Roadha Mihaaru
މާދަމާއިން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވާނެ: މެޓް

މާދަމާ އިން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވާނެ: މެޓް އޮފީސް

16 މެއި 2020

މާދަމާ އިން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާދަމާ އިން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް "މިހާރު" އަށް ވިދާޅުވީ، މިއަދު ރާއްޖެ އަށް ބޯކޮށް ވާރޭ ނުވެހޭނެ ކަމަށެވެ. ނަމަވެސް މާދަމާ އިން ފެށިގެން އަނެއްކާ ވެސް ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. ކުރިއަށް އޮތް ދެތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.

ހާފިޒް ވިދާޅުވީ މިއަދު ބޯކޮށް ވާރޭ ނުވެހުނު ނަމަވެސް ވައި ގަދަވެ، ގަޑިއަކު 18-25 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭ އިރު، ވިލާގަނޑުގައި ގަޑިއަކު 50-55 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އެހެންކަމުން ކަނޑު ގަދަވާނެ ކަމަށާއި ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކުރެއްވި އެވެ.

"އެ ސައިކްލޯން ރާއްޖެއާ ދުރަށް ދަތުރުކުރަމުން އެ ދަނީ، ނަމަވެސް ދަތުރުކުރަމުންދާ އިރު އިތުރަށް ބާރު ގަދަ ވޭ. އެހެންވެ، ދުރަށްދާ ވަރަކަށް ބޮޑަށް އަސަރުކުރަނީ،" ހާފިޒް ވިދާޅުވި އެވެ.

"ދިޔަވަރު ބޮޑުވާ ވަގުތު ރަށްރަށަށް އުދަ އެރުން ވެސް އެކަށީގެންވޭ. އެކަމަށް ސަމާލުކަން ދިނުން މުހިއްމު،" ހާފިޒް ވިދާޅުވި އެވެ.

މި ސަރަހައްހަދަށް މި ދުވަސްވަރު ވައި ބާރުވެފައި ވަނީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށާއި އެ ކޮޅިގަނޑު މިއަދު ހަވީރު ސައިކްލޯނަކަށް ބަދަލުވާނެ ކަމަށް ހާފިޒު ވިދާޅުވި އެވެ. އަދި މާދަމާ ސިވިއާ ސައިކްލޯނަކަށް ބަދަލުވާނެ ކަމަށް ވިދާޅުވި އެވެ.

"އެ ސައިކްލޯން ރާއްޖެއާ ދުރަށް ދަތުރުކުރަމުން އެ ދަނީ. ނަމަވެސް ދަތުރުކުރަމުންދާ އިރު އިތުރަށް ބާރު ގަދަވޭ. އެހެންވެ، ދުރަށްދާ ވަރަކަށް ބޮޑަށް އަސަރުކުރަނީ،" އޭނާ ވިދާޅުވި އެވެ.

އެ ސައިކްލޯންއާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއްޔެ އޮރެންޖް އެލާޓް ވެސް ނެރުނެވެ.

މެޓް އޮފީހުން އިއްޔެ ނެރުނު ޓްވީޓެއް

ފުރަތަމަ ފަހަރަށް ރާއްޖޭގައި އޮރެންޖް އެލާޓް އިއްޔެ ނެރުނީ، މެޓް އޮފީހުން ބޭނުންކުރަމުން އައި ސިސްޓަމަށް ބަދަލެއް އައުމުން ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން ގެންގުޅުނު ސިސްޓަމްގައި ހުރީ ހަތަރު ކުލަ އެލާޓް (ފެހި، ހުދު، ރީނދޫ އަދި ރަތް) ކަމަށާއި ނަމަވެސް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބޭނުންކުރަމުން އައި ސިސްޓަމަށް މިހާރު ވަނީ އޮރެންޖް ކުލަ އިތުރުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.