Roadha Mihaaru
ސަލްމާންގެ އީދު ހަދިޔާ އަކީ އަމިއްލަ ސެނިޓައިޒާއެއް

ސަލްމާން ޚާންގެ އީދު ހަދިޔާ އަކީ އަމިއްލަ ސެނިޓައިޒާއެއް

26 މެއި 2020

ފިތުރު އީދު ހަދިޔާއެއްގެ ގޮތުގައި މި ފަހަރު ސަލްމާން ޚާންގެ އާ ފިލްމު "ރާދޭ" ނުގެނެސްދެވުނަސް، އެއަށް ވުރެ ބޭނުންތެރި ހަދިޔާއެއް އޭނާ ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިތުރު އީދު ހަދިޔާއެއްގެ ގޮތުގައި މި ފަހަރު ސަލްމާން ޚާންގެ އާ ފިލްމު "ރާދޭ" ނުގެނެސްދެވުނަސް، އެއަށް ވުރެ ބޭނުންތެރި ހަދިޔާއެއް އޭނާ ދީފި އެވެ.

ސަލްމާންގެ މި ފަހަރުގެ އީދު ހަދިޔާ އަކީ އޭނާގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "ފްރެޝް" ގެ ހޭންޑް ސެނިޓައިޒާއެކެވެ. މިއީ މިހާރު މިއޮތް ނުރައްކާތެރި ބަލި ކޮވިޑް-19 އިން ރައްކާތެރިކަން ހޯދުމުގެ ގޮތުން އަތުގެ ސާފުތާހިރުކަން ދަމަހައްޓަން މި ވަގުތަށް އެންމެ މުހިއްމު އަސާސީ އެއް ބާވެތެވެ.

"ފްރެޝް" ނެރެފައި ވަނީ ރީތިވާ ސާނާމު އުފައްދާ ކުންފުންޏެއް ކަމަށްވާ އަދި އާންމުންގެ މެދުގައި ބްރޭންޑެއްގެ ގޮތުގައި މަޝްހޫރު ސެންޝަލްސްއާ ގުޅިގެންނެވެ. ސަލްމާނާއި އެ ކުންފުނި ގުޅިގެން ތައްޔާރުކުރި ސެނިޓައިޒާގެ ދެ ސައިޒެއްގެ ފުޅި ތައާރަފުކޮށްފައިވެ އެވެ. އަދި ފުޅީގެ ބޭރުގައި އޭނާގެ ފޮޓޯ ވެސް ޖަހާފައިވެ އެވެ.

ސަލްމާން ބުނިގޮތުގައި މިއީ އޭނާގެ އަމިއްލަ ގްރޫމިން ޕްރޮޑަކްޓްސްތަކެއް ނެރެން ކުރަމުން އަންނަ މަސައްކަތުގެ ފުރަތަމަ ބައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެކި ބާވަތުގެ އުފެއްދުންތައް ނެރޭނެ ކަމަށް ބުންޏެވެ.

އޭނާ ބުނީ "ފްރެޝް" ގެ މައިގަނޑު އެއް ބޭނުމަކީ ފެންވަރު ރަނގަޅު މުހިއްމު ގިނަ އުފެއްދުންތަކެއް ހުރިހާ ފަންތިއެއްގެ މީހުން ވެސް އަތްފޯރާ އަގެއްގައި ލިބޭނެ ގޮތް ހަދައިދިނުމެވެ. މި މަސައްކަތާ ބެހޭ ގޮތުން ސަލްމާން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ "ފްރެޝް" ގެ އުފެއްދުންތަކަކީ ގިނަ ބަޔަކަށް ކަމުދާނެ އެއްޗަކަށާވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި frshworld.com ވެބްސައިޓުން މިހާރު ސެނިޓައިޒާ ގަންނަން ލިބޭނެ ކަމަށް ބުންޏެވެ.

އަމިއްލަ ސެނިޓައިޒާއެއް ނެރުނު އިރު، ސަލްމާނަކީ "ބީން ހިއުމަން" ލޭބަލްގެ ދަށުން ވެސް އެތައް ވިޔަފާރިއެއްކުރަމުން އަންނަ ތަރިއެކެވެ. އޭގެ ތެރޭގައި އަންނައުނާއި ބައިސްކަލާއި ކަސްރަތުކުރާ ސާމާނު ފަދަ އެއްޗެހި ހިމެނެ އެވެ. އަދި "ބީން ހިއުމަން" ގެ ދަށުން އިންސާނިއްޔަތަށް އޭނާ ހިލޭ ސާބަހަށް އެތައް މަސައްކަތެއްކުރެ އެވެ.