Roadha Mihaaru
އެންމެ ގިނައިން ކުރީ ކެނަބިސް ބޭނުންކުރުމުގެ ދައުވާ

ލޮކްޑައުންގައި އެންމެ ގިނައިން ކުރީ ކެނަބިސް ބޭނުންކުރުމުގެ ދައުވާ

16 ޖޫން 2020

ލޮކްޑައުންގެ ތެރޭގައި އެންމެ ގިނައިން ދައުވާކުރީ ކެނަބިސް ބޭނުންކުރުމުގެ މައްސަލަތަކުގައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޮކްޑައުންގެ ތެރޭގައި އެންމެ ގިނައިން ދައުވާކުރީ ކެނަބިސް ބޭނުންކުރުމުގެ މައްސަލަތަކުގައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޝަމީމް "މިހާރު" އަށް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކުރި މުއްދަތުގެ ތެރޭގައި ކުށުގެ 72 ބާވަތެއްގެ މައްސަލައިގައި ދައުވާކުރަން ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނައީ ކެނަބިސް ބޭނުންކުރުމެވެ. އެފަދަ 25 މައްސަލައެއްގައި ދައުވާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއެކު މުޅި މާލެ ސަރަހައްދު ލޮކްޑައުންކުރީ އޭޕްރީލް 15 ގަ އެވެ. އެ މަހު 15 މައްސަލައެއްގައި، މިިދިޔަ މަހު 28 މައްސަލަ އަދި މި މަހު މިހާތަނަށް ތިން މައްސަލައެއް ކޯޓުތަކަށް ފޮނުވާފައި ވެ އެވެ.

ޖިންސީ ކުށުގެ ތެރެއިން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމާ ގުޅޭ ހަތް މައްސަލައެއް އަދި އިތުބާރު ކުރެވޭ މަގާމެއްގައިި ހުރެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ހަތަރު މައްސަލައެއްގައި ވެސް ދައުވާކޮށްފައި ވެ އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މައްސަލަ ތަހުގީގުކުރަން ފުލުހުން އާއްމު ގޮތެއްގައި 87 ދުވަސް ނަގާ ކަމަށެވެ. އެ މައްސަލައިގައި ދައުވާކޮށްދިނުމަށް ޕީޖީއަށް ހުށަހަޅާތާ ގާތްގަނޑަކަށް ތިން ދުވަސްތެރޭގައި ދައުވާކުރަން ފޮނުވާ ކަމަށް ވިދާޅުވި އެވެ.

ދައުވާކުރާ މީހުން، ކުށް ކުރިއިރު އެވްރެޖް އުމުރަކީ 34 އެވެ.

ދައުވާ