Roadha Mihaaru
ބޭރުން ހޯދަނީ 215 މިލިއަން ޑޮލަރު: ފިނޭންސް

ބޭރު ގައުމުތަކުން 215 މިލިއަން ޑޮލަރު ހޯދަން ސަރުކާރުން މަސައްކަތް ކުރަނީ

23 އެޕްރީލް 2020

ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް ފެތުރި، ކުރިމަތިވެފައިވާ އިގްތިސޯދީ ދަތިތަކުން އަރައިގަތުމަށްޓަަކައި ބޭރުގެ މާލީ އިދާރާތަކުން 215 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިިނސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް ފެތުރި، ކުރިމަތިވެފައިވާ އިގްތިސޯދީ ދަތިތަކުން އަރައިގަތުމަށްޓަަކައި ބޭރުގެ މާލީ އިދާރާތަކުން 215 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިިނސްޓްރީން މިއަދު ބުނެފި އެވެ.

ރާއްޖޭގެ އިގްތިސާދާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރާ ގުޅޭ ގޮތުން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނީ، މާލީ އެހީތެރިކަން ހޯދުމަށްޓަކައި ސަރުކާރުން މާލީ އެކި ދާއިރާތަކާ އެކު އަންނަނީ މަޝްވަރާ ކުރަމުން ކަމަށެވެ. މީގެ ތެރެއިން ބައެއް އެހީތައް މިހާރު ވަނީ ލިބިފަ އެވެ.

މިހާތަނަށް މީގެ ތެރޭގައި ވޯލްޑް ބޭންކުން ހޯދާ، 30 މިލިއަން ޑޮލަރާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ 27 މިލިއަން ޑޮލަރާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކުން ފަސް މިލިއަން ޑޮލަރާއި އިންޓަނޭޝަނަލް މޮަނިޓަރީ ފަންޑް (އައިއެމްއެފް) އިން ހޯދާ 30 މިލިއަން ޑޮލަރާއި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިން ހޯދާ 20 މިލިއަން ޑޮލަރެވެ. އަދި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ހޯދާ 50 މިލިއަން ޑޮލަރާއި ސާކް ޑިވެލޮޕްމެންޓް ފަންޑުން ހޯދާ 1.5 މިލިއަން ޑޮލަރާއި ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ހަތަރު ލައްކަ ޑޮލަރާއި ޔުނިސެފުން ހޯދާ 180،000 ޑޮލަރާއި އެޗްއެސްބީސީ އެސްޓީއޯ ޓްރޭޑް ފައިނޭންސް ފެސިލިޓީން ހޯދާ 25 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މާލީ އިދާރާތަކުގެ އިތުރުން ރަހުމަތްތެރި ގައުމުތަކާ އެކު ބައިލެޓްރަލް ގުޅުންތަކުގެ ތެރެއިން ފައިސާ އާއި ހިލޭ އެހީ ހޯދުމުގެ މަސައްކަތްތައް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އިންތިހާ އަށް ދަށްވުމާ އެކު މާލީ ގޮތުން ބޭރުގެ އެހީތަކަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭ ހާލަތަކަށް ވަނީ ގޮސްފަ އެވެ. ސިއްހީ ކަންކަމަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުވުމާ އެކު، ސަރުކާރުން ވަނީ ކުރިން ބަޖެޓުގައި ޖެހި ކެޕިޓަލް ހަރަދުތަކާއި ބައެއް ރިކަރެންްޓް ހަރަދުތައް ވެސް ކުޑަކޮށްފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ، މި ހާލަތުގައި ބޮންޑް ނުވަތަ ސުކޫކާއި ޓީބިލް ވިއްކައިގެން މާލީ ފައިދާ ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ