Roadha Mihaaru
ޒޯޔާގެ އާ ފިލްމުގައި ރަންވީރާއި ކެޓްރީނާ

ޒޯޔާ އަޚްތަރުގެ އާ ފިލްމުގައި ރަންވީރާއި ކެޓްރީނާ

08 ޖޫން 2020

ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ އާ ފިލްމު ކެޓްރީނާ ކެއިފާއި ރަންވީރު ސިންގް އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ އާ ފިލްމު ކެޓްރީނާ ކެއިފާއި ރަންވީރު ސިންގް އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ އެ ދެ ތަރިން އަދި މިހާތަނަށް އެކީގައި ފިލްމަކުން ފެނިފައި ނުވާތީ، މި ޖޯޑު ސްކްރީނުން އެކީގައި ފެނުން ވަރަށް ހާއްސަ ކަމަކަށް ވާނެ އެވެ. އަނެއްކޮޅުން ރަންވީރާއި ކެޓްރީނާގެ ޖޯޑު އެކީގައި ފެނުން އެހާ ޝައުގުވެރިވާނެ އެއް ސަބަބަކީ ރަންވީރަކީ ކެޓްރީނާ ކުރިން ބޮޑު ވާދަވެރިއެއްގެ ގޮތުގައި ބެލި ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ އަށް ވުމެވެ.

އެއް ދުވަސްވަރެއްގައި ކެޓްރީނާއި އާއި ދީޕިކާ އަކީ ދެ ހަތުރުން ވެސް މެ އެވެ. އެއީ ދެ ތަރިން ވެސް ލޯބީގެ ގުޅުމެއް ކުރިން ބޭއްވި ރަންބީރު ކަޕޫރާ ހެދި އެވެ. ކެޓްރީނާއާ ރަންބީރު ރައްޓެހިވީ، ދީޕިކާއާ އެކު ވަރެށް ސީރިއަސް ގުޅުމެއް ބާއްވަމުން ދަނިކޮށެވެ.

ނަމަވެސް ފަހުން ރަންބީރާއި ކެޓްރީނާގެ ގުޅުމުގައި ސިއްކަ ޖެހުނު އިރު، މާޒީ ހަނދާން ނައްތާލައި ދީޕިކާ ރަންވީރުއާ ކައިވެނިކުރީ 2018 ގަ އެވެ. ކެޓްރީނާއާ ރުޅިވުމަށް ފަހު، ރަންބީރު މިހާރު ރައްޓެހިވެގެން އުޅެނީ އާލިއާ ބަޓާ އެވެ.

ކުރިން ހަސަދަވެރިކަމާއި ރުޅިވެރިކަން އޮތް ނަމަވެސް ކެޓްރީނާ އާއި ދީޕިކާގެ ގުޅުން މިހާރު ވަރަށް ރަނގަޅެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަންވީރާއި ކެޓްރީނާގެ ޖޯޑު، ޒޯޔާ ސްކްރީނަށް ގެންނަން އުޅެނީ ގޭންގްސްޓާ ފިލްމަކުންނެވެ. އަދި މިހާރު އެ ޕްރޮޖެކްޓާ ބެހޭ ގޮތުން އަންނަނީ މަޝްވަރާތައް ކުރެވެމުންނެވެ.

ޒޯޔާއާ އެކު ރަންވީރު މިހާތަނަށް ދެ ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ "ގަލީ ބޯއި" އާއި 2015 ގެ "ދިލް ދަޅަކް ނޭ ދޯ" ގަ އެވެ. އަދި ކެޓްރީނާ ވަނީ ޒޯޔާ 2011 ގައި ގެނެސްދިން "ޒިންދަގީ ނާ މިލޭދީ ދޮބާރާ" ގައި މަސައްކަތްކޮށްފަ އެވެ.

ނޫސްތަކުން ބުނިގޮތުގައި ޒޯޔާގެ އާ ފިލްމަށް ރަންވީރު މިހާރު ވެސް ފެހި ސިގްނަލް ދީފައިވާ އިރު، ކެޓްރީނާ ވެސް ފިލްމަށް ސޮއިކުރުމުގެ ފުރުސަތު ބޮޑެވެ.