Roadha Mihaaru

ކަރާ ފަދަ ބާވަތްތައް އެސްޓީއޯ އިން މި ވަގުތު ނުގަންނާނެ

ދަނޑުވެރިން ހައްދާ ތަކެތީގެ ތެރެއިން އެސްޓީއޯއިން މިވަތުތު ގަންނާނީ ފުޑް ސެކިއުރިޓީއަށް ބޭނުންވާ ތަކެތި ކަމަށާއި އޭގެ ތެރޭގައި ކަރާ ނުހިމެނޭ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ކަރާ ފަދަ ބާވަތްތައް އެސްޓީއޯއިން މިވަގުތު ނުގަންނާނެ
އިދުހާމް ނައީމް
އިދުހާމް ނައީމް

21 އެޕްރީލް 2020

ދަނޑުވެރިން ހައްދާ ތަކެތީގެ ތެރެއިން އެސްޓީއޯއިން މިވަތުތު ގަންނާނީ ފުޑް ސެކިއުރިޓީއަށް ބޭނުންވާ ތަކެތި ކަމަށާއި އޭގެ ތެރޭގައި ކަރާ ނުހިމެނޭ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އަމްރު ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތަށް ބަލައި އެސްޓީއޯއިން ދަނޑުވެރިން އަތުން ގަންނަ ތަކެއްޗަށް ވެސް ބަދަލު އައިސްފައިވާ ކަމަށެވެ. ކުރިން ދަނޑުވެރިން ހައްދާ ގިނަ ތަކެތި ގަންނަން އެ ކުންފުނިން ނިންމި ނަމަވެސް މިހާރު ގަންނާނީ ހަމައެކަނި ފުޑް ސެކިއުރިޓީއަށް ބޭނުންވާ ތަކެތި ކަމަށް އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ކަރާ ފަދަ ފޮނި ތަކެއްޗަކީ ކައި ނިމިގެން އަނގަ ފޮނިކޮށްލަން ބޭނުންކުރާ އެއްޗިއްސަށް ވާތީ އެފަދަ ތަކެތި ގަތުމުގެ ވިސްނުން މިހާރު އެސްޓީއޯއިން ނުގެންގުޅޭ ކަމަށެވެ. އެކަމަކު އެފަދަ ތަކެތި ރައްޔިތުންނަށް ފޯރުކޮށްދޭން އިކޮނޮމިކް މިނިސްޓްރީން ޕްލޭނެއް ތައްޔާރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ކަރައަކީ ވަރަށް ފަސޭހައިން ހެއްދޭ އެއްޗަކަށް ވާތީވެ ވަރަށް ގިނަ އަދަދަކަށް ހައްދާ. އެކަމަކު އެއީކީ ހަގީގަތުގައި ފުޑް ސެކިއުރިޓީއަަށް ބޭނުންވާ އެއްޗެއް ނޫން. އެހެންވީމާ އަޅުގަނޑުމެން އެއަކަށް ފޯކަސްއެއް ނުކުރަން،" އަމްރު ވިދާޅުވި އެވެ.

ދެކުނު އޭޝިއާގައި ހަނޑުލަކީ އެންމެ ގިނައިން ބޭނުން ކުރާ ކާނާގެ ބާވަތްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ރާއްޖޭން ހަނޑޫ ބޭނުން ކުރާ މިންވަރު މަދު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން، ފަލަމަޑީގެ ބާވަތްތައް އުފައްދާ މިންވަރު ގިނަކޮށް އެއަށް ބަރޯސާ ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އުފެއްދޭނެ ފަލަމަޑީގެ ބާވަތްތަކުގެ ތެރޭގައި އަލަޔާއި ކައްޓަލަ އާއި ބަނބުކެޔޮ ފަދަ ބާވަތްތައް ހިމެނެ އެވެ. މި ބާވަތްތައް ހައްދާ މިންވަރު ގިނަކުރުމަށް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

"އެކި ގައުމުތަކުގެ ސްޓޭޕަލް ފުޑް ތަފާތު. ރާއްޖޭގައި ހަނޑޫ ކޮންމެވެސް ވަރަކަށް ހެއްދުނު ނަމަވެސް ލާޖް ސްކޭލްކޮށް އެ ނުހެއްދޭނެ. އެހެންކަމުން އެއީ ސްޓޭޕަލް ފުޑް ކަމަށް ހަދައިފި ނަމަ ފުޑް ސެކިއުރިޓީއެއް ނޯންނާނެ،" އަމްރު ވިދާޅުވި އެވެ.

ދަނޑުވެރިން ހައްދާ ފުޑްސެކިއުރިޓީގެ ބައިގައި ހިމެނޭ ތަކެތި އެސްޓީއޯއިން ގަންނަން ނިންމައިފައިވަނީ އަންނަ 1 އިން ފެށިގެންނެވެ. މިކަމަށް ހާއްސަ ސެންޓަރެއް ނޯތު ހާބަރު ސަރަހައްދުގައި ހަދަން މަސައްކަތް ކުރި ނަމަވެސް ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ކުރުމުން އެ މަސައްކަތް ވަނީ މަޑުޖެހިފަ އެވެ.