މަޖްބޫރީ ހާލަތުގަ އެވެ. އެހެންކަމުން އޮޅިގެން ނަމަވެސް ދަސްވި ފިލާވަޅުގެ ފުރިހަމަ ބޭނުން ނުހިފާ ދޫކޮށްނުލަމާ ބަހީ އެވެ!

ރައްޔިތުންނަށް އެންމެ ރަނގަޅަށް ޚިދުމަތް ކޮށްދެވޭނީ އެމީހުންނާ އެންމެ ގާތުން ކަމަށް ތަކުރާރުކޮށް މިދަނީ ބުނަމުންނެވެ. އެހެން ކަމުގައި ވަނީ ނަމަ، ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި، މުއައްސަސާތައް މިއަދު މާލޭގައި ހިންގުމުގެ ބޭނުމަކީ ކޮބައި ބާވަ އެވެ؟ އިއްޔެ ނޫން އިހަށް ދުވަހު، މި ސުވާލުގެ ޖަވާބަކީ އެއް އޮފީހަށް އެއް ގަޑިއަކަށް އެންމެން ޖަމައުކޮށްގެން މެނުވީ އޮފީސްތައް ހިންގެން ނެތުން ކަމަށް ވެދާނެ އެވެ. އެހެންނަމަވެސް، މިއަދަކު، އެންމެން އެއްތާކަށް، އެއްގަޑިއަކަށް ޖަމައު ނުވި ނަމަވެސް، ދައުލަތް ހިންގޭނޭ ކަން މިއޮތީ ފެންނާށެވެ.

ދައުލަތުގެ ވުޒާރާތައް ޑީސެންޓްރަލައިޒްކޮށް ހިންގަން ގަސްދުކޮށް އެމަގުން ހިނގަން ފަށައިފި ނަމަ، ހުރިހާ ވުޒާރާތައް އެއް އަތޮޅަކަށް ބަދަލުވާކަށް ނުޖެހެ އެވެ. އެކި މިނިސްޓްރީ އެކި އަތޮޅަށް، އަދި މިނިސްޓްރީގެ ވަކިވަކި ޑިޕާޓްމަންޓްތައް ތަފާތު ރަށްރަށަށް ވެސް ބަދަލުކުރެވޭނެ އެވެ.

އަތޮޅުތަކުގައި އިމާރާތްތަކުގެ ކުލި ކުޑަވާނެ އެވެ. އަދި ހުރިހާ މުވައްޒަފުން އެއްފަހަރާ އެއް އޮފީހަށް އިސްތިރި ވެގެން ނުކުންނަން ނުޖެހޭ ނަމަ، އޮފީސް ހިންގަން ހޯދަން ޖެހޭ އިމާރަތް އެތައް ބަޔަކުން ކުޑަކުރެވޭނެ އެވެ. ޔަގީނުން ވެސް މާލޭގައި ހިންގުމަށް ވުރެ އެތައް ގުނައަކުން ޚަރަދު ކުޑަވާނެ އެވެ.

ހަގީގީ ޑީސެންޓްރަލައިޒޭޝަނަށް އޮތް އެންމެ ބޮޑު ހުރަހަކީ އަތޮޅުތަކުގައި ވަޒީފާތައް އުފެއްދުން ކަމުގައި ބެލެވޭއިރު ދައުލަތުގެ އިދާރާތައް އަތޮޅުތަކަށް ބަދަލު ކުރެވިއްޖެ ނަމަ، ބޮޑެތި އިންވެސްޓްމަންޓްތަކަކާ ނުލައި، އަތޮޅުތަކުގައި އެތައް ސަތޭކަ ވަޒީފާއެއް އުފެއްދި އެފަދަ ވަޒީފާތަކަށް މީހުން ބަދަލުވެ، ރަށްފުށް އާބާދުވާނެ އެވެ. މާލެއިން މީހުން މަދުވެ، ބިމުގެ ކުލި ލުއިވެ، މަގުތަކުގައި ނޭވާލައި އުޅެވޭނެ އެވެ. އަދި މިހާރަށް ވުރެ، ދައުލަތް ހިންގުމުގެ ޚަރަދު ވެސް ކުޑަކުރެވޭނޭކަން ޔަގީނެވެ.

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ބައެއް މުވައްޒަފުން މިނިސްޓްރީގައި: ކޮންމެވެސް ރަށަކަށް ފުރަތަމަ ބަދަލުކުރުން އެންމެ ރަނގަޅު އެއް މިނިސްޓްރީ ---ފޮޓޯ: ނިޝާން އަލީ/މިހާރު

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ބައެއް މުވައްޒަފުން މިނިސްޓްރީގައި: ކޮންމެވެސް ރަށަކަށް ފުރަތަމަ ބަދަލުކުރުން އެންމެ ރަނގަޅު އެއް މިނިސްޓްރީ ---ފޮޓޯ: ނިޝާން އަލީ/މިހާރު

ރަށްރަށުގައި، ވަޒީފާގައި އުޅޭ ފަރާތްތައް އިތުރުވުމުން، އެފަދަ ތަންތަނުގެ އިޖްތިމާއީ ހާލަތްތައް ވެސް، މަޑުމަޑުން ރަނގަޅުވާން ފަށާނެ އެވެ. އާމްދަނީ ލިބޭ ގިނަ މީހުން އުޅޭ ރަށްރަށުގައި، ރަނގަޅު ފެންވަރުގެ ކްލިނިކުތައް އުފެދި، ޕްރައިވެޓް މަދްރަސާތައް ފެށި، ރަނގަޅު ޓީޗަރުން ފެންނަން ވެސް ފަށާނެ އެވެ. ކުދި ފިހާރަތައް ބޮޑެތިވެ، ކެފޭތައް ހުޅުވި ޖިމްތަކާއި ސެލޫންތައް ހންގަން ފަށާނޭ ކަން ޔަގީނެވެ. ބޭނުންވަނީ ރަށްފުށުގައި ވަޒީފާތައް ގާއިމްކުރަން ފެށުމެވެ.

މިކަމަށް މިއަދު އޮތް އެންމެ ބޮޑު ހުރަހަކީ އަޅުގަނޑުމެންގެ ސިކުނޑި އެވެ. ވިސްނާ ގޮތެވެ. އިއްޔެ ނޫން އިހަށް ދުވަހު ހިނގި މަގު ނޫން މަގަކުން ހިނގަން ފެށުމަކީ އެހާ ފަސޭހައިން ސިކުނޑި ތަންދޭ ކަމަކަށް ނުވުމެވެ. އިނގިރޭސި މުހާވިރާ ބަހުން ބުނެ އުޅޭ 'އައުޓް އޮފް ދަ ބޮކްސް' ވިސްނުމުގެ ތެރެއިން ދައުލަތުގެ އެންމެ ވުޒާރާއެއް ނަމަވެސް، އަޖުމަ ބެލުމުގެ ގޮތުން ނަމަވެސް، ކޮންމެވެސް އެއް އަތޮޅަކަށް ބަދަލުކޮށްގެން ހިންގަން މިއަދު ނިންމަމާތޯ އެވެ؟

މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން ސައެންސް އެންޑް ޓެކްނޯލޮޖީ އަކީ މިފަދަ ކަމެއްގައި ފުރަތަމަ ފިޔަވަޅު އަޅުއްވަން އެންމެ އައުލާކަން ބޮޑު ވުޒާރާ ކަމުގައި އަޅުގަނޑުގެ ހިތް ބުނެ އެވެ. މިއަދުގެ ޓެކްނޯލޮޖީގެ އެހީގައި މިފަދަ ކަމެއް ފަށައި، ހިންގައި، ދަމަހައްޓަން ހަދާނެ ގޮތްތައް ދަސްކޮށް، ކިޔަވައި، ތަޖުރިބާ ލިބިފައިވާ ހުނަރުވެރިން އެ ވުޒާރާގައި އެބަ ތިއްބެވި އެވެ. އެބޭފުޅުން މަގުކޮށްޓަވާފައި ދެއްކެވުމުން އެހެން ވުޒާރާތަކާއި މުއައްސަސާތައް ވެސް އެމަގުން ނުހިނގުމަށް ދައްކަވާނޭ މާ ބޮޑެތި ބަހަނާތަކެއް ނުހުންނާނެ އެވެ.

ހީވާ ގޮތުގައި މިކަމުގައި އެންމެ ގިނައިން އިވޭނޭ ބަހަނާއަކަށް ވާނީ އަތޮޅުތަކުގެ އިންޓަނެޓްގެ ސްޕީޑުގެ ވާހަކަ އެވެ. އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކުންނާއި އެރަށްރަށުގެ ރައްޔިތުން މިއަދު ވެސް މަސައްކަތް ކުރަނީ މިހާރުގެ ހާލަތުގަ އެވެ. މިއަދަށް ވުރެ އިންޓަނެޓް ހާލަތު ރަނގަޅު ވާނީ ވެސް، ބަސްބުނެ ކަންތައްތައް ބަދަލުކުރެވޭ ވަރުގެ އަޑުގަދަ، ބޮޑެތި ބޭފުޅުން އަތޮޅުތަކުގައި މަސައްކަތް ކުރައްވަން ފެއްޓެވީމަ އެވެ

އެހެންކަމުން މިއަދާ ހަމައަށް ހިނގި މަގު ދޫކޮށް، އެހެން މަގަކުން ހިނގަމާތޯ އެވެ؟ ރަށްފުށުގެ މަގުތައް ހިޔާވެފައި، ރޯޅި ތާޒާވެފައި، ވެށި ސާފެވެ. ދައުލަތުގެ ޚަރަދު ކުޑަކުރެވި، އަތޮޅުތަކުގައި ވަޒީފާ އުފެއްދި، ހަގީގީ ޑިސެންޓްރަލައިޒޭޝަނަށް މަގު ފަހިކުރެވި، ރައްޔަތުންނާ ގާތުން ޚިދުމަތް ދެވޭނެ އެވެ. މާލޭގެ ބިމަށް ލުއިކަން ލިބި، އަގުތައް ތިރިކުރެވި، ދިރި "ތެޅުމުގެ" ބަދަލުގައި މާލޭގައި ވެސް ދިރިއުޅެން ފެށިދާނެ އެވެ.

އެޑިޓަރުގެ ނޯޓު

އާތިފަކީ މިފްކޯ އާއި ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރެއްވި އަދި އިގުތިސާދީ އެކި މައުލޫއުތަކުގައި ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ އިނގިރޭސި ބަހުން ނެރޭ މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ އެއް ބާނީ އެވެ. ދިވެހި އިގުތިސާދު ދިރާސާކުރައްވަން އޭނާ ހާއްސަ ސަމާލުކަމެއް ދެއްވަ އެވެ.