Roadha Mihaaru
އިންޓަނެޓް ބޭންކިންއަށް މިހާރު ވަގުތުން ރެޖިސްޓަކުރެވޭނެ

ބީއެމްއެލް އިންޓަނެޓް ބޭންކިން އަށް މިހާރު ވަގުތުން ރެޖިސްޓަ ކުރެވޭނެ

19 ޖޫން 2020

ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭންކުގެ ވެބްސައިޓު މެދުވެރިކޮށް އިންޓަނެޓް ބޭންކިން އަށް ވަގުތުން ރެޖިސްޓާ ކުރެވޭ ގޮތް އެ ބޭންކުން ހަދައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭންކުގެ ވެބްސައިޓު މެދުވެރިކޮށް އިންޓަނެޓް ބޭންކިން އަށް ވަގުތުން ރެޖިސްޓާ ކުރެވޭ ގޮތް އެ ބޭންކުން ހަދައިފި އެވެ.

ބީއެމްއެލް އިން ބުނީ މި ބަދަލަކީ އެ ބޭންކުގެ ހިދުމަތްތައް ހޯދުމުގައި އިންޓަނެޓް ބޭންކިން ބޭނުން ކުރުމަށް ކަސްޓަމަރުންނަށް ބާރުއެޅުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ. އެގޮތުން ބޭންކުގައި އެކައުންޓު ހުޅުވާފައިވާ ކަސްޓަމަރުންގެ ތެރެއިން ކާޑު ލިބިފައިވާ ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކި ރަޖިސްޓާ ކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އިންޓަނެޓް ބޭންކިން އަށް ރެޖިސްޓްރީވާން ބޭނުންވާ ކަސްޓަމަރުންނަށް ބޭންކުގެ ޕޯޓަލް www.bankofmaldives.com.mv/internetbanking/signup ބޭނުން ކޮށްގެން ރަޖިސްޓާ ކުރެވޭނެ އެވެ. މި ލިންކުގެ ސައިން އަޕް ބަޓަނަށް ފިއްތާލުމުން ކަސްޓަމަރުގެ އެކައުންޓް ނަންބަރު ޖަހައި އޯޓީޕީ ފޮނުވުމަށްއެދޭ ގޮތް (މޯބައިލް ނުވަތަ އީމެއިލް) ހިޔާރުކުރެވޭނެ އެވެ. އޯޓީޕީ ފޮނުވުމަށް ހިޔާރުކުރާ ނަންބަރަކީ ނުވަތަ މެއިލަކީ ބޭންކުގައި ރަޖިސްޓްރީ ކޮށްފައިވާ އެއްޗަކަށް ވާން ޖެހޭނެ އެވެ.

އިންޓަނެޓް ބޭންކިން އިން ލިބޭ ހިދުމަތްތައް

- އެކައުންޓާއި ކާޑުގެ ބެލެންސް ބެލޭނެ.

- އެކައުންޓް ސްޓޭޓްމަންޓް ބެލުމާއި ޑައުންލޯޑް ކުރެވޭނެ.

- އަމިއްލަ އަދި އެހެން މީހންގެ ކްރެޑިޓްކާޑު އަދި ލޯނަށް ފައިސާ ދެއްކޭނެ.

- އަމިއްލަ އަދި އެހެން މީހުންގެ އެކައުންޓްތަކަށް ފައިސާ ފޮނުވޭނެ.

މީގެ އިތުރުން ބޭންކުގެ ބައެއް ހިދުމަތްތަކަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ހުށަހެޅޭނެ އެވެ. މީގެ ތެރޭގައި އިތުރު އެކައުންޓެއް ހުޅުވުމާއި ޑެބިޓް ނުވަތަ ކްރެޑިޓް ކާޑަށް އެދި ހުށަހެޅުމާއި ލުއި ލޯނަށް އެދި ހުށަހެޅުމާއި ޒާތީ މައުލޫމާތު އަޕްޑޭޓްކުރުން ހިމެނެ އެވެ.

ޒަމާނީ ޓެކްނޮލޮޖީއާ އެކު ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ދެމުންނެވެ. އެގޮތުން އެ ބޭންކު މެދިވެރިކޮށް ހިނގާ މުއާމަލާތްތަކުގެ 90 ޕަސެންޓަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ހިންގޭ މުއާމަލާތްތަކެވެ. ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން 87 ޕަސެންޓް ކަސްޓަމަރުން މިހާރުވެސް އިންޓަނެޓް ބޭންކިން ބޭނުން ކުރާ ކަމަށް ވެސް ބީއެމްއެލް އިން ބުނެފައިވެ އެވެ.