Roadha Mihaaru
ދިރާގުން ހިއްސާއަކަށް 7.23ރ. ބަހަން ފާސްކޮށްފި

ދިރާގުން ހިއްސާއަކަށް 7.23ރ. ބަހަން ފާސްކޮށްފި

20 މެއި 2021

ދިރާގުގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 7.23ރ. ބަހަން، މިއަދު ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިރާގުގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 7.23ރ. ބަހަން، މިއަދު ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފި އެވެ.

މިއީ 2019 ވަނަ އަހަރު އެ ކުންފުނިން ބެހި ފައިދާއާ އަޅާބަލާއިރު 4.77ރ. ދަށް އަދަދެކެވެ. އެ ކުންފުނީގެ މުޅި އަހަރުގެ ހިއްސާގެ ފައިދާ ބިނާވެގެންވަނީ ބޯޑުން ހުށަހަޅާފައިވާ 5.16ރ. ގެ ފައިނަލް ޑިވިޑެންޑާއި މިދިޔަ އަހަރުގެ ކުރީކޮޅު އިއުލާނުކޮށްފައިވާ ހިއްސާއަކަށް 2.07ރ. ގެ އިންޓެރިމް ޑިވިޑެންޑް ހިމެނޭގޮތަށެވެ.

ހިއްސާގެ ފައިދާ ބަހަން ފާސްވީ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ.

ދިރާގުން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ މިންވަރު ދަށްވެފައިވަނީ އެ ކުންފުނީގެ މާލީ ހާލަތު 2019 ވަނަ އަހަރާ އަޅާބަލާއިރު ދަށްވުމުންނެވެ. އެގޮތުން އެ ކުންފުނީގެ އާމްދަނީ މިދިޔަ އަހަރު 13 ޕަސެންޓް ދަށްވެފައިވާއިރު ސާފު ފައިދާ ވަނީ 22.2 ޕަސެންޓު ދަށްވެފަ އެވެ.

މިދިޔަ އަހަރު ދިރާގަށް އާމްދަނީގެ ގޮތުގައި 2.48 ބިލިއަން ރުފިޔާ ލިބުނުއިރު 2019 ވަނަ އަހަރު އެ ކުންފުންޏަށް 2.85 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އަދި ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 732 މިލިއަން ރުފިޔާ ލިބުނުއިރު 2019 ވަނަ އަހަރު 942 މިލިއަން ރުފިޔާ ލިބުނެވެ.

ދިރާގު އަހަރީ އާއްމު ޖަލްސާގައި 46 ހިއްސާދާރުން ބައިވެރިވި އެވެ. އެއީ ހިއްސާއަށް ބަލާ ނަމަ 717.37 މިލިއަން ހިއްސާ އެވެ.

ކޮވިޑް-19ގެ ސަބަބުން މިއަހަރު ވެސް ދިރާގު އަހަރީ އާއްމު ޖަލްސާ ބާއްވާފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ "ފަހިވޯޓު" މެދުވެރިކޮށް ވާޗުއަލްކޮށެވެ.