Roadha Mihaaru
އޮފީސްތައް ހުޅުވާ ގަޑި އަދި ކަނޑައެއް ނާޅާ!

އޮފީސްތައް ހުޅުވާ ގަޑި އަދި ކަނޑައެއް ނާޅާ!

30 ޖޫން 2020

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އެޅި ފިޔަވަޅުތަކަށް ފަހު، ސަރުކާރުގެ އޮފީސްތައް މާދަމާ އަލުން ހުޅުވަން ނިންމި އިރު، އޮފީހަށް ދާން ޖެހޭ ގަޑި އާއި އޮފީސް ހުޅުވާފައި ބަހައްޓާ ވަގުތާ ބެހޭ އަދި ގޮތެއް ނުނިންމަ އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އެޅި ފިޔަވަޅުތަކަށް ފަހު، ސަރުކާރުގެ އޮފީސްތައް މާދަމާ އަލުން ހުޅުވަން ނިންމި އިރު، އޮފީހަށް ދާން ޖެހޭ ގަޑި އާއި އޮފީސް ހުޅުވާފައި ބަހައްޓާ ވަގުތާ ބެހޭ އަދި ގޮތެއް ނުނިންމަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މަޝްވަރާތައް އަދި ދަނީ ކުރިއަށެވެ.

އެނގިފައިވާ ގޮތުގައި އޮފީސްތައް ހުޅުވަން ނިންމިއަސް އާންމު ހާލަތުގައި އޮފީސްތައް ހުޅުވާ ގޮތާއި މާދަމާ އިން ފެށިގެން އޮފީސްތައް ހުޅުވާ ގޮތާއި އޮފީހަށް ދާން ޖެހޭ ގަޑި ތަފާތުވުން ވަރަށް ކައިރި އެވެ.

އާންމު ދުވަސްތަކުގައި ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 8 ން މެންދުރު 2 ޖަހަންދެނެވެ.

ސަރުކާރުގެ އޮފީސްތައް މާދަމާ ހުޅުވާއިރު، ބައެއް މުވައްޒަފުން އަދިވެސް ތިބީ ރަށްރަށުގައި ތާށިވެފަ އެވެ. އެ މީހުންނާ މެދު އަމަލުކުރާނެ ގޮތެއް ވެސް އަދި ސާފެއް ނޫނެވެ. މީގެ އިތުރުން ކައުންޓަރުތަކުން އާންމުންނަށް ޚިދުމަތް ދޭން ފަށާ ނަމަ، ރައްކާތެރިކަމާ އެކު އެ ކަން ކުރުމަށް ތައްޔާރު ވެފައިވާ މިންވަރެއް ވެސް ނޭނގެ އެވެ.

އޮފީސްތައް އަލުން ހުޅުވާއިރު، އަމަލުކުރާނެ ގޮތުގެ ގައިޑްލައިނެއް މީގެ މަހެއްހާ ދުވަސް ކުރިން ސިވިލް ސާވިސް ކޮމިޝަނުން ވަނީ ނެރެފަ އެވެ. އޭގައި ބުނެފައިވާ ގޮތުން، އޮފީހުގެ މަސައްކަތްތައް ކުރާނެ ގޮތްތައް ނިންމާނީ އެ އޮފީހަކުންނެވެ. ގިނަ މުވައްޒަފުންތަކެއް މަސައްކަތް ކުރާ އޮފީހެއް ނަމަ އޮފީހަށް ނުކުންނާނެ މުވައްޒަފުން ކަނޑައަޅައި، މަސައްކަތް ކުރާނެ ވަގުތުތަކެއް ވެސް ކަނޑައަޅާނީ ގައިޑްލައިންގައިވާ ގޮތުން އެ އޮފީހަކުންނެވެ. މުވައްޒަފުން މަސައްކަތް ކުރާ އިރު ތިންފޫޓުގެ ދުރުމިން ހުންނާނެ ގޮތަކަށް ކަންކަން ރޭވުމާއި އެ އޮފީސްތައް ޑިސް އިންފެކްޓް ކުރުން ވެސް ކުރިއަށް ގެންދާނީ އެ އޮފީހަކުން ކަމަށް އޭގައި ވެ އެވެ.

އެކަމަކު މާދަމާ އަލުން އޮފީސްތައް ހުޅުވާއިރު އޮފީސްތައް ޑިސްއިންފެކްޓް ކުރި ކަމެއް ނޭނގެ އެވެ. އެނގިފައިވާ ގޮތުގައި ބޮޑެތި އޮފީސްތައް ހުރި އިމާރާތްތައް އަދި ޑިސްއިންފެކްޓްކޮށްފައެއް ނުވެ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކުރިން ނެރެފައިވާ ގައިޑްލައިނުގައި، އާންމުންނަށް ދޭ ހިދުމަތްތައް ޑިޖިޓަލްކޮށް ދިނުމަށް ވަނީ ވަރަށް ބޮޑަށް ބާރު އަޅައިފަ އެވެ.

ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި ވަނީ މާޗް 12 ގައި، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރުމާ އެކު އެވެ.