ދިރާގުން އެ ކުންފުނީގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 12ރ. ގެ މަގުން ބަހަން ނިންމައިފި އެވެ.
11 ޖޫން 2020
ދިރާގުން އެ ކުންފުނީގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 12ރ. ގެ މަގުން ބަހަން ނިންމައިފި އެވެ.
މިގޮތަށް ނިންމާފައިވަނީ މިއަދު އޮންލައިންކޮށް ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގަ އެވެ. މި ޖަލްސާގައި އެ ކުންފުނީގެ 68 ހިއްސާދާރުން ބައިވެރިވެފައިވާއިރު ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ހިއްސާއަކަށް 7.86ރ. ބަހަން ފާސްކޮށްފައިވަނީ ބައިވެރިވި ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ.
ދިރާގުން ކޮންމެ އަހަރަކު ވެސް ހިއްސާގެ ފައިދާ ދެ ފަހަރު ބަހަ އެވެ. އެގޮތުން އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި މިދިޔަ އަހަރު ހިއްސާއަކަށް 4.14ރ. ވަނީ ބަހައިފަ އެވެ. އަދި މިއަދުގެ ޖަލްސާގެ ނިންމުމާއެކު، ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ހިއްސާއަކަށް 7.86ރ. ހިއްސާދާރުންނަށް ބަހާނެ އެވެ. އެހެންކަމުން ފައިދާއަށް 12ރ. ހިއްސާއަކަށް ލިބޭނެ އެވެ.
މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ "ފަހިވޯޓް" މެދުވެރިކޮށް މިއަދު ބޭއްވި ޖަލްސާ އަކީ މިހާތަނަށް އެ ކުންފުނިން އޮންލައިންކޮށް ބޭއްވި ފުރަތަމަ އަހަރީ އާއްމު ޖަލްސާ އެވެ. މި ޖަލްސާއާ ގުޅޭގޮތުން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ އެފަދަ ބޮޑު ޑިޖިޓަލް ޖަލްސާއެއް ކާމިޔާބު ކަމާއެކު ބޭއްވުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ޑިޖިޓަލް ދާއިރާގެ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
ދިރާގުން މިއަދު އޮންލައިންކޮށް ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ދިރާގު
"ދިރާގުން އަލަށް ވާޗުއަލް އޭޖީއެމް އެއް ބޭއްވުން ވެގެން ދިޔައީ އަޅުގަނޑުމެންނަށް ވެސް ކުރެވުނު ވަރަށް ތަފާތު، އަދި ރަނގަޅު ތަޖުރިބާއަކަށް. މިއީ ޑިޖިޓަލް މުސްތަގުބަލަކަށް އެޅުނު މުހިންމު އެއް ބިންގާ ކަމުގައި ދެކެން. އަދި ހާއްސަކޮށް މި ދަނޑިވަޅުގައި ޑިޖިޓަލް ގޮތްތައް ހިޔާރުކުރުމަކީ ވަރަށް މުހިންމު ކަމެއް. ސަބަބަކީ މިގޮތަށް އޮންލައިންކޮށް ޖަލްސާ ބޭއްވުމުން އެކި ހިސާބުތަކުން، ގިނަ ހިއްސާދާރުންނަށް ބައިވެރިވާން ފުރުސަތު ހުޅުވި، ހިއްސާދާރުން ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިވުން އިތުރުވެގެން ދިއުމަށް އެޅޭ ބާރަކަށް ވެގެންދާތީ،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
މިދިޔަ އަހަރަކީ ދިރާގަށް އެކި ގޮތްގޮތުން ކާމިޔާބު އަހަރެކެވެ. އެގޮތުން، މިދިޔަ އަހަރު އެ ކުންފުނި ވަނީ ދެކުނު އޭޝިއާ ސަރަހައްދުގައި 5ޖީގެ ހިދުމަތް ތައާރަފު ކުރި ފުރަތަމަ ކުންފުންޏަށް ވެފަ އެވެ. އަދި ބްރޯޑްބޭންޑް އިންޓަނެޓް ސްޕީޑް މަތިކުރުމަށްޓަކައި 1ޖީބީޕީއެސްގެ އަލްޓްރާ ފާސްޓް އިންޓަނެޓް ގޭބިސީތަކާއި ވިޔަފާރި ކަސްޓަމަރުންނަށް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ. މިވަގުތު މި ހިދުމަތް ފޯރުކޮށްދެމުން ދަނީ 13 ރަށެއްގަ އެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ އޭޕްރިލް މަހު ތަޢާރަފުކުރި "ޑިޖިޓަލް ރާއްޖެ" ޕްރޮގުރާމް ވެގެންދިޔައީ ދިރާގުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނެސްދިން ފްރޮގުރާމަކަށެވެ. އެގޮތުން ދިރާގުން ވަނީ "ހައި ސްޕީޑް ފައިބާ ޓު ދަ ހޯމް"ގެ ހިދުމަތް ރާއްޖޭގެ 75 ޕަސެންޓު ގޭބިސީ އަށް މިހާރު ފޯރުކޮށްދީފަ އެވެ. ދިރާގުގެ ފައިބާ ނެޓްވޯކް ދިވެހިރާއްޖޭގެ 58 ރަށަކަށް ފުޅާ ކުރުމުގެ މަޝްރޫއުގެ ނަތީޖާއެއްގެގޮތުން މި ނެޓްވޯކަކީ މިހާރު ރާއްޖޭގައި އޮތް އެންމެ އަވަސް، އެންމެ ބޮޑު ފައިބަ ނެޓްވޯކު ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުގެ އަހަރީ އާއްމު ޖަލްސާ މި މަހު 24 ގައި
ދިރާގުން ހިއްސާއަކަށް 7.23ރ. ބަހަން ފާސްކޮށްފި
ދިރާގުގެ އަހަރީ އާއްމު ޖަލްސާ މި މަހު 20ގައި
ހިއްސާއަކަށް 11.91ރ. ބަހަން ދިރާގުން ނިންމައިފި
ދިރާގު އޭޖީއެމަށް ރަޖިސްޓަރީވާން ފުރުސަތު ހުޅުވާލައިފި
ދިރާގުގެ އަހަރީ ޖަލްސާ މާދަމާ ރޭ ބާއްވަނީ
ފުވައްމުލައް ރަންގެ ރޭސް ކިޓާއި ބިބް ދޫކުރަނީ
200ރ. އިން މަތީގެ ބިލަކާ އެކު، ސްމާޓް ކިޓެއް!
"ބުރުނު ބޮމަ" މަސް ރޭހުގެ ޕާޓްނަރަކަށް ދިރާގު
"ދިރާގު މާލެ އޯޕަން" ސުވިމިން މުބާރާތުގެ ފުރުސަތު