Roadha Mihaaru
ހުރިހާ ރަށެއްގައި ވެސް ޕީޕީއީ ހުންނާނެ: މަބްރޫކް

އެއްވެސް ރަށެއްގައި ރައްކާތެރި ސާމާނު ހުސްވެފައެއް ނުހުންނާނެ: މަބްރޫކް

06 މެއި 2020

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 600 އަށް މިއަދު އަރައިފި އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 600 އަށް މިއަދު އަރައިފި އެވެ.

އެޗްޕީއޭ އިން ދެންމެ ހާމަކުރި ހިސާބުތަކަށް ބަލާއިރު މިއަދުގެ ހަވީރު 4:30 އާ ހަމައަށް ވަނީ 618 މީހަކު ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. މިއަދުގެ އެ ވަގުތާ ހަމައަށް އެކަނި ވެސް 43 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

އެޗްޕީއޭ އިން ބުނީ، މިއަދު ޕޮޒިޓިވްވީ ބަންގްލަދޭޝްގެ 35 މީހަކާއި އަށް ދިވެއްސަކާއި އިންޑިއާގެ ދެ މީހެއް ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން އުޅޭ މީހުން ކަމަށް އެ އިދާރާ އިން ބުނެ އެވެ.

މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް އެންމެ ގިނައިން ޕޮޒިޓިވް ވެފައި ވަނީ ބަންގްލަދޭޝްގެ މީހުންނެވެ. މިއަދުގެ ހަވީރާ ހަމައަށް އެ ގައުމުގެ 325 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ދިވެހިން ތެރެއިން ޕޮޒިޓިވްވީ 213 މީހެކެވެ. އިންޑިއާގެ މީހުންގެ އަދަދަކީ 54 އެވެ. މިއީ ރާއްޖެ އިން އެންމެ ގިނައިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ނިސްބަތްވާ ގައުމުތަކެވެ. ދެން އުޅެނީ ސްރީ ލަންކާ އާއި ޕާކިސްތާނާއި ނޭޕާލާއި އިޓަލީގެ މީހުންނެވެ.

މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް ރާއްޖެ އިން 618 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު 20 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ދެ މީހަކު ވަނީ މަރުވެފަ އެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެއްސަކާއި 33 އަހަރުގެ ބަންގްލަދޭޝްގެ މީހެކެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި އިސްވެ މަސައްކަތް ކުރާ ސިއްހީ އޮފިޝަލުން ދެއްވާ މައުލޫމާތުތަކުގެ އަލީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހޯމަ ދުވަހު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގައި ރާއްޖޭގައި އެ ބަލި ފެތުރޭ މިންވަރު މައްޗަށް ހިނގައިދާނެ ކަމަށެވެ. އެހެންވެ، ވިސްނުންތެރިކަމާއި ފަރުވާތެރިކަމާ އެކު އެ މުއްދަތުގައި މަސައްކަތް ކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.