Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

06 މާޗް 2020

އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާ އެކީގައި ކުޅެފައިވާ ތިން ވަނަ ފިލްމު "ސަންދީޕް އޯރް ޕިންކީ ފަރާރް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާ އެކީގައި ކުޅެފައިވާ ތިން ވަނަ ފިލްމު "ސަންދީޕް އޯރް ޕިންކީ ފަރާރް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ ދިބާކަރު ބެނަޖީ ޑައިރެކްޓްކޮށްފައިވާ ބްލެކް ކޮމެޑީއެކެވެ. ޔާޝްރާކް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށްފައިވާ "ސަންދީޕް އޯރް ޕިންކީ ފަރާރް" ގެ ކާސްޓުންގެ ތެރޭގައި ޕަންކަޖް ތުރިޕަތީ، އަރްޗަނާ ޕުރާން ސިންގް، ސަންޖޭ މިޝްރާ، ނީނާ ގުޕްތާ، ޖައިދީޕް އަހްލަވާތު، ކަންވަލްޖީތު ސިންގް އަދި އަމްރިތާ ޕޫރީ ހިމެނެ އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި މަހުގެ 20 ގަ އެވެ. "ސަންދީޕް އޯރް ޕިންކީ ފަރާރް" އަކީ ކުރިން 2018 ގައި ރިލީޒްކުރަން އުޅުނު ފިލްމެކެވެ. އެކަމަކު އެކި ސަބަބުތަކާ ހެދި ފިލްމު އެޅުވުން ލަސްވެގެން ދިޔައީ އެވެ.

މި ފިލްމަކީ ވައިއާރްއެފުން މި އަހަރު ގެނެސްދޭނެ ފުރަތަމަ ފިލްމެވެ.

ޑަބަލް ރޯލް ކުޅޭ ފިލްމަށް ސިދާތު ސޮއިކޮށްފި

ޒުވާން އެކްޓަރު ސިދާތު މަލްއުތުރާ ޑަބަލް ރޯލެއް ކުޅޭ ފިލްމަށް ސޮއިކޮށްފި އެވެ.

ނަން އަދި އިއުލާންނުކުރާ މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ތަމަޅަ އެކްޝަން ތުރިލާ "ތަޅަމް" ގެ ރިމެކެކެވެ. މީގެ ހިންދީ ފިލްމު ޕްރޮޑިއުސްކުރަނީ ޓީ ސީރީޒްގެ ބުޝަން ކުމާރާއި ޕްރޮޑިއުސަރު މުރާދު ކެތާނީ އެވެ.

މާ ބޮޑު ތަފުސީލެއް އަދި ހާމަނުކުރާ ފިލްމުގެ ޑައިރެކްޓަރަކީ ވަރުދާން ކެތުކަރެވެ. މެއި މަހުގެ ތެރޭގައި ޝޫޓިން ފަށާ ފިލްމު ސިނަމާތަކަށް ގެންނާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މިދިޔަ އަހަރު "މަރުޖާވާ" އިން ފެނިގެން ދިޔަ ސިދާތުގެ ކުރިއަށް އޮތް ފިލްމަކީ ޖުލައި 3 ގައި ގެނެސްދޭ "ޝޭރްޝާހް" އެވެ.

ގިނަ ތަރިންތަކަކާ އެކު "އަނގްރޭޒީ މީޑިއަމް" ގެ ލަވައެއް

މި މަހުގެ 13 ވަނަ ދުވަހު އަަޅުވާ އިރްފާން ޚާންގެ ފިލްމު "އަނގްރޭޒީ މީޑިއަމް" ގެ އާ ލަވައެއް ގިނަ ބަތަލާއިންތަކަކާ އެކު ދައްކާލައިފި އެވެ.

"ކުޅީ ނޫ ނަޗް ދޭ" ގެ ނަން ދީފައިވާ ލަވައިން ފެންނަ ތަރިންގެ ތެރޭގައި މިހާރު ޒުވާން ބަތަލާއިންތަކެއް ހިމެނެ އެވެ.

އޭގެ ތެރޭގައި އާލިއާ ބަޓާއި ޖާންވީ ކަޕޫރާއި އަނަންޔާ ޕާންޑޭ އާއި ކްރިތީ ސެނަނާއި އަނުޝްކާ ޝަރުމާ އާއި ކިއާރާ އަދުވާނީ އާއި ކެޓްރީނާ ކެއިފްގެ އިތުރުން "އަނގްރޭޒީ މީޑިއަމް" ގެ މުހިއްމު ރޯލެއް ކުޅެފައިވާ ރާދިކާ މަދަން ހިމެނެ އެވެ. ލަވައިގެ މިއުޒިކް ސަޗިން-ޖިގަރު ހަދައި، ވިޝާލް ދަދުލާނީއާ އެކު ލަވަކިޔާފައި ވަނީ ވެސް އެ ދެ މީހުންނެވެ.

"އަނގްރޭޒީ މީޑިއަމް" އަކީ ހޯމީ އަދަޖާނިއާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ކާސްޓްގައި ކަރީނާ ކަޕޫރް ވެސް ހިމެނެ އެވެ.

"83" ގެ ޓްރެއިލާ މި މަހުގެ 11 ގައި

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު ކަބީރު ޚާންގެ ކްރިކެޓް ފިލްމު "83" ގެ ޓްރެއިލާ މި މަހުގެ 11 ވަނަ ދުވަހު ދައްކައިލަން ނިންމައިފި އެވެ.

ޓްރެއިލާ ދައްކައިލަން މުމްބާއީގައި އެ ދުވަހު ވަރަށް ބޮޑު ހަފުލާއެއް ވެސް ބާއްވަން އަންނަނީ ތައްޔާރީތައްވަމުންނެވެ. "83" އަކީ 1983 ގެ ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ އިން ކާމިޔާބުކުރުމާއި އެކަމަށް ވި ތައްޔާރީތަކުގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. އެގޮތުން އޭރު ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލް ފިލްމުގައި ކުޅެފައި ވަނީ ރަންވީރު ސިންގެވެ.

މި ފިލްމުވެގެން ދާނީ ކައިވެންޏަށް ފަހު ރަންވީރާއި އަންހެނުން ދީޕިކާ ޕަދްކޯންގެ ޖޯޑު ވެސް އެކީގައި ފެންނާނެ ފިލްމަކަށެވެ.

"83" އަކީ ވަރަށް ބޮޑު ކާސްޓެއް ފެނިގެންދާ ފިލްމެކެވެ. ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 10 ގަ އެވެ.