Roadha Mihaaru
ދިރާގުގެ ހިއްސާ އަކަށް 7.33ރ. ބަހަން ފާސްކޮށްފި

ދިރާގުން ހިއްސާގެ ފައިދާ: 7.33ރ. ގެ މަގުން ޖުމްލަ 557 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފި

20 މާޗް 2023

ދިރާގުގެ މިދިޔަ އަހަރުގެ ސާފު ފައިދާ އިން ހިއްސާއަކަށް 7.33ރ. ބަހަން އެ ކުންފުނީ އަހަރީ އާއްމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިރާގުގެ މިދިޔަ އަހަރުގެ ސާފު ފައިދާ އިން ހިއްސާއަކަށް 7.33ރ. ބަހަން އެ ކުންފުނީ އަހަރީ އާއްމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

ކްރޮސްރޯޑްސްގައި ބޭއްވި ދިރާގުގެ 34 ވަނަ އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 557 މިލިއަން ރުފިޔާ ބަހަން ވަނީ ފާސްކުރި އެވެ. އެއީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 1.66ރ. ގެ މަގުން 126 މިލިއަން ރުފިޔާ އާއި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.67ރ. މަގުން 431 މިލިއަން ރުފިޔާ އެވެ.

އިންޓެރިމް ޑިވިޑެންޑަކީ އަހަރުގެ މެދުތެރެއިން ނުވަތަ ކުއާޓަރެއްގައި ކުންފުންޏަށް ލިބޭ ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން އެ ކުންފުންޏެއްގެ ބޯޑުން ކަނޑައަޅާ މިންވަރެވެ.

އެކުންފުނީގެ މިއަހަރުގެ ހިއްސާގެ ފައިދާ ބަހާނީ މިދިޔަ މަހުގެ 16 ގެ ކުރިން އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓާވެފައިވާ ފަރާތްތަކަށެވެ. މިރޭގެ ޖަލްސާގައި އެކުންފުނީގެ 125 ހިއްސާދާރުން ބައިވެރިވި އެވެ.

މިދިޔަ އަހަރު އެކުންފުނިން ވަނީ 2021 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 6.20ރ. މަގުން ޖުމްލަ 471 މިލިއަންު ރުފިޔާ ބަހައިފަ އެވެ. އެހެންވެ، މިއަހަރު މިވަނީ ހިއްސާދާރުންނަށް ބަހާ ޖުމްލަ އަދަދު 86 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެކުންފުންޏަށް ވަނީ މިދިޔަ އަހަރު 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި 909 މިލިއަން ރުފިޔާ ލިބުނެވެ. ދިރާގަށް 2021 ވަނަ އަހަރު ފައިދާގެ ގޮތުގައި 813 މިލިއަން ރުފިޔާ ލިބުނެވެ. އެހެންވެ މިދިޔަ އަހަރު އެކުންފުނީގެ ފައިދާ ވަނީ 12 ޕަސެންޓަށް އިތުރުވެފަ އެވެ.

ދިރާގުގެ 52 ޕަސެންޓު ހިއްސާވަނީ ބަހްރެއިންގެ ކުންފުންޏެއް ކަމުގައިވާ ބަޓެލްކޯ އެވެ. އަދި 41.8 ޕަސެންޓު ސަރުކާރު ހިއްސާ އޮތް އިރު ބާކީ އޮތް 6.2 ޕަސެންޓު ނިސްބަތްވަނީ އާންމު ހިއްސާދާރުންނަށެވެ.