Roadha Mihaaru
ޕީޖީ ޝަމީމްގެ މައްސަލައެއް ނުބަލަން: ފުލުހުން

ޕީޖީ ޝަމީމްގެ ޖިނާއީ ތަހުގީގެއް ނުހިންގަން: ފުލުހުން

17 ޖޫން 2022

ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމާ ގުޅޭ ޖިނާއީ މައްސަލައެއް ތަހުގީގު ނުކުރާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމާ ގުޅޭ ޖިނާއީ މައްސަލައެއް ތަހުގީގު ނުކުރާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން މިހެން ބުނީ ޝަމީމަށް ތުހުމަތުކޮށް، ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހަށް ބަޔަކު ހުށަހަޅާފައިވާ ކަމަށް ބުނެ އަޑު ފެތުރުމުންނެވެ. މިދިޔަ ހަފްތާގައި އެ ވާހަކަ ފެތުރުނަސް ފުލުހުން މިހާތަނަށް އެކަމާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝަމީމްގެ މައްޗަށް އެއްވެސް ޖިނާއީ ތުހުމަތެއްގެ ތަހުގީގު ހިންގަމުން ނުދާ ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި، ޝަމީމާ ދެކޮޅަށް މައްސަލަ ހުށަހެޅީ އާއިލީ މައްސަލައެއްގެ ތެރެއިންނެވެ. އެކަމަކު އެ މައްސަލާގައި ޖިނާއީ އަމަލެއްގެ ތުހުމަތެއް ނެތް ކަމަށް ވަނީ އެނގިފަ އެވެ. އާއިލީ މައްސަލަތަކާއި ކުޑަކުދިންނާ ގުޅުން ހުންނަ ކަންކަމުގައި ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ތަފްސީލު ހާމަކުރުމަކީ ފުލުހުން ކުރާ ކަމަކަށް ނުވާތީ މިކަމުގައި ވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ޝަމީމާ ގުޅޭ ގޮތުން މިފަދަ ވާހަކަތަކެއް ފެތުރިފައި ވަނީ އޭނާ ޕީޖީގެ މަގާމުން ވަކި ކުރުމަށް އިތުބާރު ނެތް މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައި ވަނިކޮށެވެ. އެ މައްސަލަ ހުށަހަޅަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީންނެވެ.