Roadha Mihaaru
މާފު ދިން މީހުން މަގުމަތިވި ސަބަބާ މެދު ސުވާލު

ކަރެކްޝަންސް އިން ބުނަނީ މާފު ދިން މީހުން ގެއާ ހަމައަށް ގެންގޮސްދިން ކަމަށް

25 އެޕްރީލް 2020

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިދިޔަ ހަފުތާގައި މާފު ދެއްވި ގައިދީން ދިރިއުޅޭ ގެތަކާ ހަމައަށް، ކަރެކްޝަނަލް ސާވިސް އިން ގެންދިޔަ ކަމަށާއި އެހެންވެ، އެ މީހުން ވަންނާނެ ގެދޮރެއް ނެތި މަގުމަތިވާން ޖެހުނީ ކީއްވެ ކަމާ މެދު އެ އިދާރާ އިން ސުވާލު އުފައްދައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިދިޔަ ހަފުތާގައި މާފު ދެއްވި ގައިދީން ދިރިއުޅޭ ގެތަކާ ހަމައަށް، ކަރެކްޝަނަލް ސާވިސް އިން ގެންދިޔަ ކަމަށާއި އެހެންވެ، އެ މީހުން ވަންނާނެ ގެދޮރެއް ނެތި މަގުމަތިވާން ޖެހުނީ ކީއްވެ ކަމާ މެދު އެ އިދާރާ އިން ސުވާލު އުފައްދައިފި އެވެ.

ކޮރޯނާވައިރަހުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މި މަހުގެ 15 އިން ފެށިގެން މާލެ ލޮކްޑައުން ކުރުމުން ހާލުގައި ޖެހިގެން، ސަރުކާރުން ވަގުތީ ހިޔާތަކަށް ގެންދިޔަ މީހުންގެ ތެރޭގައި ޖަލު ބަންދުން ދޫކޮށްލި މީހުން ވެސް ހިމެނެ އެވެ. ވަގުތީ ހިޔާތަކުގައި ދިރިއުޅެނީ އުޅޭނެ ތަނެއް ނުވަތަ ކައިބޮއި ހެދޭނެ ގޮތެއް ނެތް މީހުންނެވެ.

އަދަބު ލުއިކޮށް، 105 ގައިދީއެއް މި މަހުގެ 18 ވަނަ ދުވަހު ދޫކޮށްލީ، ކޮރޯނާވައިރަސްގެ ނުރައްކާ ބޮޑުވެ ބަންދުގައި ތިބޭ މީހުންނާ ގުޅޭ ކަންކަން ކުރާ މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

ޖަލުން ދޫކޮށްލި 11 މީހަކު ވަގުތީ ހިޔަލުގައި ދިރިއުޅެމުން ދާ މައްސަލައިގައި، ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ މީގެ ކުރިން ޖަލުން މީހުން ދޫކުރާއިރު، އެ މީހުން ދިރިއުޅޭނެ ތަނެއް ހުރިތޯ އެތަނުން ނުބަލާ ކަމަށެވެ. އެކަމަކު މި ފަހަރު ސީދާ ޖަލުން ދޫކޮށްލުމުގެ ބަދަލުގައި ކަރެކްޝަނަލް ސާވިސްގެ ވެހިކަލްގައި އެ މީހަކު ދިރިއުޅޭ ތަނަކަށް ބޭލި ކަމަށް އޭނާ ވިދާޅުވި އެވެ.

ގައިދީންނަށް ލުއި ދިނުމުގައި ސިއްހީ ނުރައްކަލުގެ މި ކުއްލި ހާލަތުގައި އެ މީހުން ދިރިއުޅޭނެ ތަންތަނުގެ ހާލަތު ވެސް ބަލާފައިވާ ކަމަށް ކުރިން ހޯމް މިނިސްޓްރީން ބުނެފައި ވެ އެވެ.

"ދެން ވެދާނެ އެ ގޭގައި ހުރެވޭނެ ގޮތެއް ނެތިގެން މަގުމަތިވީ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ގައިދީންނަށް ލުއި ދިނުމުގައި، ރިހިބިލިޓޭޓްކޮށް އަލުން މުޖުތަމައަށް ނެރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ، އޭގެ ނަތީޖާ ހާސިލް ކުރެވުނު މިންވަރާއި އެ މީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކާ އޮތް މިންވަރާއި އެ މީހުން ކޮށްފައިވާ ކުށުގެ ބާވަތާއި ވަށަައިގެންވާ އެހެން ކަންތައްތައް ވެސް ވަނީ ބަލައިފަ އެވެ.

ކޮރޯނާވައިރަހާ ހެދި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން، ހާލުގައި ޖެހިގެން 100 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ވަނީ ގެންގޮސްފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުން ހުރި މީހުންނެވެ.