Roadha Mihaaru
ކޮވިޑް ފަރުވާ އަށް ޓްރީ ޓޮޕް ސަރުކާރަށް ދޫކޮށްލައިފި

ދަރުމަވަންތަ އަށް ބާރު ބޮޑުވާތީ ކޮވިޑް ފަރުވާ އަށް ޓްރީ ޓޮޕް ސަރުކާރަށް ދޫކޮށްލައިފި

30 އެޕްރީލް 2020

މާލެތެރޭގައި، ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރި، ކޮންމެ ދުވަހަކު ޕޮޒިޓިވްވާ ގިނަ މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، ޓްރީ ޓޮޕް ހޮސްޕިޓަލް ސަރުކާރަށް މިވަގުތަށް ދޫކުރަން ނިންމައި އެ ތަނުގެ މުވައްޒަފުންނަށް މިއަދު އެކަން އަންގައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލެތެރޭގައި، ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރި، ކޮންމެ ދުވަހަކު ޕޮޒިޓިވްވާ ގިނަ މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، ޓްރީ ޓޮޕް ހޮސްޕިޓަލް ސަރުކާރަށް މިވަގުތަށް ދޫކުރަން ނިންމައި އެ ތަނުގެ މުވައްޒަފުންނަށް މިއަދު އެކަން އަންގައިފި އެވެ.

ކޮވިޑް-19 ގައި އެންމެ ހާލު ބޮޑުވާ މީހުންގެ ފަރުވާ އަށް ޚާއްސަކުރި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފްލޯ (ޑީއެޗް11) އެވެ. އެތަނަށް ބޮޑުވެއްޖެ ނަމަ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށަން، އެ ހޮސްޕިޓަލާއި ސަރުކާރާ ދެމެދު ކުރިން ވެސް އޮތީ މަޝްވަރާ ކޮށް، އެއްބަސްވެފަ އެވެ.

އެ އެއްބަސްވުމާ އެއްގޮތަށް، ހޮސްޕިޓަލް ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި ހަވާލުކުރަން ވާން ޖެހޭ ތައްޔާރީތައް ފަށާފައިވާ ކަން ހޮސްޕިޓަލްގެ މެނޭޖްމެންޓުން މުވައްޒަފުންނަށް ވަނީ އަންގައިފަ އެވެ.

މާލެ އިން މިއަދު އެކަނި ވެސް 116 މީހުން ޕޮޒިޓިވްވެފައިވާ އިރު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަސް މީހަކަށް ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗުގެ ނެޝަނަލް ރެސްޕިރޭޓަރީ ޑިޕާޓްމެންޓްގެ ހެޑް، ޑރ. މޫސާ ހުސެއިން ރޭ ވަނީ ވިދާޅުވެފަ އެވެ.

އޭގެ ފަހުން، ކޮވިޑަށް ޕޮޒިޓިވްވެ ރާއްޖެ އިން އެންމެ ފުރަތަމަ މަރުވި އައިމިނަތު އާދަމްގެ ފިރިމީހާ ވެސް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދު އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކަމަށް ވެ އެވެ.

ދަރުމަވަންތާގައި ހުރީ އެއްފަހަރާ 10 މީހަކު އެޑްމިޓްކޮށްގެން ފަރުވާދެވޭނެ އިންތިޒާމެވެ.

ޓްރީ ޓޮޕްގައި ކޮވިޑް-19 އަށް ފަރުވާދޭނެ ފެށުމާ އެކު އެތަނުގައި އިތުރު އެއްވެސް ބައްޔަކަށް ފަރުވާއެއް ނުދޭނެ އެވެ. މިކަމުގައި ޓްރީ ޓޮޕްގެ ބަހެއް އަދި ނުލިބެ އެވެ.

ކޮވިޑް-19ގެ ހައި ރިސްކު މީހުންނަށް ފަރުވާދޭން ހަމަޖައްސާފައި ވަނީ ފަރުކޮޅުފުށީގަ އެވެ. މީގެ އިތުރުން ވެސް ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބައިގެން ފަރުވާ ދިނުމަށްފަހު ދަރުމަވަންތަ އާއި ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރާނީ ހާލު ސީރިއަސްވާ މީހުންނެވެ.

އާއްމުންގެ ތެރެއަށް ބަލި ފެތުރިއްޖެ ހާލަތެއްގައި އެއްފަހަރާ އެތައް ބަޔަކަށް ފަރުވާދެވޭނެ ވަސީލަތްތަކެއް ރާއްޖޭގައި ނެތް ކަމަށް ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިން ކުރިން ވެސް ގެންދެވީ ވިދާޅުވަމުންނެވެ. އެފަދަ ހާލަތެއްގައި މިހާރު ހުރި އެނދުތަކުން، އޮކްސިޖަން، ވެންޓިލޭޓަރަކުން ނުފުދޭ އިރު އެވަރަށް އެޓެންޑްވާކަށް ޑޮކްޓަރުންނާއި ނަރުހުން ނުތިބޭނެ ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވި އެވެ.

އެހެންވެ މި ބަލީގައި އެންމެ މުހިއްމު ފަރުވާ އަކީ ގޭގައި ތިބުން ކަމަށް އެޗްޕީއޭ އިން ވެސް އައީ ނަސޭހަތްތެރިވަމުންނެވެ.

ސަރުކާރުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލް ހުންނަ ސަރަހައްދުގައި ވަގުތީ ހޮސްޕިޓަލެއް ވެސް ހަދަމުންނެވެ. "ކޮވިޑް-19 ވިލެޖު" ނަމުގައި ތަރައްގީކުރާ ތަން ނިމުމަކާ ގާތްވެފައި ވަނިކޮށް މަސައްކަތް ހުއްޓުނީ އެތަން ހެދުމުގައި އިސްކޮށް އުޅޭ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.