Roadha Mihaaru
އިންވެންޓްރީ ނުދިނުމުން ބޭރު ކުރި މައްސަލަ ހައިކޯޓަށް

އިންވެންޓްރީ ނެތުމުން ބޭރުކުރި ޑްރަގް މައްސަލަ އިސްތިއުނާފުކުރަނީ

21 ނޮވެމްބަރ 2021

ޑްރަގް މައްސަލައެއްގައި ފުލުހުން ސައިކަލަކާއި ގެއެއް ބަލައި ފާސްކޮށް ގެންދިޔަ ތަކެތީގެ އިންވެންޓްރީ ނުވަތަ ލިސްޓު ނުދިނުމުން، އެ މައްސަލައިގައި ދައުވާކުރި މީހާގެ މައްސަލަ ބާތިކްކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޑްރަގް މައްސަލައެއްގައި ފުލުހުން ސައިކަލަކާއި ގެއެއް ބަލައި ފާސްކޮށް ގެންދިޔަ ތަކެތީގެ އިންވެންޓްރީ ނުވަތަ ލިސްޓު ނުދިނުމުން، އެ މައްސަލައިގައި ދައުވާކުރި މީހާގެ މައްސަލަ ބާތިކްކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

ގއ. ދާންދޫ، މިސްކިތްމަގުގެ، އިބްރާހިމް މުހައްމަދުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާކުރީ އޭނާ ޑްރަގް ވިއްކާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާގެ ސައިކަލާއި ގެ ބަލައި ފާސް ކުރި އިރު ގާތްގަނޑަކަށް 135 ގްރާމްގެ ޑްރަގް ފެނުމުންނެވެ. އެކަމަކު، އެ ދައުވާ ބޭރު ކުރަން މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާގެ ގެއިން ފެނުނު ތަކެތީގެ އިންވެންޓްރީ ފުލުހުން ދީފައި އިންސާފުވެރި ހުކުމަކަށް ވާސިލުވުމަށް ހުރަހެއް ކަމަށް ބަލައިގެންނެވެ.

އެކަމާ ގުޅިގެން ރޭ ކުރެއްވި ޓްވީޓެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، އެ ނިންމުން އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މުޅި މައްސަލައިގެ މައުޟޫއަށް އަސަރު ނުކުރާ ނަމަ އިޖުރާއަތު ގޯސްވިޔަސް މައްސަލަ ބަލައިގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.

އެ މައްސަލައިގައި އިބްރާހިމް މުހައްމަދުގެ މައްޗަށް ކުރި ދައުވާއާ ގުޅިގެން ހެކިބަސް ނެގުމުގެ މަރުހަލާއަށް ގޮސްފައި ވަނިކޮށް އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ކުރިން މައްސަލަ ބެއްލެވި ގާޒީ ބަދަލުވުމުން ދެން މައްސަލައާ ހަވާލުވެވަޑައިގަތް ގާޒީ ހަސަން ސައީދެވެ.

އޭނާގެ ނިންމެވުމުގައި ވަނީ އިންވެންޓްރީ ނުދިނުމަކީ އިޖުރާއަތާ ހިލާފު ކަމެއް ކަމަށާއި، ބަލައި ފާސްކުރުމުގައި އަމަލުކުރަން ގާނޫނަކުން ލާޒިމުކޮށްފައިވާ އެއްވެސް ކަމެއް ނުކޮށް ދޫކޮށްލައިފި ނަމަ ބަލައި ފާސްކުރުން ސައްހަ ނުވާނެ ކަމަށެވެ.

އޭގެ އިތުރުން އެކަން ނުކޮށްފި ނަމަ ތުހުމަތުވާ ފަރާތުގެ ހައްގުތައް ގެއްލޭނެ ކަމަށާއި އެއީ އިންސާފުވެރި ހުކުމަކަށް ވާސިލުވުމަށް ހުރަހަކަށް ވާނެ ކަމަށެވެ. އެހެންވެ، އިބްރާހިމް މުހައްމަދު ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.