Roadha Mihaaru
އެމްޑަބްލިއުއެސްސީން ތިން ރަށެެއްގެ ހިދުމަތް އާއްމު ހާލަތަށް

އެމްޑަބްލިއުއެސްސީން ތިން ރަށެެއްގެ ހިދުމަތް އާއްމު ހާލަތަށް ގެނެސްފި

31 މެއި 2020

ރ. ދުވާފަރާއި ކ. މާފުއްޓާއި ހދ. ކުޅުދުއްފުށީގައި އެމްޑަބްލިއުއެސްސީން ދެމުން އައި ހިދުމަތްތައް އާއްމު ހާލަތަކަށް ގެނެސްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރ. ދުވާފަރާއި ކ. މާފުއްޓާއި ހދ. ކުޅުދުއްފުށީގައި އެމްޑަބްލިއުއެސްސީން ދެމުން އައި ހިދުމަތްތައް އާއްމު ހާލަތަކަށް ގެނެސްފި އެވެ.

މާލެ އާއި އަތޮޅުތަކުގައި ކޮވިޑް-19 ފެތުރޭތީ އެމްޑަބްލިއުއެސްސީން އެ ކުންފުނީގެ މުވައްޒަފުންގެ ރައްްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އެޅި އެވެ. މީގެ ތެރޭގައި ބިލް ތައްޔާރު ކުރުމަށް ކަސްޓަމަރު އަމިއްލައަށް ފޮޓޯ ނަގައި ފޮނުވުމާއި އޮންލައިންކޮށް އެކަނި ބިލް ޕޭމަންޓު ބަލައިގަތުން ހިމެނެ އެވެ.

ނަމަވެސް މާލެ ސަރަހައްދުގެ ލޮކްޑައުންއަށް މި މަހުގެ 28ގައި ދީފައިވާ ލުއިތަކާ އެކު ދުވާފަރާއި ކުޅުދުއްފުއްޓާއި މާފުށީގެ ހިދުމަތް ކުރިއެކޭ އެއްގޮތަށް އާއްމު ހާލަތަށް ބަދަލު ކުރަން ނިންމީ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. އަދި މި ތިން ރަށުގެ ހިދުމަތަށް އިތުރަށް ބަދަލެއް ގެންނާނީ ކަމާ ބެހޭ ފަރާތްތަކުން ވަކި ގޮތެއް އެންގުމުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ތިން ރަށުގެ ހިދުމަތް އާއްމު ހާލަތަށް ގެނައި ނަމަވެސް މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ދެމުން އަންނަ ހިދުމަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ލޮކްޑައުން ލުއި ކުރީ ލަފާކުރި އަދަދަށް މީހުން ޕޮޒިޓިވް ނުވުމާއި ގިނަ ބަޔަކު ބަންދުގައި އުފުލަން ޖެހޭ ތަކުލީފްތަކާ ގުޅިގެންނެވެ.