Roadha Mihaaru
ކޮވިޑުން ސަލާމަތްވެ ސަރުދާރު ދޮންމަނިކު ގެއަށް

92 އަހަރުގައި ކޮވިޑުން ސަލާމަތްވެ ސަރުދާރު ދޮންމަނިކު އަނބުރާ ގެއަށް

17 ޖޫން 2020

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން އެންމެ ދުވަސްވީ މީހާ ބަލިން ރަނގަޅުވެ ގެއަށް ފޮނުވާލައިފި އެވެ. އެއީ ކުރީގެ މަޝްހޫރު ކުރެހުންތެރިޔާ ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން އެންމެ ދުވަސްވީ މީހާ ބަލިން ރަނގަޅުވެ ގެއަށް ފޮނުވާލައިފި އެވެ. އެއީ ކުރީގެ މަޝްހޫރު ކުރެހުންތެރިޔާ ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) އެވެ.

ރާއްޖޭގައި އުމުރުން އެންމެ ދުވަސްވީ މީހަކަށް މި ބަލި ޖެހިފައި ވަނީ 92 އަހަރުގެ ދެ މީހަކަށެވެ. ސަރުދާރު ދޮންމަނިކު ނުވަތަ ސަރުދާރު ދޮންބެ އަކީ އޭގެ ތެރެއިން އެކެކެވެ. ބަލިން މުޅިން ރަނގަޅުވުމާ އެކު އޭނާ މިއަދު ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.

ސަރުދާރު ދޮންމަނިކު މި ބައްޔަށް ޕޮޒިޓިވްވީ މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އޭނާއަށް ފަރުވާ ދީފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލުުގެ އައިސީޔޫގަ އެވެ.

ސަރުދާރު ދޮންމަނިކުގެ ދަރިފުޅު އަަހުމަދު ޝުއައިބް "މިހާރު" އަށް ބުނީ ކޮވިޑް-19 އަށް ބައްޕަ ޕޮޒިޓިވްކަން އެނގުނީ އެހެން ކަމެއްގައި ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުންގެ ލަފާގެ މަތިން ޓެސްޓު ކުރި ހިސާބުން ކަމަށެވެ.

ގޭގައި އުޅޭ އެހެން ދެ މީހަކު ވެސް ޕޮޒިޓިވްވެފައިވާ ކަމަށް ޝުއައިބު ބުންޏެވެ. ނަމަވެސް އެ ދެ މީހުން އަދި ތިބީ އައިސޮލޭޝަންގައި ކަމަށާއި އެ މީހުން ބަލިން އަދި ރަނގަޅު ނުވާ ކަމަށް ވެސް ބުންޏެވެ.

"ބައްޕަގެ ހާލު ބޮޑެއް ނުވޭ. ގެންދިޔަތާ 19 ދުވަސް ފަހުން ރަނގަޅުވެގެން ދޫކޮށްލި އިރު ވަރަށް ރަނގަޅަށް ކަންތައް ކުރީ ހޮސްޕިޓަލުން ބައްޕައާ މެދު. ވަރަށް ހިތްހަމަޖެހޭ،" ޝުއައިބު ބުންޏެވެ.

ސަރުދާރު ދޮންމަނިކަކީ ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ކަރުދާސް ރުފިޔާގެ ޑިޒައިންތަކުގެ ކުރެހުންތެރިޔާ އެވެ. އުމުރުން 15 އަހަރުގައި 1940 ގައި ކުރެހުމުގެ ތެރެއަށް ވަން ސަރުދާރު ދޮންމަނިކަކީ ކުރެހުމުގެ އިތުރުން އަތްތެރި މަސައްކަތާއި ޑައިވް ވެސް ކުރާ މީހެކެވެ. އެގޮތުން ލަކުޑީގެ މަސައްކަތް، މުތްތޮށީގެ މަސައްކަތް، ކަހަނބު ފަތުގެ މަސައްކަތް އަދި ކުރެހުމުގެ ރޮނގުން ވެސް ރާއްޖޭގެ ގިނަ މައުރަޒުތަކުގައި ބައިވެރިވެ ވަނަތައް ހޯދާފައި ވެއެވެ.

ސަރުދާރު ދޮންބެގެ މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ އާންމު ހިދުނަތުގެ އިނާމް ވެސް ދީފަ އެވެ.