Roadha Mihaaru
ތައިލެންޑުގެ އިތުރު 148 މީހަކު ފުރުވާލައިފި

ތައިލެންޑުގެ އިތުރު 148 މީހަކު ފުރުވާލައިފި

17 މެއި 2020

ރާއްޖޭގައި އުޅޭ ތައިލެންޑް މީހުންގެ ތެރެއިން އެ ގައުމަށް އެނބުރި ދާން ބޭނުންވާ 148 މީހަކު މިއަދު ފުރުވާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭގައި އުޅޭ ތައިލެންޑް މީހުންގެ ތެރެއިން އެ ގައުމަށް އެނބުރި ދާން ބޭނުންވާ 148 މީހަކު މިއަދު ފުރުވާލައިފި އެވެ.

ރާއްޖޭގައި ހުންނަ ތައިލެންޑްގެ އޮނަރަރީ ކޮންސިއުލޭޓުން ބުނީ، އެ މީހުން ގައުމަށް ގެންދިޔައީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓާކޮށްގެން ކަމަށެވެ. މިއީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ތާށިވެފައި ތިިބި ތައިލެންޑް މީހުން ގެންދަން މިހާތަނަށް ކުރި ތިން ވަނަ ދަތުރެވެ.

ރާއްޖޭގައި ހުންނަ ރޯޔަލް ތައި ހޮނަރަރީ ކޮންސިއުލޭޓް އިން މިއަދު ކުރި ޓްވީޓެއް

ރާއްޖޭގައި އުޅޭ ތައިލެންޑް މީހުން އެ ގައުމަށް އެންމެ ފުރަތަމަ ގެންދިޔައީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. ކޮންމެހެން ބޭނުންވާ މުދަލާއި ތަކެތި ގެންނަން ތައިލެންޑަށް ކުރި ދަތުރެއްގައި އެ ދުވަހު 55 މީހަކު ގެންދިޔަ އެވެ. އޭގެ ފަހުން މި މަހުގެ ހަތަރު ވަނަ ދުވަހު، އިތުރު ޗާޓާ ފްލައިޓެއްގައި 131 މީހަކު ފޮނުވާލި އެވެ. މިހާތަނަށް 364 މީހަކު ވަނީ ގެންގޮސްފަ އެވެ.

ތައިލެންޑަށް ދާން ބޭނުންވާ އެ ގައުމުގެ މީހުން، އެކަމަށް އެދި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ދުވަހަކީ މިއަދެވެ.

ތައިލެންޑްގެ އިތުރުން އެހެން ގައުމުތަކުން ވެސް، އެ ގައުމުގެ ރައްޔިތުން އަނބުރާ ގެންދިއުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އިންޑިއާ އިން ވެސް ވަނީ ރާއްޖޭގައި އުޅޭ އެ ގައުމުގެ ގާތްގަނޑަކަށް މީހުންގެ ތެރެއިން މިހާތަނަށް 1،448 މީހަކު ގެންގޮސްފަ އެވެ.