Roadha Mihaaru
ސަރުކާރު ހަލާކުވާ ގޮތަށް އެބަ މަސައްކަތްކުރޭ: މަހުލޫފް

ސަރުކާރު ހަލާކުވާ ގޮތަށް އެމްޑީޕީގެ ދެތިން މެމްބަރަކު މަސައްކަތް އެބަ ކުރޭ: މަހުލޫފް

13 އޯގަސްޓް 2020

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވާ ގޮތުން އެ ޕާޓީގެ ދެތިން މެމްބަރަކު، ސަރުކާރު ހަލާކޮށްލަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ރޭ ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވާ ގޮތުން އެ ޕާޓީގެ ދެތިން މެމްބަރަކު، ސަރުކާރު ހަލާކޮށްލަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ރޭ ކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ޖަވާބުދާރީ ކުރުވުމުގެ ތެރެއިން ތުހުމަތުތަކެއް އަޅުވައި އިތުބާރު ނެތް ކަމުގެ ވޯޓާ ދިމާލަށް މިސްރާބު ޖަހާފައިވާ މައްސަލައިގައި "ރާއްޖެ ޓީވީ"ގައި މަހްލޫފް ވިދާޅުވީ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ދެތިން މެމްބަރަކު އެ މަސައްކަތް ކުރައްވަނީ ވަޒީރުންގެ މައްސަލައެއް އޮވެގެން ނޫން ކަމަށެވެ. މަޖިލީހުގެ ގިނަ މެމްބަރުންނަކީ ވަޒީރުންނާ ގާތުން އެއްބާރުލެއްވުމާ އެކު މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަން ހިންގަވަން ރައީސަށް ދަތިފުޅުވާ ގޮތަށް ދެތިން މެމްބަރަކު މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރެއްވުމަކީ ދެރަ ކަމެއް ކަމަށެވެ. މިއީ އެންމެން އެކުގައި ރައްޔިތުންނަށް ވައުދުތަކަކާ އެކު ގެނައި ސަރުކާރެއް ކަން ހަނދާންކޮށްދެއްވަމުން އެ މަގްސަދާ ދުރަށް މަޖިލީހުން ވެސް އަމާޒު ނުހިފުމަށް އޭނާ އެދިވަޑައިގަތެވެ.

މަހްލޫފް ވިދާޅުވީ މި ވެރިކަން ނުހޯދުނު ނަމަ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެމްބަރުން ތިއްބަވާނީ އެކި ތުހުމަތުތަކުގައި، ޖަލުގައި ކަމަށެވެ.

ވެރިކަން ބަލިކަށިކޮށްލަން އާޒިމްގެ އިތުރުން ދެން އިޝާރާތް ކުރެއްވި މެމްބަރުންނަކީ ކޮބައިތޯ ޕްރެޒެންޓަރު ސުވާލުކުރުމުން މަހްލޫފް ސީދާ ޖަވާބެއް ނުދެއްވި އެވެ. އޭނާ އެދިވަޑައިގަތީ ސަރުކާރުން ރައްޔިތުންނަށް ކުރާ މަސައްކަތްތަކަށް މަޖިލީހުގެ ތެރެއިން ހުރަސްއަޅަން ކުރާ މަސައްކަތް ހުއްޓާލެއްވުމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި 10 އަހަރު ހޭދަކުރެއްވި މަހްލޫފް ވިދާޅުވި ގޮތުގައި މެމްބަރުންގެ ދާއިރާ އަށް ވައުދުވެވަޑައިގަތް ކަންކަން ބޭނުންވާ ސްޕީޑުގައި ކޮށްނުދެއްވޭ ނަމަ މެމްބަރުންގެ ކަންބޮޑުވުންތައް ހުންނާނެ އެވެ. މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންނެކޭ އެއްގޮތަށް އޭނާ އަށް ވެސް އެކަން ތަޖުރިބާ ކުރެއްވިފައިވާ ކަމަށް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓާ ވެސް މަހްލޫފް ދެކޮޅުހެއްދެވި އެވެ. މެމްބަރުން އުޅުއްވަނީ ފައްޔާޒުގެ މައްސަލައެއް އޮވެެގެން ނޫން ކަމަށް ވިދާޅުވި އެވެ. އަދި އެ މައްސަލަ ވާހަކަ ދައްކައިގެން ހައްލުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ދެތިން މެމްބަރަކު ހަމަ އެބަ އުޅުއްވާ ކަނޑައެޅިގެން މުޅި މީތި ހަލާކުކޮށްލަން. އެކަން އެބަ ފެނޭ. އެކަމަކު އަޅުގަނޑަކަށް ހިއެއްނުވޭ އެ ބޭފުޅުން އެ ކުރާ މަސައްކަތް ކާމިޔާބުވެދާނެހެން،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ދެން ކުރެއްވީ އޭނާ މަގާމުން ވަކިކުރަން އަލީ އާޒިމް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ވެސް އެކަން މަޖިލިހުގެ ތެރެއިން ކާމިޔާބުވޭތޯ މަސައްކަތް ކުރި ކަމަށާއި ބައެއް މެމްބަރުންގެ ސޮއި ހޯއްދަވަން އާޒިމް އުޅުއްވި ކަމަށެވެ.

"އެއްވެސް ހާލެއްގައި މިއުޅެނީ އަޅުގަނޑު ގޯސްކޮށް ކަމެއް ކޮށްގެނެއް ނޫން. އަޅުގަނޑު މިހުރި މަގާމުން އަޅުގަނޑު ވަކިކުރުމަށް. އެ ވިސްނުމުގައި ކުރެވެމުންދާ މަސައްކަތް،" މަހްލޫފް ވިދާޅުވި އެވެ.

"އަލީ އާޒިމް އިސްވެ މިއުޅެނީ ވަރަށް ވަރުގަދަކޮށް އޮތް ސަރުކާރެއް ހަލާކުވެގެން ދާ ގޮތަށް މަސައްކަތް ކުރަން. އަޅުގަނޑު އެދެނީ އެކަން ހުއްޓާލަން."

އޭނާ އަކީ މަގާމު ގެއްލުމުގެ ބިރު އޮވެގެން ނުފޫޒަކަށް ގުޑާލާނެ ބޭފުޅެއް ނޫން ކަމަށާއި އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ވެސް އާޒިމް ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުން ނަމަ ދިދަ ޖެހި ކާރުކޮޅާއި ސެކިއުރިޓީން އޭނާއަކަށް މުހިއްމެއް ނޫނެވެ. އާދައިގެ ރައްޔިތުންނާ އެއް ހަމައެއްގައި، އުޅުމަކީ އޭނާ ބޭނުންވާ އަދި މިހާރު ވެސް އުޅުއްވާ ގޮތް ކަމަށް ވިދާޅުވި އެވެ.

އަލީ އާޒިމް އާއި އޭނާއާ ދެމެދު އޮންނަ މައްސަލައަށް އިޝާރާތް ކުރައްވައި ވިދާޅުވީ ވަޒީރަކަށް އޭނާ އައްޔަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ. އަދި އެފްއޭއެމްގައި ތަޅުއަޅުވަން ޖެހިއްޖެ ނަމަ ވެސް އެކަން ކުރައްވާނީ ރައީސް އެންގެވުމުން ކަމަށް ވިދާޅުވި އެވެ. އޭގެ ބަދަލުގައި އާޒިމް އަންގަވައިގެން އެފްއޭއެމްގައި ތަޅުއެޅުވުން ފަދަ ކަމެއް ނުކުރައްވާނެ ކަމަށް، މިސާލެއްގެ ގޮތުން، އޭނާ ވިދާޅުވި އެވެ.

"ހަމަ އެހެންމެ ރައީސަށް ވެސް އެނގިވަޑައިގަންނަވާނެ ގާނޫނާ ޚިލާފަށް އަޅުގަނޑު ކަމެއް ނުކުރާނެކަން. އާޒިމްގެ އެންމެ ބޮޑު އިންޓްރެސްޓަކީ އެފްއޭއެމްގައި، ބައްސާމް ހުރީމަ އޭނަ ބޭރުކުރުން. އެކަން ކުރަން ވެސް އަލީ އާޒިމްމެންނާ އެކު މަސައްކަތް ކުރިން. ދެން ސްޕޯޓްސް މިނިސްޓަރަކަށް ހުންނަ ބޭފުޅަކަށް ކިހިނެއްތޯ އަބަދު އެފްއޭއެމްއާ ތަޅަތަޅާ ހުންނާނީ؟" މަހްލޫފް ވިދާޅުވި އެވެ.

ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ނުވެއްދުމަކީ، މަހްލޫފް ވިދާޅުވި ގޮތުގައި، ވެރިކަމަށް އައުމަށް މި ސަރުކާރުން ވި ވައުދެކެވެ. އެ ވައުދާ ޚިލާފަށް އެކަން ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.