Roadha Mihaaru
ދެ ސްކޮލަޝިޕެއްގައި ކިޔަވަން ހުޅުވާލައިފި

ރައީސްގެ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕްގައި ކިޔަވަން ހުޅުވާލައިފި

31 މެއި 2020

ރައީސްގެ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިްގައި ކިޔެވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސްގެ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިްގައި ކިޔެވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ އަހަރު މަތީ ސާނަވީ ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން، ދެ ސްކޮލަޝިޕަށް ވެސް ޝަރުތު ހަމަވާ ދަރިވަރުންނަށް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފަށަންޖެހޭނެ ކަމަށެވެ.

ސީދާ ސްކޮލަޝިޕް ހޯދުމަށް ވަކިން ހުށަހަޅާކަށް ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި ދަރިވަރު ކިޔަވަން ހަމަޖައްސާފައިވާ ޔުނިވާސިޓީ އާއި ކޯހާ ގުޅޭ ފުރިހަމަ މައުލޫމާތު ހުށަހަޅަންޖެހޭނެ އެވެ. އެކަމަށް ވަކި ތާރީހެއް ނެތެވެ.

ރައީސްގެ ސްކޮލަޝިޕް 2017 ވަނަ އަހަރުން ފެށިގެން ދެމުން އަންނަނީ އޭ ލެވެލް އިން ފަސް މާއްދާ އިން އޭ ސްޓާ ހޯދައިގެން މުޅި ރާއްޖެއިން އެއްވަނަ ހޯދާ ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހާސިލްކޮށްފައިވާ ދަރިވަރުންނަށެވެ. ދުނިޔޭގެ ބޭނުން ތަނަކުން ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު އެ ސްކޮލަޝިޕް ސްކީމުން ލިބޭނެ އެވެ.

އޭގެ ބަދަލުގައި މީގެ ތިން އަހަރު ކުރިން އަލަށް ތައާރަފުކުރި ހައި އެޗީވާސް ސްކޮލަޝިޕް ދެމުން އަންނަނީ ފަސް މާއްދާއިން އޭ ހޯދާ ދަރިވަރުންނަށް ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ހާސިލްކޮށްފައިވާ ދަރިވަރުންނަށެވެ.

އެ ސްކީމްގެ ދަށުން ސާކުގެ ގައުމުތަކާއި މެލޭޝިޔާ، ތައިލެންޑު، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ގައުމުތަކުގައި މަތީ ތައުލީމް ހާސިލްކުރެވޭނެ އެވެ. ދަރިވަރުންނަށް އިހުތިޔާރުކުރެވޭނީ ވެސް، ހުރިހާ ދާއިރާއެއް ކަހަލަ ގޮތަކަށް ހިމެނޭ ނޭޝަނަލް ޓްރެއިނިން ނީޑްސް ލިސްޓުގައި ހިމެނޭ ކޯހެކެވެ.

މިނިސްޓްރީން ބުނީ މައި އެޑިއުގެ ޕޯޓަލް، myedu.egov.mv މެދުވެރިކޮށް ކޯސްތަކުގެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ. ސްކޮލަޝިޕްގެ އުސޫލު މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެ އެވެ.